"ސިމްބާ"ގެ ޓްރެއިލާ: ރަންވީރު ސިންގްއާ ކުޅެން ނަހަދާތި

އަހަރު ނިމުމަކަށް އަންނަ އިރު، ހިންދީ ފިލްމުތަކަށް ލޯބި ކުރާ މީހުން އެންމެ ބޮޑަށް މި އަހަރު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ "ސިމްބާ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.


މި ފިލްމަކީ ޒުވާން އެކްޓަރު ރަންވީރު ސިންގް ފުރަތަމަ ފަހަރަށް ފުލުހެއްގެ ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. ޓްރެއިލާ އިން އޭނާގެ ގަދަފަދަކަމާއި ސިޔާސަކަން ވަނީ ދައްކާލައިފަ އެވެ. "ސިމްބާ"ގެ ޓްރެއިލާ ފެށިގެން އަންނަނީ އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމު "ސިންގަމް"ގެ މަންޒަރުކަތާއި އޭނާގެ ނެރޭޝަނާ އެކުގަ އެވެ.

"ސިމްބާ" ގައި ކިޔައި ވެސް ދޭނީ ސިންގަމް ކަހަލަ ވަރުގަދަ، ޖެހިލުން ކުޑަ އަދި އާންމުން ލޯބިވާ ކަހަލަ ލާނެތް ފުލުހެއްގެ ވާހަކަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމުތަކުގައި ހުންނަ ހުރިހާ ރަހަައެއް މި ފިލްމުގައި ވެސް ހުންނާނެ ކަމެވެ.

ޔަގީނުން ވެސް "ސިމްބާ" ވެގެން ދާނީ ބެލުންތެރިން ފިލްމު ބަލަމުންދާ އިރު، ސިނަމާތަކުގައި ތުބުން ފުބެ، ފޯރި ނަގާނެ ކަހަލަ ފިލްމަކަށެވެ. ފިލްމުގައި ވަރުގަދަ އެކްޝަން މަންޒަރުތަކާއި ލޯތްބާއި ޑްރާމާއާ އެކު މަސާލާގަނޑު ހެޔޮވަރުވެގެން ވަރުގަދަ ޑައިލޮގްތައް ވެސް އިވިގެން ދާނެ އެވެ.

މި ފިލްމުވެގެން ދާނީ ކައިވެންޏަށް ފަހު، ރަންވީރު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި މިއީ އަންހެނުން ދީޕިކާ ޕަދްކޯން ޓައިޓްލް ރޯލް ކުޅެ، މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ރަންވީރު ފެނިގެން ދާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ސިމްބާ" ގައި ރަންވީރާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާނެވެ. މިއީ އޭނާގެ ދެވަނަ ފިލްމެވެ. ސާރާގެ ފުރަތަމަ ފިލްމަކީ މި މަހުގެ 7 ގައި ރިލީޒް ކުރާ "ކެދަރުނާތު" އެވެ.

"ސިމްބާ" ގެ ޓްރެއިލާ ރަންވީރު ޓްވީޓްކޮށްފައި.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނާއި ރޯހިތުގެ ރޯހިތު ޝެޓީ ފިލްމްސް އިން ގެނެސްދޭ "ސިމްބާ"ގެ ވިލަންއަކީ ސޯނޫ ސޫދެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ފިލްމީ ވިޔަފާރި ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި "ސިމްބާ" އަކީ ވެސް މި އަހަރު 100 ކްރޯޑްގެ އާމްދަނީއެއް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހޯދާނެ ފިލްމެކެވެ. އަދި މި ފިލްމަކީ ރަންވީރުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ.

ވަކިން ހާއްސަކޮށް ރޯހިތަށް ބެލުންތެރިން ކުރާ އިތުބާރާ އެކު "ސިންގަމް" އަކީ އޭނާގެ 100 ކްރޯޑް ފިލްމުގެ ލިސްޓަށް ވެސް އިތުރުވާނެ ބޮޅެކެވެ. ރޯހިތަކީ މިހާރު ވެސް ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން 100 ކްރޯޑް އާމްދަނީގެ ފިލްމުތައް އެންމެ ގިނަ ޑައިރެކްޓަރެވެ.

އެ އަދަދު 7 އަށް އަރާ އިރު، ރޯހިތު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު ރިލީޒް ކުރި "ގޯލްމާލް އެގެއިން" އެވެ. އަށްޑިހަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 311.05 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.