އެސްފީނާ ހަސަދަ

އިރު އޮއްސުނުއިރު އަހަރެން އޮތީ މޫދުގައެވެ. ކުޅެ ނިމުމަށް ފަހު މޫދަށް އެރިނުލައެއް އަހަރެން ހިތްހަމައެއް ނުޖެހެއެވެ. އެކި އުމުރުގެ މީހުން މޫދުގައި އުޅުނެވެ. ކަނޑައެޅިފައިވާ އަދަދަށް ބުރު ހަމަކުރުމަށް ފަހު މޫދުން އަރައި ނަފުސީއެއް ނަގައިލީމެވެ. އެކަތި އިންސްޓަގުރާމަށް އަނެކަތި އެފްބީއަށް ފޮނުވައިލީމެވެ. ޖަހައިލީމެވެ. ބަރުދަން އަށްޑިހަ އަށެކެވެ. އަމާޒަކީ ހަތްދިހަ ފަހެކެވެ. ބާކީ ތިން މަސް އެބަ އޮތެވެ.


އަހަންނަކީ، ފަންޑިތަ ސިހުރާއި އެސްފީނާ ކަހަލަ ކަންކަން ގަބޫލުކުރާ މީހެއް ނޫނެވެ. މީހެއްގެ ބޮލުން ކޮށާލާ އިސްތަށިކޮޅަކުން ނުވަތަ ހެދުމުން ކަނޑާލާ ފޮތިކޮޅަކުން އެ މީހާއަށް ފަންޑިތައެއް ނުހެދޭނެއެވެ. ކާންދޭން ފޮނި އެއްޗަކުން ނުވަތަ ބޯންދޭން ޖޫހަކުން ސިހުރެއް ނުޖެހޭނެއެވެ. ސިހުރަކީ އެހާ ބާރު ގަދަ އެއްޗެއް ނަމަ، ބޮޑެތި ހޮސްޕިޓާތައް ހުޅުވައިގެން ފަރަންޖީ ޑޮކުޓަރުން ގެނެސްގެން ފަރުވާ ކުރަނީ ކީއްކުރަން ހެއްޔެވެ؟ އިސްކޫލަށް ވަދެ މޮޅަށް ކިޔަވަނީ ކީއްކުރަން ހެއްޔެވެ؟ ގުދާރު ބިންގަދައިގެން ވަޒީފާއަދާކުރަނީ ވެސް ކީއްކުރަން ހެއްޔެވެ؟ އެންމެން ވެސް ހޯދަންވީ "ރަތް ބަންދު" ފަދަ ސިހުރު ފޮތެކެވެ. ދެން އަކަތަކާއި ނަންބަރުތައް ޖަހައިގެން މަކުނެއްހެން ފުމެފުމެ ހުރީމައި ނިމުނީއެވެ. ބޭނުން ހުރިހައި ކަމެއް ވާނެއެވެ. މަހުޖަނުން ގޮތުގައި ތިބެން ޖެހޭނީ ސިހުރުވެރިންނެވެ. އެންމެ މަތީ މަޤާމުތަކުގައި ތިބެން ޖެހޭނީ ފަންޑިތަވެރިންނެވެ. އެކަމަކު އެހެނެއް ނުވެއެވެ. މައްސަލައަކީ އެއީއެވެ.

