ބިރުވެރި މާލެ ދަތުރު

މާލެއަކީ ފުރުސަތުގެ ބާޒާރެކެވެ. ރާއްޖޭގެ ވެރިރަށެވެ. އިރުއެރީއްސުރެ ދަންވަރުވަންދެން މީހުން ހޭބޯނާރާ މަސައްކަތްކުރާ ހަލަބޮލި ރަށެކެވެ. މީހުންނަށް ސަލާންގޮވުމާއި، ފެނުމުން ހިނިތުންވެލުން މާޒީވެ ހިނގައްޖެއެވެ. ހިނގާ މީހުންގެ އުސޫލެއް ނޯވެއެވެ. އިންޖީނުލީ އުޅަނދު ދުއްވާ މީހުންގެ ކެތްތެރިކަމެއް ނުހުރެއެވެ. ޕާކުކުރާކަށް ތަނެއްތަނެއް، އެއްކޮޅަށްދުއްވާ މަގެއް، ދުއްވެނީ ކިހާ ބާރުމިނަކަށްކަމެއް ބެލުމެއް ނޯވެއެވެ. އެމީހަކާ އެމީހެކެވެ. ބަލާނެ މީހަކު އަޅާލާނެ މީހަކު ނެތެވެ. މާލެއާ ބެހޭގޮތުން އެކި ކަހަލަ ވާހަކަތައް އަހަރެން އަޑުއަހަމެވެ. ކޮންމެވެސް ދުވަހަކުން މާލެ ބަލައިލާނަމޭ ހިތުގައިއޮވެއެވެ. އަހަރެންގެ ނަމަކީ ނާސިހާއެވެ. ވަޒީފާއަދާކުރަނީ ރަށުއޮފީހުގައެވެ. ފިރިމީހާއަކީ އަމްޖަދެވެ. އޭނައަކީ، ރަށުގެ އެންމެ ބޮޑު ފިހާރައިގެ ސޭޓެވެ.


"މާލެދާން ކެރޭނެ؟" އަހަރެންގެ ހުވަފެން ހަގީގަތަކަށްވީ، އޮފީހުން ލިބުނު ކުއްލި ފުރުސަތަކުންނެވެ. "އެއް މަސްދުވަހުގެ ކޯހެއް. ދެކޮޅު ޓިކެޓާ، ހުރުމާ، ކެއުމާ، އެލަވަންސް ވެސް ލިބޭނެ. ވިސްނާލާފަ ޖަވާބެއްދީ!"

އަހަރެންގެ މެޔަށް ފިނިވެގެންދިޔައެވެ. ލިބުނު އުފަލާއެކު ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވެސް އުފެދުނެވެ. ފިރިމީހާ ނުލައި ރަށުން ބޭރަށް ދާންޖެހޭތީއެވެ. އެ ކޯހުގައި ބައިވެރިވުމަށް ޓަކައި އަހަންނާ އެކުގައި ފާޒިރާ މާލެދެއެވެ. ފާޒިރާއަކީ އަހަރެންގެ އެކުވެރިއެކެވެ. ސަރުކާރު ވަޒީފާއެއްގައި އުޅޭ ކުއްޖެކެވެ. ކޯސް ނިންމުމުން އަހަރުމެންގެ ވަޒީފާ މައްޗަށް ދާނެއެވެ. އޭރުން އާމްދަނީ އިތުރުވާނެއެވެ. އަހަރެން ހުރީ ދާހިތުން ކެތްމަދުވެފައެވެ. އެހެންނަމަވެސް ކަންބޮޑުވުމެއް އޮތެވެ. ވަޒީފާއަދާކުރުމަށް ޓަކައި އަމްޖަދު ގިނަ ވަގުތު ގެއިން ބޭރުގައި އުޅެންޖެހިފައި، ފުރާވަރުގެ ތިން އަންހެންދަރިން އަމްޖަދާ ހަވާލުކުރަންޖެހުމެވެ. އަމްޖަދަށް ކުދިން ބެލޭނެ ހެއްޔެވެ؟ ސުވާލަކީ އެއީއެވެ.

