ބޯވަ

އާދިއްތަ ދުވަހާ ގުޅޭ އެކަމަކު އޭރު ވެސް އަހަރެންގެ ކަރަށް މަޅިއެއް މެހި، ބެދެމުންދާކަމެއް އަހަންނަކަށް ނޭނގެއެވެ. ރީނާ ސައިކަލަށް އެރުމާއެކު އަހަރެންގެ ގައިގައި ތަތްކޮށްލިއެވެ. ބުރިކަށީގައި ބޯއަޅައިލިއެވެ. ފޮޅުވައިލަން ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. އެހެންނަމަވެސް އޭރުން އަޑުގެކޮޅަށް ރީނާ ރޯންފަށައިފާނެއެވެ. ހަޅޭއްލަވަން ފަށައިފާނެއެވެ. ރީނާ ލަދެއްނުގަންނާނެއެވެ. ލަދެއްގައިބެދޭނީ އަހަރެންނެވެ. ހިތަށްއެރިއެވެ. ލައިބްރަރީއާ ހަމައިން މި ކަން ނިމޭނެއެވެ. އެންމެ ސުލްހަވެރިކޮށް މި ކަން ނިމޭނީ އަޅާނުލިއްޔާއެވެ. ދަތުރަށް ފެށީމެވެ. އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެކަމަކު ގާތްތިމާގެ މީހަކު ފެނޭތޯ މުޅި މަގަށް ލޯއަޅަމެވެ. ނަސީބަކުން ރައްޓެއްސަކާ ވެސް ދިމައެއްނުވިއެވެ. ދިޔަގޮތަށް ގޮސް ލައިބްރަރީ ކައިރިއަށް ސައިކަލު މަޑުކޮށްލީމެވެ. އަހަރެންގެ ބުރިކަށި މަތިން ރީނާއެއް ނުތެދުވިއެވެ. ހަމަ ބޯއަޅައިލައިގެން އޮތީއެވެ. ހިތަށްއެރިއެވެ. އޭނައަށް ނިދުނީބާއެވެ؟ ރީނާއަކީ ތަނެއްގައި ޖެހޭއިރަށް ނިދޭ ކުއްޖެކެވެ. ހަގީގީ ދުނިޔޭގެ ސްލީޕިންބިއުޓީއެވެ. ހުވަފެނީ ދުނިޔެއްގައި ރީނާއަށް ނިދިފައިއޮތްއިރު މަގުން ދިޔަ ކޮންމެ މީހަކު އަހަންނާ ދިމާއަށް ބެލިއެވެ.


"އޭ!" މަޑުމަޑުން އަހަރެން ބުނެލީމެވެ. "މިއޮތީ އާދެވިފައޭ! ދެން ފައިބަންވީނު! ވަރަށް އެބަ ލަސްވޭ!"

ރީނާގެ ޚަބަރެއް ނުވިއެވެ. އެއްވެސް ހަރަކާތެއް ވެސް ނުކުރިއެވެ. އެކަމަކު، ކުޑަމިނުން އޭނަ ގައިގައި ކޮއްޓައިލަން ވެސް އަހަރެން ބޭނުމެއް ނޫނެވެ. ދެ މިނިޓު ވަރު ވެއަތުވިއެވެ. އޭރު އަހަރުމެންނަކީ އިސްތިހާރުބޯޑަކަށް ބަދަލުވެއްޖެއެވެ. ހުރަސްކުރާ ބައެއް މީހުންގެ މޫނުމަތިން މަލާމާތުގެ ހިނިތުންވުން ފެންނަން ފަށައިފިއެވެ. ރީނާގެ ހިތް ފުރޭނީ އަހަރެން ކިހާ ވަރަކަށް ފަޟީހަތްކުރެވުނީމައި ހެއްޔެވެ؟ ދުވާލުގެ ވަގުތެވެ. މަގުމަތި ނުލާހިކު ހަލަބޮއްޔެވެ. އެންމެ ފަހުން، މަޖުބޫރުވެގެން ރީނާ ގައިގައި ކޮއްޓައިލީމެވެ.

"އާދެވިއްޖޭ!" މަޑުމަޑުން ބުނީމެވެ. "ހޭލަބަލަ!"

"އާދެވުނީ؟" ހައިރާންކަމާއި ހިތްދަތިކަމުން ފުރިގެންވާ އަޑުން ރީނާ އެހިއެވެ.