ނޫމާނަކީ އަހަރެންނާ އެއް ކިލާހެއްގައި ކިޔެވި އެކުވެރިއެކެވެ. ކިޔަވައި ނިމިގެން އަހަރެން ވީ ވިޔަފާރިވެރިޔަކަށެވެ. ނޫމާނަކީ އޮފީހެއްގައި ވަޒީފާއަދާކުރާ މަހު މުސާރަވެރިޔެކެވެ. ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ ނޫމާން އެކި ކަހަލަ މަސައްކަތް ކުރެއެވެ. އެ ގޮތުން ނޫމާން ދަސްކުރި އެއް ކަމަކީ ރުޤްޔާކުރުމެވެ. ހުއްދަ ފަންޑިތަ ހެދުމެވެ. އަހަރެން ވަރަށް މަލާމާތް ކުރީމެވެ. ނޫމާނަކީ ކިޔަވައިގެންހުރި ތޫނުފިލި މީހެކެވެ. ވީއިރު ނޫމާނުގެ ވިސްނުން އެހާ ކޮށީ ކީއްވެގެން ހެއްޔެވެ؟ އެކި ފަހަރުމަތިން ނޫމާނާ އެ ސުވާލު ކުރީމެވެ. ނޫމާން ޖަވާބުދޭނީ ހިނިތުންވުމަކުންނެވެ. ކޮންމެހެން އަހަންނަށް ވިސްނައިދޭކަށް، ނުވަތަ އަހަރެން ކުށްވެރިކުރާކަށް މަސައްކަތެއް ނުކުރެއެވެ. ނޫމާންގެ އެހީތެރިކަން ހޯދަން ވަރަށް ގިނަ މީހުން އާދެއެވެ. ބައެއް ގޭގެއަށް ގޮސް ވެސް ނޫމާން އެހީތެރިވެދެއެވެ. ނޫމާން ބުނާ ގޮތުގައި ރުޤްޔާކޮށްގެން މީސްމީހުން ރަނގަޅު ކުރެވެއެވެ. އަހަރެންގެ ނަޒަރުގައި އެހީ ޝައްކުބައްޔެވެ. ވަހުމެވެ. ޖިންނީންނަކަށް އިންސާނުން މޮޔައެއް ނުކުރެވޭނެއެވެ. މޮޔަކުރެވޭނީ ޖިންނީން އުޅޭ ތާކަށް އަހަރުމެންނަށް ދެވިގެންނެވެ. އެއީ އެހެން ދުނިޔެއެކެވެ. އިންސާނުން އުޅެނީ އެހެން ދުނިޔެއެއްގައެވެ. ދެބައި ގުޅުމެއް ނެތެވެ. އެއްބަޔަކު އުޅޭ ތަނަކަށް އަނެއް ބަޔަކަށް ބާރުފޯރުވުމެއް ވެސް ނެތެވެ. މީހުން ދައްކަނީ ބުހުތާނު ދޮގު ވާހަކައެވެ.

ލިބޭ ހުސް ވަގުތުގައި އަހަރެން ޓެނިސް ކުޅެން ދަމެވެ. އަހަންނަށް ހުސްވަގުތު ވާނީ ހަވީރު ފަހަކުން ފެށިގެން އިރު އޮއްސެންދެނެވެ. ހޮބީއެއްގެ ގޮތުގައި ޓެނިސްކުޅެން އަހަރެން ނިންމީ، ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާ ކުޑަކުރުމަށް ޓަކައެވެ. ދެ މީހުން މުޑިއަރަން ޖެހޭ ކަހަލަ ކުޅިވަރެއް ކުޅޭކަށް ބޭނުމެއް ނޫނެވެ. ބައެއް ފަހަރު އަތަށް ތަދެއްއެރިޔަސް، ޓެނިހަކީ އަހަރެން އެންމެ ގަޔާވި ކުޅިވަރެވެ. ހީކުރީމެވެ. ބޮޑު އަނިޔާއެއް ނުވާނެއެވެ. ކިތަންމެ މުސްކުޅި ވިޔަސް ޓެނިސް ކުޅެވޭނެއެވެ. އެ އުންމީދުގައި ދުވަސްތައް ގުނަމުން ދަނިކޮށް، ބަދުނަސީބު އައިސް އަހަރެންގެ ކޮނޑުގައި ކޮއްޓައިލިއެވެ.

އަހަންނަށް އެ ހާދިސާ ކުރިމަތިވި ދުވަހަކީ ބުރާސްފަތި ދުވަހެކެވެ. އަހަރެން ރަނގަޅަށް ހަނދާން ހުއްޓެވެ. ޓެނިސްކުޅެ ނިމިގެން ސައިކަލަށް އަރަން ދަނިކޮށް ކަނާއަތު ފަޔަށް ތަދެއްއެރިއެވެ. ވަރަށް ތޫނު ތަދެކެވެ. ގެޔަށް ދިޔައިރު ފައިގައި ރިއްސައެވެ. ފެންވަރައިގެން ނުކުތްއިރު ފައިއެޅެނީ ކޮރެއްޖަހަމުންނެވެ. ކުޅުނުއިރު ފަޔެއް ނުފުރޮޅެއެވެ. ތަދެއްއެރުން ކަހަލަ ކަމެއް ވެސް ނުވެއެވެ. ކުއްލިއަކަށް ތަދުއެރީ، ކުޅެ ނިމުނުތާ ދިހަ ވަރަކަށް މިނެޓު ފަހުންނެވެ. އެއީ އަހަރެން ވަރަށް ހައިރާންވި ކަމެކެވެ.