ގޭތެރެއާއި ބަދިގޭގެ ހުރިހައި މަސައްކަތެއް ކުރަން ދޮށީ ދެ ކުދިންނަށް އެނގޭނެއެވެ. އަމްޖަދަށް ކާންދީ އޭނަގެ އަންނައުނު ދޮވެއިސްތިރިކުރުމުގައި އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވާނެއެވެ. ދޮށީ ދެ ކުދިންނަށް ދެވުނު ތަރުބިއްޔަތާ މެދު އަހަރެން ވަރަށް ފަޚުރުވެރިވެއެވެ. މައްސަލައަކީ އެންމެ ހަގު ދަރިފުޅު ނީޒާއެވެ. އޭނަ އުޅެނީ ގުރޭޑު ހަތެއްގައެވެ. ނީޒާއަކީ "ހަލަނި" ކުއްޖެކެވެ. ކުރާކަށް ނުކުރާކަށް ކަމެއް ނޯންނާނެއެވެ. އޭނަ ވިސްނާނީ ކުރާ ކަމެއް ކުރުމަށް ފަހުގައެވެ. ނީޒާ ބެލެހެއްޓުމަކީ އަމްޖަދަށް ކުޅަދާނަކަމަކަށް ވާނެ ހެއްޔެވެ؟

އަމްޖަދަކީ އަބަދުވެސް އަހަރެންނަށް ހިތްވަރުދިން ފިރިއެކެވެ. ރައްޓެހިވީއްސުރެ އަމްޖަދުގެ ފަރާތުން އަހަންނަށް ލިބުނީ އެހީތެރިކަމާއި، އެއްބާރުލުމެވެ. ކިތަންމެ އަވަދިނެތި އުޅެންޖެހުނަސް އަހަރެންނަށް ލިބެންއަންނަ ކޮންމެ ކާމިޔާބަކަށް އަމްޖަދު އެހީވެއެވެ. އެކަނިމާއެކަނި އަހަރެން މާލެއަށް ފޮނުވަން އަމްޖަދަށް ކެރޭނެ ހެއްޔެވެ؟

"އަހަންނަށް އެއް މަސްދުވަހުގެ ކޯހެއް ލިބިއްޖެ! މާލެއަށް ދާންޖެހެނީ،" އުފަލުން ފުރިފައިވާ ރާގެއްގައި އަހަރެން ބުނީމެވެ. "އެކަމަކު ތިން ކުދިން ދޫކޮށްލާފަ ދާންވީމަ އަހަރެން މިހުންނަނީ ވަރަށް ކަންބޮޑުވެފަ."

އަމްޖަދު ވިސްނައިލިއެވެ. ޔަގީނުން ވެސް އޭނަ ހުރީ އެ ކަހަލަ ކަމަކަށް ތައްޔާރުވެގެނެއް ނޫނެވެ.

"ނާސިހާ!" ވިސްނައިދޭ ކަހަލަ ރާގެއްގައި އަމްޖަދު ބުންޏެވެ. "ވަޒީފާގެ ގޮތުން ކުރަންޖެހުނު ކަމެއް ޖެހޭނީ ކުރަން. ތި ކަހަލަ ކަންކަން ކޮށްގެން ކުރިއެރުން ލިބޭނީ ވެސް. ކުދިންނާ ދޭތެރޭގަ ހާސްނުވޭ. އަހަރެން ކުދިން ބަލާނަން."

"އެކަމަކު އަމްޖަދު އެހާ ގިނައިރު ފިހާރައިގަ އިންނަންޖެހޭއިރު ކިހިނެއް.." ކަންބޮޑުވެފައި އަހަރެން ބުނީމެވެ.

"ނާސިހާ އެ ކަމާ ނުވިސްނާ!" އަމްޖަދު ހަމަޖެހިލައިފައި ބުންޏެވެ. "ކޮންމެ ކުއްޖަކު ނުވަ މަސް ވަންދެން ނާސިހާ އެކަނިމާއެކަނި އުފުލާ ބެލެހެއްޓީ. މުޅިއެކު ހަތާވީސް މަސް. އަހަންނަށް ކީއްވެ އެއް މަހު ކުދިން ނުބެލެންވީ؟ އަވަހަށް ދަތުރަށްހަދަން އުޅޭ. ބޮޑެތިވެފަ ތިބި ކުދިންނެއްނު. ސައުވީސް ގަޑިއިރު ކައިރީގަ ހުންނާކަށް ނުޖެހޭނެތާ. އަމިއްލައަށް ހުރިހާ ކަމެއް ކުރަން އެނގޭ."