"އާނ އާދެވުނީ،" އަހަރެން ޔަގީންކަންދިނީމެވެ. "ނަސީބެއްނު ނިދިގެން ނުވެއްޓުނުކަން."

"ކީއްވެ އެހާ އަވަހަށް އާދެވުނީ؟" ރީނާ ސުވާލުކުރިއެވެ.

"އަހަންނަކަށް ނޭނގެ ތި ސުވާލަށް ދޭނެ ޖަވާބެއް ވެސް،" ކުޑަކޮށް ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ. "ދެން ފައިބާ އަވަހަށް."

"ލޯބި ރުޅިއައީތަ؟" ރީނާ އެހިއެވެ. "ކީއްވެގެންތަ އެހާ އަވަހަށް ރުޅިއަންނަނީ ލޯބީ؟"

އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެންގެ ރަދީފުގައި ހުރި އޮމާން، ރީތި ލަފުޒުތައް ހުސްވާން ކައިރިވެއްޖެއެވެ. ދެން ހުރީ ކޮޅު ތޫނު، ހަރުކަށި ލަފުޒުތަކެވެ. ދަގަނޑަށް ވުރެ ވަރުގަދަ، ބަރު ލަފުޒުތަކެވެ. އެއިން އެއްޗަކުން ރީނާ ގައިގަ ނުޖަހައިވޭތޯ ލައްކަ މަސައްކަތްކުރީމެވެ.

"ކޮބާ؟" އަހަރެން ބުނީމެވެ. "ދެން އަވަސްކޮށްލާ!"

މަޑުމަޑުން ރީނާ ސައިކަލުން ފައިބަން ފެށިއެވެ. ހީވަނީ އޮމާން ފޮތިގަނޑެއް ސައިކަލުގެ މަޑިމަތިން ސޮހޭހެންނެވެ. ވަރަށް މަޑުމަޑުން، ލަސްލަހުން ފައިބަމުންގޮސް އެ ފޮތިރޯލު ފައިބައި ހުސްވިއެވެ. ރީނާ ބިންމަތީގައި ދެ ފައި ޖެއްސިއެވެ. އޭރު ވެސް ރީނާގެ ނިޔަތަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. ހަގީގަތުގައި ވެސް އަހަންނަކީ ބަސްއަހާ، މާސޫމު ފިޔޮކެކެވެ. ލަންކާގައި އެތައް ޒަމާނެއް ވަންދެން ކިޔަވަންއުޅެފައި އައީމައި ދިވެހި އަންހެންކުދިންގެ ޗާލާކުކަން އަހަންނަކަށް ނޭނގެއެވެ.

"ދެން ހަމަ އަހަރުމެން ސެޕަރޭޓްވަނީތަ؟" ރީނާގެ ހިތްދަތި ޝަކުވާތައް ބަންޑުންކުރަން ފެށިއެވެ. "އަހަރެން ހާދަ ލޯންލީވާނޭ. ހާދަ ދެރަވާނޭ. އަޅެ ލޯބި ނުދޭބަލަ! އަދި ކުޑައިރުކޮޅަކު މަޑުކޮށްލަބަލަ!"

"ރީނާ!" ދަރިއަކާ ވާހަކަދައްކާހާ އޯގާތެރިކޮށް އަހަރެން ބުނީމެވެ. "ސެޕަރޭޓްވާން ނިންމައިގެނެއްނު އަހަރުމެން މި ތަނަށް މި އައީ ވެސް. ދެންމެއެއްނު އެ ވާހަކަދައްކާ އެއްބަސްވީ. އަހަރުމެންނަކަށް ނެތޭ މި ކަން ކޮންޓިނިއުކުރެވޭކަށް. އަހަރެންގެ ޕޭރަންޓުން ގަބޫލެއް ނުވާނޭ ރީނާ. މައިންބަފައިންނާ ދެކޮޅަކަށް ކަންކަމެއް ނުކުރެވޭނެއްނު. މާ ރަނގަޅެއްނު އަހަރެންނަކީ ފްރެންޑެއް ގޮތަށް ބެލިއްޔާ. ކުޑަކޮށް ކޮފީއަށް އަރާލާ، ދޭތެރެއަކުން ބުރެއްޖަހާލާ، ޖަސްޓް ބީ ފްރެންޑްސް ފޯ އެވަރ!"

