ބޯވަ

ބުދަ ދުވަހާ ގުޅޭ


މަންމަ ގެއަށް ވަނީ ވެސް ކުރުސި ކިޔަވަމުންނެވެ.

"ތި ވާނީ ހިސާބުގަނޑުގެ ކޮންމެވެސް ނުލަފާ ފުރައިގެ ކުއްޖަކަށް،" އަހަރެން ބުނީމެވެ. "ގޯޅިގަނޑުގެ އަނެއް ފަޅީގަ ނޫންތޯ ހުރީ. ވެދާނެ އެހެން ބަޔެއްގަ އުޅޭ ކުއްޖަކަށް ވެސް. އަޅާނުލައްވާ! އިރުކޮޅަކުން ހިނގައިދާނެ."

މަންމަ ހަމަޔަކަށްއެޅުނެވެ. ކުދިކިޔަމުންގޮސް ބަދިގެއަށް ވަނެވެ. އަހަރެން ހުރީ ހިނގައިގަންނާނެ ކޮޅެއް ނޭނގިފައެވެ. ގޭގެ ދޮރާށްޓާ ހަމައަށް އަހަންނަށް ދެވޭނީ ރީނާ ހުރަސްކޮށްފައެވެ. އަހަރެން ފެންނައިރަށް ރީނާ ތަތްކޮށްލާނެއެވެ. ދެން މަންމައަށް ފެންނާނީ މާ ބިރުވެރި މަންޒަރެކެވެ. އެހެވިޔަނުދިނުމަށް ޓަކައި، ރީނާ ފެންނަ ހިސާބަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އޮފީހަށް ދާންޖެހެއެވެ. ދެން ހަދާނެގޮތެއް ނޭނގުނެވެ. އަހަރެން ލަސްވެގެން މަސައްކަތަކަށް ދަތިވެއްޖެއްޔާ ކޮންމެ ފަދަ ފިޔަވަޅެއް ވެސް އަޅައިފާނެއެވެ. އެ ވަގުތު ނަބީލު ގުޅިއެވެ. އޭނަގެ ބައްޕަ ސިޑިން ވެއްޓިގެން ގެއަށް ދާންޖެހިއްޖެއެވެ. އަހަރެންގެ ހާސްކަން ރަތްކުލައިން ދިއްލެން ފެށިއެވެ. އެންމެ ފަހުން ނަބީލު ހޮސްޕިޓަލަށް ނައްޓައިލިއެވެ. އަހަންނަށް ގޮތް ހުސްވިއެވެ. އެ ގަޑީގައި އަހަރެން އޮފީހަށް ދާންޖެހޭނެކަން ރީނާއަށް އެނގެއެވެ. އަހަރެން ގޭގައި އުޅޭކަން ވެސް އެނގެއެވެ. ދިމާވަންދެން ރީނާ ހުންނާނެއެވެ. އެއީ ޔަގީންކަމެކެވެ. ގޮތެއް ނެތިގެން ގެއިން ނުކުތީމެވެ. އަހަންނަށް މާ ދުރުން ރީނާ ފެނިއްޖެއެވެ. އަރާހަމަވިއިރު ވެސް އޭނަގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.

"ލޯބީ!" އަހަރެން ފެންނައިރަށް ތަތްކޮށްލައިފައި ރީނާ ބުންޏެވެ.

"އަހަނ ރީނާ!" ސިހިފައި އަހަރެން ބުނީމެވެ. "ކިހިނެއްވީ؟"

"ލޯބިޔާ މީޓްކުރަން އައިސް މިހިރީ،" ހިތްދަތިވެގެން އަރު ބެދެން ކައިރިވެފައިވާ އަޑަކުން ރީނާ ބުންޏެވެ. "ލޯބި ނުވެސް ނުކުންނަމެއްނު. ކިހާ އިރެއް އަހަރެން ހުންނަތާ! ފޯނެއް ވެސް ނުނަގާ! މިހާރު އޮފީހަށް ލަސްވެއްޖެއްނު!"

އަހަންނަށް ހީވީ ރަނގަޅަށެވެ. ރީނާ އިނީ މަޅިފަތިޖަހައިގެންނެވެ.