އަމްޖަދު ކުރެވޭނޭ ބުނި ކަމެއް ވިއްޔާ އޭނަ ކުރާނެކަން އަހަންނަށް އެނގެއެވެ. ފަރުވާކުޑައެއް ނުކުރާނެއެވެ. އަދި އަހަރެން ރަށުގައި ނެތްކަން އެނގެންޏާ މަންމައާއި ބައްޕައާއި ދޮރުފާރަވެރިޔަކަށް ވެގެން ވެސް އަމްޖަދު ހުންނާނެއެވެ. އަހަރެންގެ އާއިލާތެރޭގައި އަހަންނަށް ނޭނގޭ ބޮޑު ސިއްރެއް އޮތްކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ. ބުނަން ނޭނގޭ ކަހަލަ ނުތަނަވަސްކަމެއް އަހަރެންގެ ހިތުގެ ވަރަށް ފުނުގައި ވަޅުޖެހިފައި އޮތެވެ. ރާޝިދާ ދޭތެރޭގައެވެ.

ރާޝިދަކީ އަހަރެންނާ އެއްބަނޑުއެއްބަފާ ކުއްޖެކެވެ. އުމުރުން ތޭވީސް އަހަރެވެ. އަހަރެންގެ އެންމެ ދޮށީ ދަރިފުޅާ ދާދި އެއް އުމުރެކެވެ. ވަޒީފާއެއް އަދާ ނުކުރާ ތާނގައި ގޭތެރޭގައި ވެސް އެއްވެސް މަސައްކަތެއްގައި ބައިވެރިއެއް ނުވާނެއެވެ. ހަމަހޭގައި ކޮޅަށް ހުރެވޭ ވަގުތު މަދުވީމައެވެ. ގިނަ ވަގުތު ހުންނަނީ މަސްތުވެފައެވެ. ރުޅިގަދަވެފައެވެ. ނިދައިފިއްޔާ އަވަހަކަށް ނުހޭލައެވެ. ހޭލައިފިއްޔާ އަވަހަކަށް ނުނިދައެވެ. އަހަރެން ބަލަނީ ރާޝިދަކީ ނެތް މީހެއް ކަމަށެވެ. އަހަރެންގެ މައިންބަފައިންނަކަށް ރާޝިދެއް ނުބެލެހެއްޓެއެވެ. އެހެންކަމުން އަހަރެން އަމްޖަދާ ކައިވެނިކޮށްގެން އަމްޖަދުގެ ގެއަށް އައުމުން އަހަންނާ ހަވާލުކުރީއެވެ. އަހަންނަކަށް ވެސް ރާޝިދު ކުރާ ހުރިހާ ކަމަކާ ދާ ހުރިހާ ތަނެއް ނުބެލެއެވެ. ތިން ކުދިން ގޮވައިގެން، އަހަރެން ވެސް ވަޒީފާއަދާކުރަމުން ރާޝިދަށް ފާރަލާނެ ވަގުތެއް އަހަންނަކަށް ނުވެއެވެ. ވަޒީފާއަކަށް ވަންނަން ކިތަންމެ ފަހަރަކު ރާޝިދަށް ވިސްނައިދީފީމެވެ. އަމްޖަދު ވެސް ވިސްނައިދީފިއެވެ. އޭނަ ހުންނާނީ އަންނަ ހަފުތާގައި ވަޒީފާއަކަށް ވަންނަ ގޮތަށެވެ. އަހަރުތަކެއް ވެގެންދިޔައިރު ވެސް އެ ހަފުތާއެއް ނައެވެ. ނުވެސް އަންނާނެއެވެ. އެހާ ހިތްވަރެއް ރާޝިދުގެ ނުހުރެއެވެ.

އަހަންނަކީ ދުވަހަކު ވެސް މާލެދިޔަ މީހެއް ނޫނެވެ. އަހަރެން ދަންނަ މާ ގިނަ މީހުންނެއް ވެސް މާލެއަކު ނޫޅެއެވެ. އަޑުއަހައިފައިވާ ގޮތުގައި މާލެއަކީ އުޅެން ދަތި، ތޮއްޖެހިފައިވާ ރަށެކެވެ. ގެދޮރުގެ ދަތިކަމާއި، ކުލި ބޮޑުކަމާއި، ކޮޓަރިތަކުގެ ކުދިކަމުގެ ވާހަކަ ވެސް މީހުން ކިޔާ އަޑު އަހަމެވެ. މާލޭ މީހުންގެ ބޮޑާކަމާއި، ކިބުރުވެރިކަމުގެ ވާހަކައަކީ ވެސް އިވިފަރިތަ ވާހަކައެވެ. އަމިއްލައަށް އެ ކަންކަން ތަޖުރިބާއެއް ނުކުރަމެވެ.

