"ތަގް" ގައި ރިތިކްގެ ބަދަލުގައި އާމިރު ޚާން

މަޝްހޫރު ބަތަލު ރިތިކް ރޯޝަން ކުޅެން ހަމަޖެހިފައިވާ ފިލްމެއް ކަމަށްވާ "ތަގް" އެންމެ ފަހުން އާމިރު ޚާން ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެފި އެވެ.


ރިތިކް އަށް ފިލްމު ގެއްލޭ ގޮތްވީ އޭނާ ސްޓާ ޓީވީ ނެޓްވާކާ އެކު ސޮއިކޮށްފައިވާ 550 ކްރޯޑު (5500 މިލިއަން ރުޕީސް)ގެ ޑީލެއްގެ ސަބަބުންނެވެ. މި ޑީލްގެ ދަށުން 2017 ގައި ރިތިކް ކުޅޭ ހުރިހާ ފިލްމެއްގެ ސެޓެލައިޓް ރައިޓްސް ވަކި އަދަދަކަށް ސްޓާ ނެޓްވާކަށް ވިއްކަން ޖެހެ އެވެ.

ނަމަވެސް "ތަގް" ޕްރޮޑިއުސްކުރާ އަދިތުޔާ ޗޯޕްރާގެ ޔާޝްރާޖް ފިލްމްސް އާއި ސޮނީ ޗެނަލްއާ ދެމެދު ވަރަށް ޒަމާންވީ ކޮންޓްރެކްޓެއް އެބަ އޮތެވެ. އޭގެ ދަށުން ޔާޝްރާޖްގެ ފިލްމުތަކުގެ ސެޓެލައިޓް ރައިޓްސް ސޮނީ އަށް ދޭން ޖެހެ އެވެ.

ޔާޝްރާޖް ފިލްމްސް އިން "ސުލްތާން" ޕްރޮޑިއުސްކުރުމަށް ފަހު ފިލްމުގެ ބަތަލު ސަލްމާން ޚާން އެދިގެން ޚާއްސަ ހުއްދައެއްގެ ދަށުން އެ ފިލްމު ސްޓާ ނެޓްވާކަށް ވިއްކާލުމުގެ ހުއްދަ ސަލްމާނަށް ލިބުނެވެ. އެހެންކަމުން ރިތިކް ވެސް ބޭނުންވީ ސަލްމާނަށް ދިން ކަހަލަ ހުއްދައެއް އޭނާ ދިނުމަށެވެ. ޔާޝްރާޖުން އެކަމާ އެއްބަސް ނުވީ އެވެ.

މިކަމާ ރިތިކް ރުޅިއައިސްގެން "ތަގް" ނުކުޅެން ނިންމުމުން މިހާރު ފިލްމު ވަނީ އާމިރު ޚާނަށް ލިބިފަ އެވެ. ނަމަވެސް އެ ފިލްމު ކުޅޭކަށް އާމިރު އަދި ސޮއެއް ނުކުރެ އެވެ.