"ލޯބީ އަވަހަށް ހިނގާ ދާން،" ރީނާ ކަރުނަ ފުހެމުން ބުންޏެވެ. "މާ ލަސްވެއްޖެއްޔާ މައްސަލަޖެހޭނެއްނު! ދަމުންދަމުން އަހަރެން ގެއަށް ޑްރޮޕްކޮށްލާ އިނގޭ!"

"އުހުނއުހުނ!" އަހަރެން އިންކާރުކުރީމެވެ. "ޑްރޮޕްކުރާކަށް ނެތް ޓައިމެއް. ފަހުން ގުޅާނަން. ދެން ނުރޮއި ދޭ ގެއަށް!"

އަހަރެން ސައިކަލަށް އަރައިގެން އޮފީހާ ދިމާއަށް މިސްރާބުޖެހީމެވެ. ދިޔައިރު ވެސް ހިތަށްއެރިއެވެ. ރީނާ އަނެއްކާ ވެސް ކޮޅެއް ހޯދީއެވެ. ފަހުން ގުޅާނަމޭ އަހަރެންނަށް ބުނެވިއްޖެއެވެ. ނުގުޅައިފިއްޔާ ކުށްވެރިވާނީ އަހަންނެވެ. ނުގުޅީ ކީއްވެތޯ ބަލަން ރީނާއަށް ގުޅޭނެއެވެ. ކޮންމެ ފަހަރަކު ވެސް ރީނާ ހަދަނީ އެ ކަހަލަ މަކަރެކެވެ. އެކަމަކު އޭނައަށް ވުރެ އަހަރެން ހުޝިޔާރުވާންޖެހުނެވެ.

ރީނާ ގުޅި އަދަދެއް ނޭނގެއެވެ. ދިހަ ވަރަކަށް ފަހަރު ގުޅައިފިއްޔާ އަހަރެން ޖަވާބުދެނީ ތިން ފަހަރުއެވެ. ދެތިން އެއްޗެއް ބުނެލައިފައި ބާއްވަނީއެވެ. ދެ ދުވަސް ވަންދެން އެހެން ހެދުމަށް ފަހު ދިހަ ފަހަރުން އެއްފަހަރު އަހަރެން ޖަވާބުދޭން ފެށީމެވެ. ރީނާގެ ޝަކުވާއެއް ނާދެއެވެ. ކަންތައް ވަމުންދިޔައީ އަހަރެން ހީކުރި ގޮތަށެވެ. ދެން ދުވާލަކު އެއްފަހަރަށް ބަދަލުކޮށްލައިގެން ހަފުތާއަކު އުޅުނީމެވެ. އެއަށް ފަހު ރީނާގެ ފޯނަށް ޖަވާބުދިނުން ހުއްޓައިލީމެވެ. އެ ހިސާބުން ރީނާގެ ކޯލު އައުން ވެސް ހުއްޓުނެވެ. އަހަންނަށް ހަމަނޭވާލެވުނެވެ. އޭރު އަހަރެން ހުރީ ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ވެސް ވަރުބަލިވެފައެވެ.

ރީނާގެ ފޯނުކޯލު އައުން ހުއްޓުނުތާ ދެވަނަ ދުވަހެވެ. ހަވީރު ހަތަރެއްޖަހާކަންހާއިރެވެ. ވަރަށް ހަމަޖެހިލައިގެން ޕްރޮގުރާމެއް އެޑިޓުކުރަން އިންދައި ނަފީސާ ދޮރުގައި ޓަކިޖަހައިލިއެވެ.

"ތި ފޯނު ޖައްސަބަލަ! ކުއްޖަކު މިހާރު ގުޅާގުޅާ ވަރުބަލިވެއްޖެ!" ނަފީސާ އެހެން ބުނެލައިފައި ދިޔައީއެވެ.

އަހަރެންގެ ގައިން ހީވީ ހަކަތަ ހުސްވިހެންނެވެ. ހިތަށްއެރިއެވެ. އަނެއްކާ ގުޅަންފެށީ ހެއްޔެވެ؟ ފޯނު ނަގައިފައި ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ. އަހަރެން ފޯނު ޖެއްސީމެވެ. ފޯނު ރަނގަޅަށް ހުޅުވި ސިގުނަލު ލިބުމާއެކު ރީނާގެ ކޯލެއް އަންނަން ފެށިއެވެ. ހިތަށްއެރިއެވެ. ދެން ވިސްނައެއް ނުދެވޭނެއެވެ. އެއް ވާހަކައެއް އެއް ހާސް ފަހަރަކު ނުދެއްކޭނެއެވެ. އަހަންނަކީ ވެސް އިންސާނެކެވެ. އެ ކޯލު ނުނެގުމުން އޮފީސް ފޯނު ރަނގަބީލުވާން ފެށިއެވެ. އަހަރެން ކެތްކޮށްލައިގެން އިނީމެވެ. ދެން ފެނުނީ ރިސެޕްޝަނިސްޓު އައިތަނެވެ.