މާލެއަށް ފުރުމުގެ ކުރިން މާލެއިން ތަނެއް ހަމަޖައްސަން ބޭނުންވިއެވެ. ތަނަށް ނުފަރިތަކަމުން މާލެ ގޮސް އެ ކަން ކުރާކަށް ނޫޅެވޭނެއެވެ. އަމާން ހިސާބުތަކާ، ރަނގަޅު ތަންތަނާއި، އެކަށޭނެ އަގުތަކެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަމްޖަދަކަށް ވެސް ނޭނގެއެވެ. އަހަރެން ގުޅީ އަޒީޒާއަށެވެ. އޭނަ ކުރިން އުޅުނީ ރަށުގައެވެ. އޭރު އަހަރުމެންގެ އެކުވެރިކަން ވަރަށް ބޮޑެވެ. މީހަކާ އިނދެގެން އަޒީޒާ މާލެދިޔަ ފަހުން ފޯނުން ވާހަކަދެކެވެއެވެ. އެކަމަކު ދައްކާނެ މާ ގިނަ ވާހަކައެއް ނުހުރެއެވެ.

"އަސްތާ!" އަޒީޒާ މަޖާ ރާގެއްގައި ބުންޏެވެ. "ހާދަ ޒަމާނެއް ކޮށްލާފަ ތި ގުޅާލީ."

"އެހެން ބުނާއިރު ހީވަނީ އަޒީޒާގެ ކޯލެއް ނާންނަ ދުވަހެއް ނުދޭހެން،" އަހަރެން ވެސް މަޖާ ރާގެއްގައި ޖަވާބުދިނީމެވެ. "ދެ މީހުން ވެސް އެހާ ބިޒީ. މިހާރު ދެން ގުޅޭނީ ކަމެއްޖެހުނީމައެއްނު."

"އަމްޖަދު މީހަކާ ހިތާވީ؟" ސަމާސާ ރާގެއްގައި އަޒީޒާ އެހިއެވެ.

"ނޫން!" ހީނގެންފައި އަހަރެން ބުނީމެވެ. "އޭނަޔާ ހިތާވާނެ މީހަކު ވާނެތަ؟ އެންމެންނަކީ އަހަރެން ކަހަލަ މޮޔައިންނެއް ނޫނޭ. ކަމަކުއޭ މި ގުޅީ. ކުރިން ވެސް އެހެން ބުނެވިއްޖެ ދޯ؟ މި އުޅެނީ ކޯހެއްހަދަން އެއް މަސްދުވަހަށް މާލެދާންޖެހިގެން. ތަނެއް ހޯދައިދީބަލަ! ތިބުމާ، ކެއުންބުއިމަށް ވެސް ބަޖެޓުދީފަ އޮތީ. އެކަމަކު އަމިއްލައަށް ތަނެއް ހޯދަންޖެހެނީ."

"އަޅެ ހާދަ ދެރައޭ،" އަޒީޒާ ބުންޏެވެ. "މި ވަގުތު އަހަރެން މިހިރީ އައްޑޫގަ. އަވަހަކަށް ނުވެސް ދެވޭނެ މާލެއަކަށް. އެކަމަކު މާލޭގަ ތިބޭނެ އަހަރެންގެ ރައްޓެހިން. އެއްކަލަ އައިސްތު ދަންނަމެއްނު. އަންހެނުންގެ ދުވަހު ޖަލްސާއަކަށް ތި ކޮޅަށް ގޮސްގެން އުޅެނިކޮށް ދިމާވިއެއްނު! އޭނަ ވަރަށް ބެސްޓުވާނެ. ކޮންމެވެސް ގޮތެއް ހަމަޖައްސާނެ. ބުނޭ އަހަންނޭ ނަންބަރުދިނީ."

އަޒީޒާ ބުނި ދުވަސް އަހަރެން ހަނދާންވިއެވެ. އައިސްތުގެ ސިފަ ހުންނަ ގޮތް ހަނދާންނުވި ނަމަވެސް އައިސްތުއާ އަހަރެން ވާހަކަދެއްކީމެވެ. އަޒީޒާ ފޯނު ނަންބަރު ފޮނުވިއެވެ. ގުޅައިގެން ކުރިޔަށްދިޔުމަށް އެދުނެވެ. އެ ފޯނު ބާއްވައިފައި އައިސްތުއަށް ގުޅީމެވެ. އަހަރެންގެ ކުޑަ ތައާރަފެއް ދީފައި ވެގެންއުޅޭ ގޮތް ބުނީމެވެ.

