ބޮލީވުޑްގެ ބޮޑެތި ތަރިންނަށް ވިންދޫ ވިނޯދު ޗޯޕްޅާގެ ރައްދެއް

ފިލްމުތައް ގެނެސްދޭ އިރު، ބޮލީވުޑަކީ މަޝްހޫރު ތަރިންނަށް ބަރޯސާވާ އިންޑަސްޓްރީއެކެވެ. ވަކިން ހާއްސަކޮށް މަޝްހޫރު އެކްޓަރަކު އުޅޭ ފިލްމެއް ނަމަ، އެއީ ކޮންމެ ކަހަލަ ފިލްމަކަށް ވިޔަސް ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް ގަބޫލުކުރުން ބޮޑެވެ.


އެކަމަކު އެއީ މިހާރު މާޒީ އެވެ. ފިލްމުތަކަށް ލޯބިކުރާ މީހުން މިހާރަކު ވަކި ސްޓާރަކު އުޅޭތީ ފިލްމަކަށް ސަމާލު ކަމެއް ނުދެ އެވެ. ބޮޑު އަގު ދީފައި ޓިކެޓް ގަނެގެން ސިނަމާތަކަށް ގިނަ މީހުން މިހާރު ވަންނަނީ ފެންވަރު ރަނގަޅު އަދި އޮއްޓަރު ހުރި ފުރިހަމަ ވާހަކައެއް ކިޔައިދޭ ފިލްމުތަކެއް ބަލައިލުމުގެ އުންމީދުގަ އެވެ.

އެހެންވެ ފިލްމެއްގެ ސްކްރިޕްޓަކީ މިހާރު ވަަރަށް ވެސް މުހިއްމު އެއްޗެކެވެ. އެއީ ފިލްމުގެ ހިތް ކަމަށް ބޮލީވުޑަށް މި ފަހަކާ ޖެހެންދެން ހަޖަމު ކުރަން ދަތިވެފައި އޮތަސް، ތާކުންކުރެ ތާކު ނުޖެހޭ ފީކަޅާ ފިލްމުތަކަކަށް ބެލުންތެރިން މިހާރު ޝައުގުވެރި ކަމެއް ނުދެ އެވެ.

އޭގެ ވަރަށް ބޮޑު ހެއްކެއް މި އަހަރު ހިންދީ ސިނަމާ އިން ވަނީ ފެނިފަ އެވެ. ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ހާނުން ކަމަށްވާ އާމިރު ހާނާއި ސަލްމާނާއި ޝާހްރުކްގެ އެންމެ ފަހުގެ ފިލްމުތައް ބެލުންތެރިންނަށް ކަމަކު ނުދިޔަ އެވެ. ސަލްމާންގެ "ރޭސް 3" އާއި އާމިރުގެ "ތަގްސް އޮފް ހިންދުސްތާން" އާއި ޝާހްރުކްގެ "ޒީރޯ" އަކީ އަހަރުގެ އެންމެ ފީކަޅާ ފިލްމުތަކެވެ.

މިކަމަށް އިޝާރާތްކޮށް މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ވިންދޫ ވިނޯދު ޗޯޕްޅާ ވަނީ "ތަރިންނަށް" ވެގެން އުޅޭ އެކްޓަރުންނަށް ވަރުގަދަ ރައްދެއް ދީފަ އެވެ.

ވިންދޫ އަންހެނުން އަދި ފިލްމު ކްރިޓިކް އަނޫޕަމާއާ އެކު.

"ޕަރިންދާ" އާއި "1942: އަ ލަވް ސްޓޯރީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ވިންދޫ ބުނީ ފިލްމެއްގެ އެންމެ މުހިއްމު އެއްޗަކީ ސްކްރިޕްޓްކަން ތަރިން މިހާރު ގަބޫލުކުރަންވެއްޖެ ކަމަށެވެ. އަދި ކިތަންމެ މަޝްހޫރު އެކްޓަރަކު އުޅޭ ފިލްމަކަށް ވިޔަސް، އޮއްޓަރެއް ނެތް ފިލްމުތަކެއް ބެލުންތެރިން ގަބޫލު ނުކުރާނެކަން މި އަހަރު ވަރަށް ވެސް ރީތިކޮށް ސާބިތުވެއްޖެ ކަމަށް ބުންޏެވެ.