"އަމީން!" ހާސްވެފައި އަޒްރާ ބުންޏެވެ. "އަމީން ހޯދަން އެބަހުރި ކުއްޖަކު އައިސް. އޭނަ އެބަ ރޮއި."

"އޭނ؟" އަހަންނަށް ބުނެވުނެވެ. "ރޮނީއޭ؟"

"އާނ!" ކުރިޔަށް ވުރެ ހާސްވެފައި އަޒްރާ ބުންޏެވެ. "ރޮއިރޮއި އެ ކުއްޖާ ފަކީރުގެ ދެ ލޯ ރަތްވެފަ މިހާރު ހުރީ. އަހަރެން ބުނެފިން އެތެރޭގަ އިށީންނާށޭ. ނުވެސް އިށީން. ދޮރުކައިރީގަ ހުރެގެން ހަމަ ގިސްލަގިސްލާފަ ރޮނީ. ނުވާނެ އެހެން ހަދާކަށް. ދޭބަލަ!"

"އެކަމަކު މަ ކީއްތަކުރީ؟" އަހަންނަށް ބުނެވުނެވެ.

"އަހަންނަށްތަ އެނގެނީ؟" އަޒްރާ ބުންޏެވެ. "ދެން ދޭބަލަ! މިއަދު އެބައޮތް މީޓިންނެއް ވެސް. މިނިސްޓަރު ވެސް ވަޑައިގަންނަވާނެ މިހާރު. ދެން ދޭބަލަ!"

އަހަންނަކަށް ނީނދެވުނެވެ. މިނިސްޓަރާ ހަމައަށް މައްސަލަ ތިލަވެއްޖެއްޔާ އޮފީހުގައި އަހަރެންގެ އަގުވެއްޓުނީއެވެ. ނިކަން އަވަސް ހިނގުމެއްގައި އަހަރެން ނުކުތީމެވެ. އޭރު އެތައް ބަޔެއްގެ ރާޑަރަށް ރީނާ އަރައިފިއެވެ. މީހުން ޗުކުޗުކުލައްވާ އަޑު ވެސް އިވެއެވެ. އަހަރެން ރީނާ ގާތަށް ގޮސް އޭނަ ގޮވައިގެން ތަންކޮޅެއް ދުރަށްޖެހިލީމެވެ.

"ކިހިނެއްވީ؟" އަހަރެން އެހީމެވެ.

"ލޯބީ ފޯނު ނުނަގަނީ ކީއްވެތަ؟" ގިސްލަމުން ރީނާ އެހިއެވެ. "ލޯބި ބުނީމެއްނު ރުޅިއެއް ނޫނޭ."

ރުޅިއެއް ނޫނޭ އަހަންނަށް ބުނެވުނީ ކޮންއިރަކު ހެއްޔެވެ؟ ރީނާ ކޮންމެވެސް ވާހަކައެއް ހަދައިލީއެވެ.

"ހިނގާބަލަ ބޭރަށް." އޮފީހުން ރީނާ ނެރުމުގެ މަގުސަދުގައި އަހަރެން ބުނީމެވެ.

"ލޯބީ! މިއަދު ނުވެސް ކައި މިހިރީ!" ވަރަށް ހިތްދަތި އަޑަކުން ރީނާ ބުންޏެވެ. "ވަރަށް ބަނޑުހައިވެފަ މިހިރީ."

ރީނާ ނުކައިހުރީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ އަހަރެން ޒިންމާވާންޖެހޭ ކަމެއް ހެއްޔެވެ؟

"އާނ ހިނގާ އެއްޗެއް ކަމާ ދޯ!" ސައިކަލަށް އަރަމުން އަހަރެން ބުނީމެވެ.