ރީނާ އެއްޗެއް ނުބުންޏެވެ. އޭނަގެ ސިކުނޑީގައި އެ ވަގުތު އެނބުރެމުންދިޔައީ ކޮން ކަހަލަ ޚިޔާލެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހުރީ އެއްވެސް ކަމަކަށް ތައްޔާރުވެގެނެއް ނޫނެވެ. ރީނާ ހުރީ އަހަންނާ ވަރަށް ގާތުގައެވެ. އަހަރެންގެ ހިތް ބުންޏެވެ. ރީނާގެ ނިޔަތް ރަނގަޅެއް ނޫނެވެ. ކުއްލިއަކަށް ސައިކަލުގެ ތަޅުދަނޑި ޖަހައިގަންނަން ރީނާގެ އަތް ހަރަކާތްކުރިތަން އަހަންނަށް ފެނުނެވެ. ރީނާގެ ހަގީގީ މަގްސަދު އަހަންނަށް ވިސްނުނީ އެ ހިސާބުންނެވެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ރީނާގެ ކަންފަތުން އެތެރެއަކަށް ނުވަދެއެވެ. އަހަރެން ދޫކޮށްލާކަށް ރީނާ ނުނިންމައެވެ. އޭނަ ނިންމައިގެން ހުރީ އަހަރެން ތާށިކޮށްލާށެވެ. ސައިކަލުގެ ތަޅުދަނޑިޔާ އެކުގައި އޮފީހުގެ ވަތްގަނޑު ތަޅުދަނޑިޔާ، ގޭގެ ދެ ތަޅުދަނޑިއެއް ވެސް އޮންނާނެއެވެ. އެ ތަޅުދަނޑިފަތި ރީނާ އަތުގަޖެހޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއްލި އަތުން ރީނާގެ މުލައްދަނޑީގައި އަހަންނަށް ހިފުނެވެ. ނިކަން ބާރުލައިފައި ރީނާގެ އަތް އަނބުރައިލީމެވެ. ލާންނުޖެހޭހާ ބާރު އަހަންނަށް ލެވުނެވެ. އަތަށް ތަދުވެގެން ރީނާ ހަޅޭއްލަވައިގަތެވެ. ކަކޫމައްޗަށް ތިރިވިއެވެ. ނިކަން ބާރަށް ރީނާގެ އަތް އޭނަގެ ގަޔާދިމާއަށް ހޫރައިލީމެވެ. ރީނާގެ އަތް ޖެހުނީ ސައިކަލުގެ މުއްގަނޑުގައެވެ. މުއްގަނޑުގައި ޖެހުނީ އަތުގެ ކުޑަހުޅުކަމެއް، އިނގިއްޔެއްގެ ބަދައެއްކަމެއް އަހަންނަކަށް ނޭނގެއެވެ.

"އައްދޯއި!" ރީނާ ހަޅޭއްލަވައިގަތެވެ.

"ބުނަން ވާހަކައެއް!" އަހަރެންގެ ރުޅީގެ ކަށި ހަތަރު ސަތޭކައިގައި ތަތްލިއެވެ. "ދެން ތި ކަހަލަ ކަމެއް ކޮށްފިއްޔާ އަތް ބިންދާލާނީ! ދުވަހަކު ވެސް ދެން އަހަންނަށް ނުގުޅާތި! މި ހިސާބުން މި ނިމުނީ. ދި އެންޑް!"

