ބެން އެފްލެކް "އައި އެމް ސްޓިލް އެލައިވް"

ލިޔުންތެރިޔާ ކޭޓް އެލީސް މާޝަލް މި އަހަރު ނެރުނު ކާމިޔާބު ވާހަކަ "އައި އެމް ސްޓިލް އެލައިވް" އަށް ބިނާކޮށް ޔުނިވާސަލް ޕިކްޗާޒްއާ ގުޅިގެން މަޝްހޫރު އެކްޓަރު ބެން އެފްލެކް ފިލްމެއް ހަދަން ނިންމައިފި އެވެ.


އޭނާ ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ މި ފިލްމު ހެދުމުގައި ޔުނިވާސަލްއާ ބެންގެ ފިލްމު ކުންފުނި ޕާލް ސްޓްރީޓް ފިލްމްސް ވެސް ހިއްސާވާނެ އެވެ.

"އައި އެމް ސްޓިލް އެލައިވް" ގައި ކިޔައި ދެނީ ބައްޕައާ މާ ބޮޑު ގުޅުމެއް ނޯންނަ ފުރާވަރު އަންހެން ދަރިއަކު މަންމަ ކާރު އެކްސިޑެންޓެއްގައި މަރުވުމުން ބައްޕައާ އެކު މުޅިން ތަފާތު އެކަހެތި މާހައުލެއްގައި އުޅެން މަޖުބޫރުވުމުން ދިމާވާ ހާދިސާތަކެކެވެ. މި ވާހަކައަކީ މި އަހަރުގެ ޖުލައިގައި ނެރުނު ވާހަކައެކެވެ.

"އައި އެމް ސްޓިލް އެލައިވް" ގެ ސްކްރީންޕްލޭ ފައްކާ ކުރަން ހަވާލުކޮށްފައި ވަނީ ލޯރީ އިވަންސް ޓޭލާއާ އެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ޑެޑްލައިން ހޮލީވުޑްގެ ޓްވީޓެއް.

ބެން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ސުޕަ ހީރޯ ފިލްމު "ޖަސްޓިސް ލީގް" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ނެޓްފްލިކްސް އިން ގެނެސްދޭ "ޓްރިޕްލް ފްރޮންޓިއާ" އިންނެވެ.

ބެންގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދަ ލާސްޓް ތިންގް ހީ ވޯންޓެޑް" އާއި "ޓޮރެންސް" ހިމެނެ އެވެ.