އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ ހޯސްޓަކަށް ކެވިން ހާޓް ހަމަޖައްސައިފި

އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްސްގެ ހޯސްޓަކަށް މަޝްހޫރު ކޮމީޑިއަން ކެވިން ހާޓް ހަމަޖައްސައިފި އެވެ.


ފިލްމީ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ އިންތިޒާމު ކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) އިން މިކަން އިއުލާން ކުރުމުން ކެވިން ވަނީ އެކަމަށް ޝުކުރުު އަދާކޮށް ޓްވީޓް ކޮށްފަ އެވެ.

އޭނާގެ ޓްވީޓްގައި ބުނީ މީގެ ކުރިން ވެސް ހޮސްކާ އެވޯޑް ހުށަހަޅައިފާނެތޯ ކުރާ ސުވާލަށް ތަކުރާރުކޮށް ދެމުން ގެންދިޔައީ އެއް ޖަވާބެއް ކަމަށާއި މިއީ ކުރިން ވެސް ބުނަމުން ދިޔަ ގޮތަށް ކޮމިޑީއަންއެއްގެ ގޮތުގައި ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ބުންޏެވެ.

އަދި އޮސްކާ ހޯސްޓް ކުރަން ފުރުސަތު ލިބުނު ވާހަކަ މަންމައާ ހިއްސާ ކުރުމާ އެކު މަންމަގެ މޫނުމަތިން ހިނިތުވުން ނުފިލާ ކަމަށް ވެސް ކެވިން ބުންޏެވެ.

ދަ އެކެޑެމީގެ ޓްވީޓް.

"ސެންޓްރަލް އިންޓެލިޖެންސް" އާއި "ދި އަޕްސައިޑް" އަދި "ނައިޓް ސްކޫލް" ފަދަ ފިލްމުތައް ކުޅެފައިވާ 39 އަހަރުގެ އެކްޓަރު އަންނަ އަހަރުގެ އޮސްކާގެ ހޯސްޓަކަށް ހަމަޖެއްސި އިރު، މި އަހަރާއި އޭގެ ކުރީ އަހަރު އެވޯޑް ހަފުލާ ހޯސްޓް ކުރީ މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް އެވެ.

ޖިމީ ކިމެލްގެ ޓްވީޓް.

އޭނާ ފުރަމުން ދިޔަ މަގާމު ކެވިން އަށް ދީފައިވާތީ ކިމެލް ވެސް ވަނީ ޓްވިޓާގައި ތަހުނިޔާ ކިޔައިފަ އެވެ. އޭނާގެ ޓްވީޓްގައި ބުނީ ކެވިންއަކީ ވަރަށް ރަނގަޅު ހޮވުމެއް ކަމަށެވެ. ޖިމީގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް ވަނީ ކެވިން އަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު އަންހެން ހޯސްޓް އެލެން ޑިޖެނެރެސް ހިމެނެ އެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑް އޮންނާނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

ފާއިތުވި ދެ އަހަރު އޮސްކާ އެވޯޑް ބަލާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވަމުން ގޮސްފައިވާތީ 91 ވަނަ އޮސްކާ އެވޯޑް ހަފުލާގެ ލައިވް ޓެލެކާސްޓް ތިން ގަޑިއިރަށް ވުރެ ދިގު ނުކުރަން ވަނީ ނިންމައިފަ އެވެ.