ކެރިއަރުގެ ކުރީކޮޅު ފިލްމު ކުޅުން ހުއްޓާލަން އުޅުނިން: ކެއިރާ ނައިޓްލީ

ފިލްމު ކުޅެން ފެށިތާ ކުރީކޮޅު ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ގެ ސަބަބުން، އެކްޓް ކުރުން ހުއްޓައިލަން ނިންމި ކަމަށާއި އެކަމަކު ކުރިއަށް ދާން ހިތްވަރު ދިން ބަޔަކީ އާއިލާ އާއި ގާތް ރައްޓެހިން ކަމަށް، މަޝްހޫރު ބަތަލާ ކެއިރާ ނައިޓްލީ ބުނެފި އެވެ.


އުމުރުން 33 އަހަރުގެ ބަތަލާ ދަ ސްޓައިލް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ޕީޓީއެސްޑީ ގެ ޝިކާއަރަކަށްވީ 20ގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ. އަދި އޭ ވޭނުގައި ވަރަށް ގިނަ ދުވަހު އުޅެން ޖެހުނު ކަމަށް "ޕައިރޭޓްސް އޮފް ކެރީބިއަން" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.

"އޭރު ވަރަށް ގިނައިން ޕެނިކް އެޓޭކް އާދޭ. ވަރަށް އުނދަގޫ ދުވަސްވަރެއް އެއީ މަސައްކަތަށް ފޯކަސް ކުރަން. އެހެންވެ ވަރަށް ސީރިއަސްކޮށް ވިސްނިން ފިލްމު ކުޅުން ހުއްޓާލަން،" ކެއިރާ ބުންޏެވެ. "ދެން އަބަދު އިހުސާސް ކުރެވެނީ އެކަނިވެރިކަން. އަދި އަބަދު ވެސް ކަންކަމާ ދޭތެރޭ ވަރަށް ނެގަޓިވްކޮށް އޭރު ވިސްނެނީ."

ނަމަވެސް އަލުން އަނބުރާ ކުރީގެ ދިރިއުޅުމަށް ރުޖޫއަވާން މަގުފަހިކޮށް ދިނީ އާއިލާ އާއި ގާތް ރައްޓެހިން ކަމަށް ބުންޏެވެ.

"އަބަދު ވެސް އެންމެ ގާތުގައި ތިބި މީހުންނަކީ އެއީ. އެ މީހުން އަބަދު ވެސް ވަރަށް ސަޕޯޓިވް. އަދި ޕީޓީއެސްޑީން އަރައި ގަންނަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް އާއިލާ އާއި ރައްޓެހިން،" ކެއިރާ ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ ކެއިރީ އާންމުންގެ މެދުގައި މަގުބޫލު ބަތަލާއަކަށްވެގެން ދިޔައީ 2002 ގައި ގްރިންދަރު ޗައްޑާ ގެނެސް ދިން ފިލްމު "ބެންޑް އިޓް ލައިކް ބެކަމް" އިންނެވެ.

އޭގެ ފަހުން އޭނާ ވަނީ ފަސް އެނެބުރި ބެލުމެއް ނެތި އާންމުންގެ މަގުބޫލުކަން ހޯދި އެތައް ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ.

"ދަ ނަޓްކްރެކާ އެންޑް ދަ ފޯ ރިއަލްމްސް" ގެ ޓްރެއިލާ.

ކެއިރާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ލަވް އެކްޗްލީ، ޕްރައިޑް ޕްރެޖުޑައިސް އަދި ކޮލޭޓްރަލް ބިއުޓީ ފަދަ ފިލްމުތައް ހިމެނެ އެވެ.

މި އަހަރު "ކޮލެޓް" އާއި "ދަ ނަޓްކްރެކާ އެންޑް ދަ ފޯ ރިއަލްމްސް" އިން ފެނިގެން ދިޔަ ބަތަލާގެ އަންނަ އަހަރުގެ ފިލްމުތަކުގެ ތެރޭގައި "އޮފިޝަލް ސީކްރެކްޓްސް" އާއި "ދި އާފްޓަމެތު" ހިމެނެ އެވެ.