އަހަރެންގެ ޑިއުޓީ ގަޑިއެވެ. ނިންމަންޖެހޭ ޕްރޮގުރާމެއް އޮތެވެ. އެ ދަނޑިވަޅު އޮފީހުން ނުކުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެހެން ގޮތެއް ނެތީއެވެ. ކޮންމެވެސް ތަނަކަށް ވައްދައިގެން ނަމަވެސް އޮފީސް މީހުންގެ ލޯމަތިން ރީނާ ގެއްލުވައިލަން ޖެހުނީއެވެ. އަހަރުމެން ދިޔައީ އޮފީސް ކައިރީގައި ހުރި ކެފޭއަކަށެވެ. އެ ތަނުން ސޭންޑުވިޗަކާއި، ހެދިކާއާ އޭތިމީތި ކާންދިނީމެވެ. ފުރަތަމަ ފަހަރަށް އަހަރެން ބިލަން ފައިސާދެއްކީމެވެ. އެހެން ކޮންމެ ފަހަރަކު ވެސް ބިލަށް ފައިސާދައްކާނީ ރީނާއެވެ. ހިތަށްއެރިއެވެ. ބިލަށް ފައިސާދައްކައިގެން ވިޔަސް އެ ހިސާބުން އެ ކަން ނިންމައިލާނަމެވެ. އަހަރެން ހުރީ ފޫހިވެފައެވެ. ރުޅިއައިސްފައެވެ. އެހެންނަމަވެސް ވާހަކަދެއްކީ ވިސްނައިދޭ ރާގުގައެވެ.

"ބުނަން ރީނާ ވާހަކައެއް،" އަހަރެން ބުނީމެވެ. "އަހަރުމެން ދެ މީހުނަކީ ވަރަށް ޚިޔާލު ތަފާތު ދެ މީހުން. ފުރަތަމަ ވެސް އަހަރެން ބުނީމެއްނު ސީރިޔަސްއެއް ނުވެވޭނޭ. ބުނީމެއްނު ދޯ! އަނެއްކޮޅުން މި ކަންތައް މި ދިމާވިގޮތުން އަހަންނަކަށް ނެތް ކޮންޓިނިޔު ކުރެވޭކަށް. ތި ރަށު ކުއްޖަކާ އިންނާކަށް އަހަރެންގެ ޕޭރަންޓުން ގަބޫލެއް ނުވާނެ. މި ވާހަކަ ވެސް ކުރިން ބުނީމެއްނު. ހިނގާ ދެން މި ހިސާބުން ނިންމާލަމާ! މައިންބަފައިންގެ ރުހުން ނެތި މި ކަހަލަ ކަންކަމެއް ނުކުރެވޭނެ. ކިތަންމެ ކުރަން ބޭނުންވިޔަސް ނުކުރެވޭނެ. ދެން އޮތީ ރީނާ ކުރި ކަންތައް. ރާބުއިމާ، ރިސޯޓަށް ދިޔުމާ އަހަންނަކަށް ހަމަ ހަޖަމެއް ނުވާނެ. އެބަ އަންޑަސްޓޭންޑްވޭ ދޯ މި ބުނާ އެއްޗެއް؟ އެހެންވެ ދެން ހިނގާ ދެ މީހުން ވެސް ރީތި ގޮތުގަ މި ކަން ނިންމާލަމާ ދޯ!"

ރީނާ ޖަވާބެއް ނުދެއެވެ. ބަލަހައްޓައިގެން އިންނަނީއެވެ. ލޯބީގެ ވާފަށް ކަނޑާލަން އޭނަ ބޭނުން ނުވާނެކަން އަހަންނަށް އެނގެއެވެ. ކޮންމެ ސިފައެއްގައި ވިޔަސް ރީނާ ބޭނުންވާނީ ކުރިޔަށް ގެންދާށެވެ.