"ވަކިން ހަދައިފައިހުންނަ ތަނެއްގަ އެކަނި ހުންނާކަށް އަހަންނަކަށް ނުކެރޭނެ،" އަހަރެން ބުނީމެވެ. "އަހަރެން ބޭނުމީ މީހުން އުޅޭ ގެޔެއްގަ ހުންނަ ކުލީ ކޮޓަރިއެއް."

"ބަލާ ތަން ހުރީ ހަމަޖެހިފަކަމަށް،" އައިސްތު ވަގުތުން ބުންޏެވެ. "އަހަރެންގެ ގޭގަ ބަހައްޓާނީ. އަވަހަށް މިކޮޅަށް އާދޭ."

އަހަރެން ބަހައްޓަނީ ކޮން ފެންވަރެއްގެ ތަނެއްގައިކަމެއް އަހަންނަކަށް ނޭނގެއެވެ. އެ ގޭގެ ނަމެއް ވެސް ނޭނގެއެވެ. ތަން ހުންނަނީ ކޯސް އޮންނަ ތަނާ ކިހާ ކައިރީގައި ހެއްޔެވެ؟ އެ ސުވާލު ނުކުރީ އެ ތަނެއްގެ ނަން ބުންޏަސް ތަން ހުރި ގޮތް އަހަންނަށް ނޭނގޭނެތީއެވެ. ކުޑަކޮށް ނުތަނަވަސްވިއެވެ. އެކަމަކު އަމްޖަދު ކަންބޮޑުވެދާނެތީ އަހަރެން ހުރީ ވަރަށް ހަމަޖެހިފައިކަމަށް ހެދިގެންނެވެ.

މާލެއަށް ދެވުނީ ދުވަހެއްގެ އިރުއޮއްސުނު ވަގުތުއެވެ. ފާލަންމަތިން އައިސްތު ބައްދަލުކުރިއެވެ. ކުރިން ދުށް ވަރަށް ވުރެ އައިސްތު ފަލައެވެ. ކުރިން އޭނަގެ ބޮލުގައި އޮތް ބުރުގާއެއް ނެތެވެ. އިސްތަށިގަނޑުގައި ހުރީ ޒާތެއްގެ މުށިކުލައެއް ޖައްސައިފައެވެ. އަހަރެން ވެސް އޭރަކު ބުރުގާއެއް ނާޅަމެވެ. ލާއުޅޭ އާންމު ހެދުމަކީ ބާރު ޖީންސާއި، ކުރު ޓޮޕެވެ. ހެދުންތަކުގެ ކަރު ބޮޑެވެ. ގަމީސް ވެސް ލަމެވެ. މިޑީއާއި ކުރު ސްކާޓު ވެސް ލަމެވެ. ތުންފަތުގައި ކުލަނުޖައްސައި މަގުމައްޗަކަށް ނުނިކުންނަމެވެ. އިސްތަށިގަނޑު ކަޅުވެފައި، ބޯވެފައި، ފަނެވެ. އަހަރެންގެ ގައިގެ ކުލަ ވަރަށް އައްޔެވެ. އަހަރެން ފެންނާނީ އުމުރަށް ވުރެ ޅަކޮށެވެ. ފުރާވަރުގެ ތިން ކުދިންގެ މަންމައެއްހެނެއް ހިޔެއްނުވާނެއެވެ. އޭގެ ހިތިކަން ވެސް ފަހުން އަހަރެން ތަޖުރިބާކުރީމެވެ.

ހުންނަން ހަމަޖެހިފައިވާ ތަނަށް ދެވުނުއިރު ރޭގަނޑު ވެއްޖެއެވެ. އެ ގެއަކީ ހައެއްކަ ފަންގިފިލައަށް ހަދައިފައި ހުރި ގެއެކެވެ. އާ ތަނެއް ނޫނެވެ. ލިފްޓެއް ނެތެވެ. ސިޑި އޮތީ ވަރަށް ރީއްޗަށް ސާފުކޮށްފައެވެ. އެންމެ ކުނިކޮޅެއް ވެސް ނެތެވެ. ނަސީބަކުން އަހަރެން ހުންނަންޖެހުނީ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓުމަންޓެއްގައެވެ. އެއަށް ވުރެ މައްޗަށް އަރަން ނުޖެހުނީތީ ޝުކުރުކުރީމެވެ. އެކަމަކު ދޮރުން ވަދެވުމާއެކު ހީވީ ބިރުވެރި ހުވަފެނެއް ފެނުނުހެންނެވެ.

ނުނިމޭ