ރޭގަނޑު އަހަރެން ނޫމާންގެ ގެއަށް ދިޔައީމެވެ. އެ ގޭގެ ހާމަފެންޑާގައި އަނގަތަޅަން ތިބުމަކީ އަހަރުމެން ވަރަށް ގިނައިން ކުރާ ކަމެކެވެ. ކިރިޔާ ވެސް ވެގެން ވަންޏާ އެ ފުރުޞަތު އަހަރުމެން ގެއްލުވައެއް ނުލަމެވެ.

"އައްދެއައްދެ!" އަހަރެން ފެނުމާއެކު ނޫމާން ބުންޏެވެ. "މިއަދު ހާދަ ގޮތަކަށް ތި ހިނގަނީ؟"

"ކީއްކުރާނީ؟ މި ފައި ބިމުގަ ރަނގަޅަށް ނުވެސް އެޅިގެން މި އުޅެނީ،" ތަދު އިހުސާސްކުރަމުން އަހަރެން ބުނީމެވެ. "މި ގޭގަ ލިފްޓު ނެތް ނަމަ މިރޭ ނުވެސް އައީމުސް. ހާދަހާ ތަދެކޭ ވަނީ."

އަހަރެން ވަރަށް ކުޑައިރު ވެސް ކަނާއަތު ފައިގައި ރިއްސިއެވެ. ވަކި ޚާއްޞަ ސަބަބެއް ނެތިއެވެ. އިސްކޫލުން ގެއަށް އަންނައިރު، ނުހިނގިގެން މަގުގެ އެއްފަރާތުގައި އުޑަފައިން އިށީނދެލައިގެން އިންނަ ހަނދާން ވެސް ހުރެއެވެ. މީހަކާ އިން ފަހުން އަހަރެންގެ ފައިގައި އަންހެނުން ތެޔޮދަމައިދިނެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެންނެވެ. ތަދު ކެނޑުނީ އެ ދުވަސްވަރުއެވެ. އޭގެ ފަހުން އަށެއްކަ އަހަރު ވެއްޖެއެވެ. އެ ތަދުގެ ހިލަމެއް ނުވެއެވެ.

"ޖަމީލުބޭ މާލެއައި ވާހަކަ އެހިން،" ނޫމާން ބުންޏެވެ. "އޭނަޔާ ދިމާވިތަ؟"

ޖަމީލުބެއަކީ އަހަރެންގެ ޅިޔަނެކެވެ. ދޫ ވިހަ، ހިތް ނުބައި މީހެކެވެ. މީސްމީހުންގެ ގަޔަށް ވިހަލުމަކީ، ޖަމީލުބޭ ފިސާރި ކުރާހިތުން ކުރާ ކަމެކެވެ. އެހެން މީހުންނަށް އަގަށް ކޮށްދޭ ކަމެއް ވެސް މެއެވެ. އެ ކަމުގައި މަންމައެއް، ބައްޕައެއް، ގާތްތިމާގެ މީހެއް އޭނަޔަކަށް ނޯވެއެވެ. ދިރިއުޅުމުގައި އަހަންނަށް ލިބިފައިވާ ކާމިޔާބީއާއި ތަނަވަސްކަމާ މެދު ޖަމީލުބޭ އަބަދުވެސް ހަސަދަވެރިވެއެވެ. ކިތަންމެ ބައެއްގެ ފަރާތުން އަހަންނަށް އެ ކަން އެނގެއެވެ. މީސްމީޑިޔާގައި އަހަރެން ބޭނުންކުރާ ކޮންމެ ފޮޓޯއަކީ ޖަމީލުބޭގެ ލޮލަށް ހެރޭ ކަށްޓެކެވެ.