"ސާފުވެއްޖެއްނު ދޯ!" އޯގާތެރިކޮށް އަހަރެން ބުނީމެވެ. "ދެން ހިނގާ ދަމާ! މީ ޑިއުޓީ ގަޑި. މާ ގިނައިރަކު ބޭރަކު ނޫޅެވޭނެ. ރީނާ ވެސް ދެން ދޭ ގެއަށް. މާ ގިނައިން އެކި ނަންބަރުތަކަށާ އަހަންނަށް ވެސް ނުގުޅާތި! ރީނާ ބޭނުންތަ އަހަންނާ ދިމާއަށް މީހުން އެއްޗެހިކިޔާ މަލާމާތްކުރަން؟"

ބޮލުގެ އިޝާރާތުން ރީނާ ނޫނެކޭ ބުންޏެވެ. އަހަރެން ބެލީ ރީނާއަށް ވިސްނެނީ ކަމަށެވެ.

"ދެން ހިނގާ ދަމާ!" ތެދުވަމުން އަހަރެން ބުނީމެވެ.

"އެކަމަކު ދެން އަހަރެން ކީއްކުރާނީ މި ގަޑީގަ؟" ރީނާ އެހިއެވެ.

ރީނާ ކުރާނެ ކަންތައް އެނގޭނީ އަހަންނަށް ހެއްޔެވެ؟ ބޭނުންވަނީ އެހެން ކިޔައިފައި ހަޅޭއްލަވައިގަންނާށެވެ.

"އަނެއްހެން ހަދައިދޭންވީނު،" ރީނާ ބުންޏެވެ. "އަހަރެން ލައިބްރަރީއަށް ޑްރޮޕްކޮށްލަދީ!"

ހަގީގަތުގައި އަހަރެންގެ ސައިކަލަށް ރީނާ އަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ހިތަށްއެރިއެވެ. އޮފީހަށް ދާނީ އެ ކަން ވެސް ކޮށްދީފައެވެ. އޭރުން ވެސް އަހަންނަށް ތަންކޮޅެއް ހަމަޖެހިލައިގެން އިނދެވޭނެއެވެ.

"އެކަމަކު މީ ދެން އެންމެ ލާސްޓް ކަންތައް އިނގޭ!" އަހަރެން ހަނދާންކޮށްދިނީމެވެ.

"އާނ އޯކޭ!" ވަރަށް ހިތްދަތި ރާގެއްގައި ރީނާ ބުންޏެވެ. "އެކަމަކު އަސްލު ކިހާ ސޭޑް ދޯ! ގެއަށް ގޮއްސިއްޔާ ހައްތަހާ ވޮރީކުރެވޭނީ. އެހެންވެ ލައިބްރަރީގަ ދެން އިންނާނީ. ކިތަންމެ ލޯންލީ ވިޔަސް ނަސީބުގަ ނެތް ކަމެއް ނުވާނެއްނު!"

އެ ބަހުރުވަ އިވިއިވި އަހަރެން ފޫހިވެއްޖެއެވެ. އެ ނިޔަނެތިކަމާއި ނާޒުކުކަން ބަލާބަލާ އަހަރެން ވަރުބަލިވެއްޖެއެވެ. އެއީ އަސްލެއް ނޫނެވެ. ރީނާއަކީ އުޅުމެއް ނެތް، މަކަރުގަދަ ކުއްޖެކެވެ. އެހެން މީހެއްގެ އިހުސާސްތަކާއި، މިނިވަންކަމަކީ ރީނާއަށް އެއްވެސް މުހިންމު އެއްޗެއް ނޫނެވެ. ރީނާގެ އޮންނަނީ އެންމެ އަމާޒެކެވެ. އަނެކާ ފަޟީހަތްކޮށްގެން ވިޔަސް، މަޖުބޫރުކޮށްގެން ނަމަވެސް ތިމާ ބޭނުން ކަންތައް ކުރެވެނިކޮށް ނިމުނީއެވެ. ރީނާޔާ ރައްޓެހިވެގެން އެކަކަށް ވެސް ނޫޅެވެނީ އެހެންވެއެވެ. އިތުރަށް ރީނާގެ މަޅީގައި ތާށިވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ސައިކަލަށް ރީނާ އެރުވިއިރު އަހަރެން ހިތުން އަހަންނަށް ރީނާ ދަސްވެއްޖެއެވެ. އޭނަޔަކަށް ދެން އަހަންނަކަށް ލަނޑެއްނުދެވޭނެއެވެ. އެކަމަކު އޭރު ވެސް އަހަރެންގެ ކަރަށް މަޅިއެއް މެހި، ބެދެމުންދާކަމެއް އަހަންނަކަށް ނޭނގެއެވެ.

ނުނިމޭ