ދަރުމެންދުރާއާ ބެހޭ ޑޮކިއުމަންޓްރީއެއް ހަދައި ފޮތެއް ލިޔަން ނިންމައިފި

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އަދި އެންމެ ރީތި ކަމަށް މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަރުމެންދުރާގެ ހަޔާތާ ބެހޭ ގޮތުން ޑޮކިއުމަންޓްރީ ފިލްމެއް ހަދައި، އޭނާގެ ހަޔާތާ ބެހޭ ގޮތުން ފޮތެއް ވެސް ގެނެސް ދޭން ނިންމައިފި އެވެ.


މިކަން ކަށަވަރުކޮށް ދެމުން އުމުރުން 82 އަހަރުގެ އެކްޓަރުގެ ދޮށީ ފިރިހެން ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް، 62، ބުނީ ޓީމަކުން ބައްޕައާ ބައްދަލުކޮށް މަސައްކަތްތަކެއް މިިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް އޭނާ ނުދެ އެވެ.

"މި ވަގުތު އަހަންނަށް ކަށަވަރުކޮށް ދެވެން އޮތީ ބައްޕަގެ ޑޮކިއުޑްރާމާއަކާއި ފޮތެއްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާކަން،" ސަނީ ބުންޏެވެ.

ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީއާ ކައިވެނިކޮށްގެން ދެ އަންހެން ދަރިން ވެސް ތިިބި ދަރޭއަކީ މިހާރު ކާފައެއް ވެސް މެ އެވެ. ސަނީ އާއި ބޮބީ ޑިއޯލްގެ އިތުރުން ދަރޭގެ ދެން ތިބެނީ ކުރީގެ ބަތަލާ އީޝާ ޑިއޯލް އާއި އަހާނާ ޑިއޯލް އެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ދަރޭ އެންމެ ފަހުން ކުޅުނު ފިލްމަކީ ސަނީ އާއި ބޮބީއާ އެކު މި އަހަރު ކުޅުނު ތިން ބެއިންގެ ފްރެންޗައިޒް "ޔަމްލާ ޕަގްލާ ދީވާނާ" ގެ ތިންވަނަ ބައި "ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" އެވެ.

"ޔަމްލާ ޕަގްލާ ދީވާނާ: ޕިރް ސޭ" ގެ ލަވައެއް.

ވަރަށް ޒުވާން އުމުރުގައި 1960 ވަނަ އަހަރު ފިލްމު "ދިލް ބީ ތޭރާ، ހަމް ބީ ތޭރާ" އިން އެކްޓިން އަށް ނުކުތް ދަރޭ މިހާތަނަށް 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭނާ ފާާހަގަ ކުރެވެނީ ތަފާތު އެކި ކަހަލަ ރޯލްތައް ކުޅެން ކުޅަދާނަ އެކްޓަރެއްގެ ގޮތުގަ އެވެ.

ދަރޭގެ އެންމެ މަޝްހޫރު އެއް ފިލްމަކީ އަމީތާބް ބައްޗަންއާ އެކު ކުޅެފައިވާ ފަނޑުވުމެއް ނެތް ފިލްމު "ޝޯލޭ" އެވެ.