ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮޑު ބަޖެޓަކުން ހެދި "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު، ޔާޝްރާޖް ފިލްސްމް (ވައިއާރްއެފް) އިން އަނެއްކާވެސް ބޮޑު ބަޖެޓެއްގެ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.


މި ފަހަރުގެ ފިލްމަކީ 2020 ގައި ރިލީޒް ކުރަން ނިންމާފައިވާ "ޝަމްޝޭރާ" އެވެ. މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ އަށް ބްރަދާޒް (2015) އާއި އަގްނީޕަތު (2012) ޑައިރެކްޓްކޮށް ދިން ކަރަން މަލްއުތުރާގެ ތިން ވަނަ ޑައިރެކްޝަނެވެ.

"ޝަމްޝޭރާ" ގެ ތަރިންނަކީ ރަންބީރު ކަޕޫރާއި ސަންޖޭ ދަތާއި ވައިިއާރްއެފްގެ ފިލްމެއް ނޫނީ ކުޅެން ނުލިބޭ ބަތަލާ ވާނީ ކަޕޫރެވެ. މުމްބާއީގެ ގޯރިގާއޯންގައި މި ފިލްމުގެ ޝޫޓިން ފަށައިގެން މިހާރު ކުރިއަށްދާ އިރު، ބައެއް މީޑިއާތަކުން ވަނީ މި އެކްޝަން/އެޑްވެންޗަ ފިލްމަށް ހާއްސަކޮށްގެން ހަދާފައިވާ ބިޔަ ސެޓެއްގެ ފޮޓޯ ވެސް ތިލަކޮށްފަ އެވެ.

"ޝަމްޝޭރާ" ގެ ޓީޒާ ޓްރެއިލާ.

"ޝަމްޝޭރާ" ވެގެން ދާނީ މީގެ ކުރިން ފިލްމަކުން ނުފެންނަ ކަހަލަ ތަފާތު ކެރެކްޓާއަކުން ރަންބީރު ފެނިގެން ދާނެ ފިލްމަކަށެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި، 31، 2020 ގަ އެވެ.

މިދިޔަ ޖޫން މަހު ރިލީޒް ކުރި "ސަންޖޫ" ގެ ބަތަލު ރަންބީރުގެ ކުރިއަށް އޮތް ފިލްމަކީ ލޯބިވެރިޔާ އާލިއާ ބަޓްއާ އެކު ކުޅެމުން އަންނަ "ބުރައްމަސްތުރާ" އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

"ޑްރީމް ގާލް"ގެ ޕޯސްޓަރު ދައްކާލައިފި

"ޑްރީމް ގާލް" މި ފަހަރު ނިސްބަތް ކުރަނީ އަންހެނަކަށް ނޫނެވެ. ރާޖް ޝާންދަލިޔާ ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމު "ޑްރީމް ގާލް" އަކީ އަޔޫޝްމަން ކުރާނާ އެވެ. މިހާރު ޝޫޓިން ވެސް ފަށާފައިވާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.

"ޑްރީމް ގާލް" ގެ ޕޯސްޓަރު.

އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ "ޑްރީމް ގާލް" އިން އަޔޫޝްމަންއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ނުޝްރަތު ބަރޫޗާ އެވެ. މިއީ މި ދެ ތަރިންގެ ޖޯޑު ސްކްރީނުން ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.

"ޑްރީމް ގާލް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ އަހަރު ފިލްމު ސިނަމާތަކަށް އަންނާނެ އެވެ.

ބާދުޝާ އާއި ދިލްޖީތު އެކީގައި

ސްޓާ ވޯލްޑުން މިހާރު ގެނެސްދޭ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން މި ފަހަރު މުޅިން ވެސް ގެނެސް ދެނީ ކޮންމެ އެޕިސޯޑެއްގައި ވެސް ދެ މެހުމާނުން ހިމަނައިގެންނެވެ.

ސްޓާ ވޯލްޑްގެ ޓްވީޓެއް.

އަންނަ އާދީއްތަ ދުވަހުގެ ރޭ ދައްކަން ހަމަޖެހިފައިވާ އެޕިސޯޑުން ފެނިގެން ދާނީ އިންޑިއާގެ އެންމެ ކާމިޔާބު ރެޕުންގެ ތެރޭގައި ހިމެނޭ ބާދުޝާ އާއި ޕަންޖާބީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންޖް އެވެ. ސްޓާ ވޯލްޑުން ވަނީ މި އެޕިސޯޑްގެ ޕްރޮމޯ ވެސް މިހާރު ބެލުންތެރިންނަށް ދައްކާލައިފަ އެވެ.

"ކޮފީ ވިތު ކަރަން" ގައި އިން ދިލްޖީތަށް އަލަށް ފުރުސަތެއް ލިބިގެން ދިޔަ އިރު، އޭނާ މިހާރު އަންނަނީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ ފިލްމު "ގުޑް ނިއުސް" ކުޅެމުންނެވެ. އެ ފިލްމުގެ ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރް، އަކްޝޭ ކުމާރު އަދި ކިއާރާ އަދުވާނީ ހިމެނެ އެވެ.

ރިތޭޝް އާއި ޖެނެލިއާ އެކީގައި

އެކްޓަރު ރިތޭޝް ދޭޝްކުމްއާ ކައިވެނިކޮށްގެން ދެ ދަރިން ވެސް ލިބުނު ފަހުން ބޮޑު ސްކްރީނާ ވަރަށް ބޮޑަށް ދުރަސް ޖެހިލައިފައިވާ ބަތަލާ ޖެނެލިއާ ފިރިމީހާއާ އެކު އަލުން ސްކްރީނުން ބައްދަލު ކުރަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 14 ގައި ރިލީޒް ކުރާ ފިލްމު މަރާޓީ ފިލްމު "މޯލީ" ގައި ރިތޭޝް އާއި ޖެނެލިއާގެ ޖޯޑު އެކީގައި ފެނިގެން ދާނީ ހާއްސަ ލަވައަކުންނެވެ.

"މޯލީ" ގައި ލަވަ ޖެނެލިއާ ޓްވީޓްކޮށްފައި.

ފިލްމުގައި ރިތޭޝްއާ އެކު ބަތަލާގެ ރޯލު ކުޅެފައި ވަނީ 2016 ގައި އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރާ އެކު ބޮލީވުޑަށް ތައާރަފުވި ބަތަލާ ސައްޔާމީ ކޭރް އެވެ.

ރިތޭޝް އާއި ޖެނެލިއާ އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ވެސް މަރާޓީ ފިލްމެއްގެ ލަވައަކުންނެވެ. އެއީ 2014 ގައި ރިލީޒް ކުރި "ލާބް ބާރީ" އިންނެވެ. ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ތުޖޭ މޭރީ ކަސަމް (2003)، މަސްތީ (2004) އަދި ތެރެ ނާލް ލަވަ ހޯގަޔާ (2012) ހިމެނެ އެވެ.