ޖޭކް ޖިލެންހާލް އަށް ޒުވާން ލޯބިވެރިއެއް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޭކް ޖިލެންހާލް ފްރާންސްގެ ޒުވާން މޮޑެލްއަކާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އަސް ވީކްލީން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ އެކްޓަރު މިހާރު ރައްޓެހިވެގެން އުޅެނީ އުމުރުން 22 އަހަރުގެ ފްރާންސްގެ މޮޑެލްއެއް ކަމަށްވާ ޖިއާން ސެޑޫއާ އެވެ. މި ދެ މީހުންގެ އުމުރުގައި 16 އަހަރުގެ ފަރަގެއް ހުރި ކަމަށް ބުނެ މީޑިއާތަކުން ފާހަގަކޮށް، އެ ވާހަކަ މާ ބޮޑުކޮށްލައިގެން ދައްކާތީ ޖޭކްގެ ބައެއް ފޭނުން ވަނީ އެކަމާ ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި މީޑިއާތަކަށް ބަވައިފަ އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޭކް އާއި ޖިއާން އެންމެ ފުރަތަމަ އެކީގައި ފެނިފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ލަންޑަނުންނެވެ. އޭގެ ފަހުން ދެ މީހުން އެކީގައި ވަރަށް ގިނައިން ޗުއްޓީތަކަށް ވެސް ދާ ކަމަށާއި ދާދި ފަހުން ގްރީސް އަށް ވެސް ދަތުރެއްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ޖޭކް އާއި ޖިއާން.

"އޮކްޓޯބާ ސްކައި" އާއި "ދަ ޑޭ އަފްޓާ ޓުމޯރޯ" އަދި "ނައިޓްކްރޯލާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޖޭކް ކުރިން ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ބަތަލާއިން ކަމަށްވާ ނަޓަލީ ޕޯޓްމަން އާއި ރީޒް ވިދަސްޕޫން އަދި ކްރިސްޓެން ޑަންސްޓް ފަދަ ބަތަލާއިންނާ ވެސް ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރި "ދަ ސިސްޓާސް ބުރަދާޒް" ގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އާއި "ވެލްވެޓް ބަޒްސޯ" ފާހަގަކޮށްލެވެ އެވެ.