ރީނާ ދުރަށް ކޮއްޕައިލައިފައި އަހަރެން ސައިކަލުގެ މުއްގަނޑު އަނބުރައިލީމެވެ. ރީނާ އިދިފުށަށް ވެއްޓުނުހެން ހީވިއެވެ. އަހަރެން ފަސްއެނބުރި ބަލައި ވެސް ނުލަމެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައި، ރަތްބޮކި ދިއްލި، ބޮކި ވެސް ތަޅައިގެންދިޔައީއެވެ. އެކަމަކު އެއީ އަހަރެން އަންހެނަކަށް އަނިޔާކުރި ފުރަތަމަ ފަހަރެވެ. ހަމައެކަނި ފަހަރެވެ. ކުރަން ބޭނުންވި ކަމެއް ނޫނެވެ. ކުރާހިތްވި ކަމެއް ވެސް ނޫނެވެ. އޮފީހަށް ވަދެފައި ވެސް އަހަންނަކަށް ހިތްހަމައެއް ނުޖެހެވުނެވެ. ކުރެވުނު ކަންތައް އަހަންނަކަށް ރަނގަޅެއް ނުވިއެވެ. ރީނާގެ އަތްއަނބުރައިލެވުނީ ކިހާ ބާރަކަށްކަން އަހަންނަށް އެނގެއެވެ. އޭނަގެ އަތަށް ގެއްލުމެއްވުން ވަރަށް ގާތޭ ހިތަށްއެރިއެވެ. އެ ވަރުން ނުވެގެން ރީނާ ކޮއްޕާ ވެސް ލެވުނެވެ.

އޮފީހުގައި ކުރަން ހުރި މަސައްކަތް ނިންމައިލެވުނީ ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށެވެ. ވީގޮތް އަހާލަން ރީނާއަށް ގުޅައިލަން ފޯނު ނެގީމެވެ. އެކަމަކު ހިތަށްއެރިއެވެ. ރީނާއަށް ގުޅައިފިއްޔާ އެ ދެވުނީ ނުބައި މެސެޖެކެވެ. އަހަންނަށް ކުރެވުނު ހުރިހާ ކަމެއް ވާނީ ބޭކާރެވެ. އަނެއްކާ ޖެހޭނީ ސުމަކުން ފަށާށެވެ. ރަނގަޅުވާނީ ނުގުޅިއްޔާއެވެ. ލިބުނު އަނިޔާގެ ސަބަބުން ވެސް އަހަރެން ދެކެ ރީނާ ރުޅިއަތުވެއްޖެއްޔާ ކިޔާ ރަނގަޅު ހެއްޔެވެ؟ ދެ މީހުންނަށް ވެސް ހަމަޖެހިގެން ހަޔާތުގެ ބާކީ ބައި ކުރިޔަށް ގެންދެވޭނެއެވެ. އެ ވިސްނުމުގައި އިންދައި ފޯނު ރަނގަބީލުވާން ފެށިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ރީނާގެ ކޯލެއްކަމަށް ހީކޮށެވެ. އަހަންނަށް އުޅެވުނީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މަޑުމަޑުން ފޯނު ނަގައިފައި ބަލައިލީމެވެ. ގުޅީ ޝަކީލާދައްތައެވެ. މަންމަގެ ތިމާގެ މީހެކެވެ. އަހަންނަށް ވުރެ އެތައް އަހަރެއް ދޮށީ މީހެކެވެ.

"ލައްބަ ކީކޭތޯ ދައްތާ؟" އަހަރެން ފޯނު ނެގީމެވެ. "މާ މީރު އެއްޗެއް ކެއްކީތޯ؟"

"އޭ!" ކުޑަކޮށް ހާސްވެފައި ދައްތަ ބުންޏެވެ. "ކިހިނެއް ހަދައިގެން ތި އުޅެނީ؟"

"ކިހިނެއްތޯ ވީ؟" އަހަރެން ހައިރާންވެފައި އެހީމެވެ.

"އަންހެންކުއްޖަކު މި ގެއަށް އައިސް އެބައިން ރޯން." ދައްތަ ބުންޏެވެ.

ޝަކީލާ ދައްތައަކީ ވަރަށް ގިނައިން އަހަރެންގެ ގެއަށް އަންނަ މީހެކެވެ. އަހަރެން ވަރަށް އިހުތިރާމުކުރާ މީހެކެވެ. އަހަރެންގެ ފަރާތުން ނުކިއްސަރު އެއްވެސް ކަމެއް ދައްތައަކަށް ނުފެންނާނެއެވެ. ކުޑައިރު އަހަންނަށް ބަސްއަހާ ފިޔޮކުގެ ނަން ހަރުކުރީ ވެސް އެ ދައްތައެވެ. އޭނަ ގާތަށް ރީނާ ދިޔައީ ކީއްކުރަން ހެއްޔެވެ؟ ރީނާއަށް އެ ގެ އެނގުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އަނެއް ފަޟީހަތް ބޮލުގައިއަޅަން ޖެހުނީއެވެ. ރީނާގެ އަތްއަނބުރައިލެވުނީތީ ހިތުގައިޖެހުނު ތަންކޮޅު އަލުން ފޫއްސަށް ބަދަލުވިއެވެ. ނަފުރަތަށް ބަދަލުވިއެވެ. ގެއަށް ގުޅައިފައި މަންމަ ގާތުގައި ދައްތަ އެ ވާހަކަ ބުނަން ދެން އޮތީ ކޮން ހުރަހެއް ހެއްޔެވެ؟