"ސްކްރިޕްޓްތައް ލިޔަންވީ ވެސް ވަކި ތަރިއަކަށް ހާއްސަކޮށްގެނެއް ނޫން. އިސްކަން ދޭންވީ މޮޅު ސްކްރިޕްޓެއް ލިޔަން. ކިތަންމެ އާދައިގެ އެކްޓަރުންތަކެއް ހިމަނައިގެން ހެދިޔަސް، ސްކްރީންޕްލޭ ރަނގަޅު ފިލްމެއް ނަމަ އެ ފިލްމު ހިނގާނެ،" މި އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ސަންޖޫ" ގެ ޕްރޮޑިއުސަރު ބުންޏެވެ.

ވިންދޫ، 66، ބުނި ގޮތުގައި ފިލްމަކަށް ކާސްޓުން ނެގުމާ ދޭތެރޭ ވިސްނަން ވާނީ ސްކްރިޕްޓް ނިންމައިފަ އެވެ.

"މިހާރު ވާ ގޮތަކީ ވަކި އެކްޓަރަކު ސިކުނޑީގައި ބައިންދައިގެން ސްކްރިޕްޓް ލިޔުނީމަ މުޅި އެތި އޭނާ އަށް ފޯކަސްވެ، އޮއްޓަރު ހުރި ވާހަކައެއް ގެނެސް ދޭން އުނދަގޫ ވަނީ،" އޭނާ ބުންޏެވެ. "އެ އުސޫލު ދޫކޮށްލަން ޖެހޭ. މަޝްހޫރު އެކްޓަރަކު ލީޑް ރޯލް ކުޅޭ ފިލްމަކަށް ވިޔަސް، އެބަޖެހޭ އޭގެ ސްކްރިޕްޓަށް ދޭ ސަމާލުކަން ބޮޑު ކުރަން. ފިލްމު ހަގީގަތުގައި އެއްޗަކަށް ވަނީ ސްކްރިޕްޓް ފުރިހަމަވީމަ."

ވިންދޫ ބުނި ގޮތުގައި "ޑަންގަލް" ބެލުންތެރިންނަށް ކަމުދިޔައީ އެ ފިލްމުގައި އާމިރު އުޅެގެނެއް ނޫނެވެ.

"އެ ފިލްމު ހިނގީ އޭގެ ސްކްރީންޕްލޭ މޮޅުވީމަ. އަހަންނަށް ހަމަ ޔަހީން އެ ފިލްމުގައި ރިތިކް ރޯޝަން އުޅުނު ނަމަވެސް ފިލްމު ހިނގާނެ،" އޭނާ ބުންޏެވެ.

މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާގެ ފިރިމީހާ ބުނި ގޮތުގައި އޭނާއަކީ އެއް އިރެއްގައި ވެސް ފިލްމެއް ހަދާ އިރު، މަޝްހޫރު އެކްޓަރުންނަށް ބަރޯސާވާ މީހެއް ނޫނެވެ.

"ސްކްރީންޕްލޭ ލިިޔެފައި އޭގެ ކެރެކްޓާތަކަށް ފިޓްވާ އެކްޓަރުން އަހަރެން ހޯދަނީ،" ވިންދޫ ބުންޏެވެ. "މި އުސޫލުން ކަންކަން ކުރަން ބޮލީވުޑުން އެބަ ޖެހޭ ދަސްކުރަން. ސްޓާރުންނޭ އެ ބުނާ މީހުންނަށް ބަރޯސާވުން ހުއްޓާލަން ޖެހޭ."

"މުންނާބާއީ" އާއި "ޕީކޭ" އަދި "3 އިޑިއަޓްސް" ފަދަ ފިލްމުތައް ގެނެސް ދިން ވިންދޫގެ ފިލްމު ކުންފުނިން މިހާރު އަންނަނީ އާ ފިލްމެއް ގެނެެސް ދޭން ތައްޔާރުވަމުންނެވެ.

އެއީ އަންނަ ފެބުރުއަރީ މަހުގެ 1 ގައި ރިލީޒްކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ. ވިންދޫގެ އަންހެން ދަރިފުޅު ޝެލީ ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ އަނިލް ކަޕޫރާއި ދަރިފުޅު ސޯނަމް ކަޕޫރާއި ރާޖްކުމާރު ރާއޯގެ އިތުރުން ޖޫހީ ޗާވްލާ އެވެ.