"ރެޒިޑެންޓް އީވިލް"ގެ ރިބޫޓްގެ ޑައިރެކްޝަން ޖޮހަނެސް އަށް

ދެހާސް ދޭކުން ފެށިގެން ބެލުންތެރިންނަށް ގެނެސް ދެމުން އަންނަ ކާމިޔާބު އެކްޝަން/ހޮރޯ ފިލްމު "ރެޒިޑެންޓް އީވިލް" ގެ ރިބޫޓް ވާޝަންގެ ޑައިރެކްޝަން ޖޮހަނެސް ރޮބަޓްސްއާ ހަވާލުކޮށްފި އެވެ.


މި ފިލްމު ޕްރޮޑިއުސް ކުރާ ކޮންސްޓެޓިން ފިލްމްސް އިން ބުނީ ގޮތުގައި "ރެޒިޓެންޑް އިވިލް" މި ފަހަރު ލިޔާނީ ވެސް ޖޮހެނަސް އެވެ. އޭނާއަކީ މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "47 މީޓާސް ޑައުން" ގެ ޑައިރެކްޓަރެވެ.

އެ ފިލްމުގެ ސީކުއެލް "47 މީޓާސް ޑައުން: ދަ ނެކްސްޓް ޗެޕްޓާ" ގެ މަސައްކަތް ވެސް ކުރަމުން އަންނަ ޖޮހޮނެސް "ރެޒިޑެންޓް އީވިލް" ގެ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ.

މަޝްހޫރު ކްލަސިކް ވީޑިއޯ ގޭމަށް ބިނާކޮށް ގެނެސް ދޭން ފެށި "ރެޒިޑެންޓް އީވީލް" ސީރީޒްގެ ހަ ފިލްމެއް މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ. އެއީ ޕޯލް ޑަބްލިއު އެސް އެންޑާސަން ޑައިރެކްޓް ކުރި ރެޒިޑެންޓް އިވިލް: ފައިނަލް ޗެޕްޓާ (2016)، ރެޓްރިބިއުޝަން (2012)، އާފްޓަލައިފް (2010) އާއި "ރެޒިޑެންޓް އީވިލް" ގެ ނަމުގައި 2002 ގައި ގެނެސް ދިން މި ސިލްސިލާގެ ފުރަތަމަ ފިލްމާއި އެލެގްޒެންޑާ ވިޓް 2004 ގައި ގެނެސް ދިން "އެޕޮކެލިޕްސް" ގެ އިތުރުން ރަސަލް މަލްކޭ ޑައިރެކްޓް ކުރި "އެކްސްޓިންކްޝަން" (2007) އެވެ.

2016 ގައި ރިލީޒް ކުރި "ރެޒިޑެންޓް އީވިލް: ދަ ފައިނަލް ޗެޕްޓާ"ގެ ޓްރެއިލާއެއް.

މި ހަ ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ރެޒިޑެންޓް އިވިލް" ގެ ފިލްމުތަކުގެ މައިގަނޑު ރޯލް ކުޅެފައި ވަނީ މިލާ ޖޮވޮވިޗް ކަމަށް ވިޔަސް، ރީބޫޓް ވާޝަން ގެނެސް ދޭނީ އާ ކާސްޓަކާ އެކުގަ އެވެ. އެކަމަކު ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް ވެސް ހާމައެއް ނުކުރެ އެވެ.