"އާނ! ތިހެން ބުނީމަ މި ހަނދާންވީ!" އަހަރެން ބުނީމެވެ. "ކުޅެ ނިންމާފަ ނުކުމެވުނީ ހަމަ އޭނަގެ ކުރިމައްޗަށް! ކަޅިއަޅައިލާފަ ދިޔައީ."

"ތިހެން ވިއްޔާ ތި ކަންތައް ރަނގަޅު ކޮށްލަދީފާނަން،" ނޫމާން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެއްވެސް ކަމެއް ނޫން."

އަހަރެން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ހިތަށްއެރިއެވެ. ހިތުން ނޫމާން ވަރުގެ މީހެއް ނެތްތާއެވެ.

"މި ކަހަލަ ކަންކަން ތިހެން ހަމަ ޓަސްލާފަ ރަނގަޅު ކުރެވޭތަ؟" ޖޯލީގައި އިށީންނަމުން އަހަރެން ބުނީމެވެ.

"އާނ!" ނޫމާން ވަރަށް ފަސޭހައި އެއްބަސްވިއެވެ. "އިރާދަކުރެއްވިއްޔާ މިރޭ ތި ކަން ރަނގަޅުވާނެ. ހުންނައްޗޭ ބަލަން."

އަހަންނަށް ޖަހައިލެވުނީ ސަމާސާގެ ހިނިގަނޑެކެވެ. އަހަންނާ ބައިވެރިވުމުގެ ގޮތުން ނޫމާން ވެސް ހީނގަތެވެ.

"ބޭހެއް ކައިގެން ނޫނީ މި ތަދު ކެނޑުވޭނެ އެއް ގޮތެއް ވެސް ނޯންނާނެ،" ފައިގައި ފިރުމައިލަމުން އަހަރެން ބުނީމެވެ. "ނެތްތަ ރައްޓެހި ކަށީގެ ޑޮކްޓަރެއް؟ ކަށީގެ މީހެއް ނެތިއްޔާ ނާރުގެ މީހަކަށް ނަމަވެސް ދައްކަން އެބަ ޖެހޭ."

"އިހަށް މަޑުކޮށްބަލަ!" ނޫމާން ހިނގައިގަތީ ސިޑިޔާ ދިމާއަށެވެ. "މަގޭ އަތުގަ ސެޓުފިކެޓު ނެތަކަސް ތި ވަރު ކަމެއް ކޮށްލެވިދާނެ ތޯއްޗެއް! އަހަރެން އަންނަންވާ އިރަށް ތިހިރަ އިސްކުރުން ވުޟޫކޮށްލައިގެން އިނދޭ! ވާނެތަ އެ ކަން."

އަހަރެން ހެމުންހެމުން ތެދުވީމެވެ. ކޮރުޖަހަމުން އިސްކުރު ކައިރިއަށް ގޮސް ވުޟޫ ކޮށްލީމެވެ. އޭރު ވެސް ހިތަށްއަރައެވެ. ބައެއް މީހުން އެ ކަހަލަ ކަންކަން ހާދަހާ ބޮޑަކަށް ގަބޫލުކުރެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ދުނިޔެއަށް ލޯ ހުޅުވިފައިވާލެއް ކުޑައީއެވެ. ވުޟޫކޮށްގެން ގޮސް ޖޯލީގައި އިށީނދެގެން އިންދައި ނޫމާން ސިޑިން އެރިއެވެ. އޭނަ އަތުގައި ފެންފުޅިއެއް އޮތެވެ. ފުޅިއާއި ގޮނޑިއެއް ހިފައިގެން ނޫމާން އައިސް ގޮނޑި ބަހައްޓައިފައި އެ ގޮނޑި މަތީގައި ފައި ބޭއްވުމަށް އެދުނެވެ. އަހަރެން ގާތަށް އައީ ލާނެތް ހިންޏެކެވެ. އަދި ޖެއްސުމަށް ކަހަލަ ގޮތަކަށް ފައި ނަގައިފައި ގޮނޑިމަތީގައި ބޭއްވީމެވެ.

