"މޮހެންޖޯ ދަރޯ" ރިތިކްގެ ކެރިއަރުގެ އެންމެ ބޮޑު ފްލޮޕް؟

ރިތިކް ރޯޝަންގެ އެންމެ ފަހުގެ ފިލްމު "މޮހެންޖޯ ދަރޯ" ފްލޮޕް ވެއްޖެ އެވެ. މި ފިލްމު ބޮކްސް އޮފީހުގައި އަކްޝޭ ކުމާރުގެ "ރުސްތުމް" އާ ވާދަކޮށް ދިޔައީ ފުލަށެވެ.


ރިތިކްގެ ފިލްމު އުފެއްދީ 115 ކްރޯޑު (1150 މިލިއަން ރުޕީސް)ގެ ބޮޑު ބަޖެޓަކުންނެވެ. ނަމަވެސް އެއް ހަފުތާ ފައިތުވެގެން ދިޔައިރު ފިލްމަށް ލިބުނީ އެންމެ 151 މިލިއަން ރުޕީސް އެވެ. މިހާރު ލަފާކުރެވެނީ މިއީ ރިތިކްގެ ފިލްމީ ކެރިއަރުގެ ވެސް އެންމެ ނާކާމިޔާބު ފިލްމަށް ވެދާނެ ކަމަށެވެ.

ރިތިކްގެ 16 އަހަރު ވީ ފިލްމީ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމުތަކާއި ނާކާމިޔާބު ފިލްމުތައް ވެސް ނުކުމެފައިވެ އެވެ. މިހާތަނަށް ރިތިކްގެ އެންމެ ނާކާމިޔާބު ފިލްމުގެ ރެކޯޑް އޮތީ 2002 ގައި ރިލީޒްކުރި "ނަ ތުމް ޖާނޯ ނަހަމް" އަށާއި 2010 ގައި ރިލީޒްކުރި ސަންޖޭ ލީލާ ބާންސާލީގެ "ގުޒާރިޝް" އަށެވެ. ފިލްމު އިންޑަސްޓްރީގައި ރިތިކް ބާކީވެފައި ހުރި މިންވަރާއި ބެލުންތެރިން އޭނާއަށް ކުރަމުންދާ ސަޕޯޓް ފަނޑުވަމުންދާ މިންވަރު އެންމެ ފަހުގެ ފިލްމުން ވަރަށް ބޮޑަށް ވަނީ އެނގިފަ އެވެ.

"ރުސްތުމް" އަށް މިހާރު 90 ކްރޯޑު (900 މިލިއަން ރުޕީސް) އަށް ވުރެ ގިނައިން ވަނީ ލިބިފަ އެވެ. މި ފިލްމު އުފެއްދީ 500 މިލިއަން ރުޕީސް ޚަރަދުކޮށްގެން ކަމަށް ވާތީ މިހާރު ވެސް ޚަރަދު ފޫބެދި ފިލްމަށް ބޮޑު ފައިދާއެއް ވެސް ވަނީ ލިބިފަ އެވެ.

މި ދެ ފިލްމު ރިލީޒްކުރުމުގެ މާ ކުރިއްސުރެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުން ދިޔައީ އަކްޝޭގެ "ރުސްތުމް" ކާމިޔާބުވާނެ ކަމަށެވެ. ރިތިކްގެ ފިލްމު އޮތީ މުޅިން ބާކީ ކޮށްލާފަ އެވެ. ނަމަވެސް ރިތިކް ބުނަމުން ދިޔައީ އޭނާގެ ފިލްމު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެ ޔަގީންކަން ބޮޑުކަމުން ނުވަތަ އަމިއްލަ ނަފްސަށް ބޮޑާވެގެންކަމެއް ނޭނގެ އެވެ. ރިތިކް ވަނީ އެންމެ ފަހު ވަގުތު އަކްޝޭގެ "ރުސްތުމް" ޕްރޮމޯޓްކޮށް ޓުވީޓް ވެސް ކޮށްފަ އެވެ.

އެގޮތަށް ރިތިކް ޓުވީޓްކުރީ އޭނާގެ ފިލްމު އިޝްތިހާރުކުރުމުގެ މަގްސަދުގައި ކަމަށް ވިޔަސް އެކަން ވެސް ވީ "މޮހަންޖޯ ދަރޯ" އަށް ނާކާމިޔާބީ ބޮޑުވާން މެދުވެރިވި ސަބަބަކަށެވެ.

ރިތިކްގެ ކެރިއަރުގެ އެންމެ ބޮޑެތި ފްލޮޕްތައް

މޮހެންޖޯ ދަރޯ – ބަޖެޓް 1150 މިލިއަން ރުޕީސް – ހަތް ދުވަސް ތެރޭ ލިބުނީ 510 މިލިއަން ރުޕީސް ގުޒާރިޝް – ބަޖެޓް 740 މިލިއަން ރުޕީސް – މުޅިއެކު ލިބުނީ 295 މިލިއަން ރުޕީސް ނަ ތުމް ޖާނޯ ނަ ހަމް – ބަޖެޓް 140 މިލިއަން ރުޕީސް – ޖުމްލަ ލިބިފައިވަނީ 80 މިލިއަން ރުޕީސް

ރިތިކްގެ ދެން އެންމެ އަވަހަށް ނުކުންނާނީ ސަންޖޭ ގުޕްތާގެ "ގާބިލް" އެވެ. މި ފިލްމާ ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހޭނީ ޝާހްރުކް ޚާންގެ "ރައީސް" އާ އެވެ. މިއީ އަނެއްކާވެސް ބޮޑު ދުވަހަކަށް ވާނެ އެވެ. މިއީ ހިންދީ ފިލްމު އިންޑަސްޓްރީގައި ރިތިކްގެ ތަރި އޮއްސުނަ ނުދޭން އޭނާ އަށް މިހާރު އޮތް އެންމެ ބޮޑު ފުރުސަތެވެ.