"ތި ގެއަށް އައީތޯ؟" އަހަންނަށް ބުނެވުނެވެ. "އޭނަ ކީއްކުރަންތޯ ދައްތަގެއަށް ދިޔައީ؟"

އެހެން ބުނިއިރު ވެސް ރީނާ އެ ގެއަށް ދިޔަ ސަބަބު އަހަންނަށް އެނގެއެވެ. ރީނާ ގުޅިޔަކަސް އަހަންނެއް ފޯނެއް ނުނަގާނެއެވެ. އެކަމަކު، ޝަކީލާދައްތަ ގުޅީމައި އަހަރެން ފޯނު ނަގާނެކަން ރީނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަހަރެންގެ ކޮންޓުރޯލު ރީނާއަށް ލިބޭނީ އެ ކަހަލަ ގޮތަކަށެވެ. އެއީ، ޒާތެއްގެ ބްލެކުމޭލެކެވެ.

"އަހަރެން ވެސް ހަދާނެގޮތެއް ނޭނގިފަ މިއިނީ،" ކަންބޮޑުވެފައި ދައްތަ ބުންޏެވެ. "އޭނަޔާ ވަރަށް ވާހަކަދައްކައިފިން. އިރުއޮއްސެނިކޮށް އައީ. އަހަރެން ވަރަށް ވިސްނައިދީ، ޖޫސްދީ ވެސް ހަދައިފިން. ސައި ވެސް ދީފިން. ވަރަށް މަސައްކަތް ކޮށްފިން އޭނަ ފޮނުވާލެވޭތޯ. އެކަމަކު ދާ ކަހަލަ ޚިޔާލެއްގައެއް ނޫން އޭނަ އިނީ. އަމީން އާދޭތޯ ކަންނޭނގެ އޭނަ އެ އިންނަނީ. ދައްތަގެ ހުރިހާ ކަމެއް ހުއްޓިފަ މީނީ. ނަމާދު ގަޑި ވެސް ކަޓައިފި މި ކަމަކާ ހެދި. ކިހިނެއްތަ ވެގެން މި އުޅެނީ؟"

އެ ވާހަކަ ދައްތައަށް ކިޔައިދޭކަށް އަހަރެން އަމުދުން ބޭނުމެއް ނޫނެވެ. އެކަމަކު ރީނާ ކިއީ ކީކޭކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ފައިދާއެއް ނެގެން އޮތް ދިމާއަކުން ރީނާ ފައިދާ ނަގާނެއެވެ.

"ކީކޭތޯ އޭނަ ބުނީ؟" އަހަރެން އެހީމެވެ.

"އޭނަ ބުނީ އަމީން ކޮންމެވެސް ކަމަކާ ދެރަވެގެން ކަންނޭނގެޔޯ އެ އުޅެނީ،" ދައްތަ ކިޔައިދިނެވެ. "ހިތްހަމަނުޖެހިގެންކަމަށް ވެސް ވެދާނޯ. ހުރިހާ ރުޅިއެއް ތިމަންނަޔަށޯ ބާލަނީ. އެއީ ތެދެއްތަ؟"

ރީނާ ދައްކައިފައި ހުރީ އަހަރެން ހީކުރި ކަހަލަ ވާހަކައެއް ނޫނެވެ. މުޅިން ތަފާތު ވާހަކައެކެވެ.

"އަމީންގެ މަންމަ ހިތްހަމަނުޖެހިފަޔޯ ހުންނަނީ،" ދައްތަ ބުންޏެވެ. "އެކަމަކު އަމީން ބޭނުމޯ އެއްކޮށްއުޅެން. އެހެންވެސް އެބަ ބުނޭ. މަންމައަށް މި ކަންތައްގަނޑު ފަޅާއެރީތަ؟ ކިހިނެއްތަވީ؟"

ނުނިމޭ