"ދެން ހުސް ފެނުން ވާ ކަމެއް އޮވޭތަ؟" އަހަރެން ބުނީމެވެ.

"މީ ހުސް ފެނެއް ނޫނޭ!" ނޫމާން ފުޅި ދައްކައިލަމުން ބުންޏެވެ. "ދެން އެނގިދާނެތާ ވާ ގޮތެއް! އަތުން ލާރިއެއް ނުދޭ! ވާނެ އިތުރު އަނިޔާއެއް ނެތް! ދެން ކަމެއް ނުވެއްޖެއްޔާ ނުވީތާ! މާދަމާ ގޮސް ޑޮކްޓަރަށް ދައްކާނީ! ތި ބުނަނީތާ ބޭސްކައިގެންނޭ ރަނގަޅުވާނީ."

"އާނ! ދެން ތިޔަ ފެނެއް ޖަހާބަލަ ޖަހާބަލަ!" އަހަރެން ބުނެލީމެވެ.

ނޫމާން އެ ފުޅިން ދެ ފަހަރަކު ފެން ޖެހިއެވެ. އަހަރެން އިނީ ދޭންވީ ޖަވާބު ތައްޔާރުކޮށް ނިންމައިގެންނެވެ.

"އޭ! ތަދު ކެނޑިއްޖެ!" އަހަންނަށް ދެވުނީ އެހެން ޖަވާބެކެވެ. "ސީރިޔަސްކޮށް! ހަމަ އެއްކޮށް ކެނޑިއްޖެ!"

ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައި ވެސް އަހަރެން އިނީމެވެ. ފައި ހިއްލައި، ތެދުވެ، ހިނގައިހެދީމެވެ. އެއްވެސް ތަދެއް ނުވެއެވެ.

"ނޫނޭ ތީ ގަދަ ***" އަހަރެން ބުނީމެވެ. "ޝަހާދެއް މި ބުނީ. ކަލޭ ތީ މޮޅު މީހެއް!"

"ނޫނޭނޫނޭ! މަ މީ ކާކު؟" ނޫމާން އިންކާރު ކުރިއެވެ. "މީ މަގޭ މޮޅުކަމެއް ނޫން. ފެނުގެ މޮޅުކަމެއް ވެސް ނޫން. މި ފެނަކީ ދުޢާކޮށްފަ ހުރި ފެން. މީ ﷲ ގެ ކުޅަދުންވަންތަކަން. އެސްފީނާއަށް ކިޔަވައިފަ ހުރި ފެން މީ!"

"އަޅެ ހަމަ އެއްވެސް ތަދެއް ނެތޭ! ހަމަ އެއްވެސް ތަދެއް ނެތް!" އަހަންނަކަށް އެ ނޫން އެއްޗެއް ނުކިޔުނެވެ. "ހަމަ އެއްވެސް ތަދެއް ނެތިއްޔޭ!"

އެ ވަގުތުން ފެށިގެން އަހަރެން ވިސްނުން ބަދަލުވިއެވެ. އެސްފީނާއަކީ ޙަޤީޤަތެކެވެ. އެސްފީނާ ޖެހުމުން ވަގުތުން މީހާއަށް އަސަރު ކުރާނެއެވެ. ނޫމާން ބުނި ގޮތުގައި އެސްފީނާއެޅުމުން އެ ކަމާ ހަވާލުވާނީ ސައިތާނެވެ. ދިފާޢުގައި ޖެހޭނީ ކިޔަވާށެވެ. ސައިތާނާ ފެއްސިގެން ދާނީ އޭރުންނެވެ. އެކި ފަހަރު އެކި މީހުންނަށް ވާނީ އެކި ގޮތެވެ. ނޫމާންގެ އެދުމުގެމަތިން އިތުރު ތިން ރޭ ވަންދެން އަހަންނަށް ކިޔެވިއެވެ. އެ މުސީބާތުން އެއްކޮށް އަހަރެން ސަލާމަތްވީ އޭގެ ފަހުންނެވެ. މިއީ އަހަންނަށް ތަޖުރިބާ ކުރެވުނު އާދަޔާ ޚިލާފު ޙަޤީޤީ ހާދިސާއެކެވެ.

ނިމުނީ