މިތުން ޗަކްރަބަތީ ފަރުވާއަކަށް އެމެރިކާގައި

ބޮލީވުޑްގެ އެކްޓަރު މިތުން ޗަކްރަބަތީ އެމެރިކާގައި ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބޮލީވުޑް ލައިފުން ބުނި ގޮތުގައި އުމުރުން 66 އަހަރުގެ އެކްޓަރު މިދިޔަ ހަފުތާއިން ފެށިގެން ފަރުވާ ހޯދަމުން އަންނަނީ ލޮސް އެންޖެލިސްގެ ހޮސްޕިޓަލަކުންނެވެ. ނަމަވެސް ފަރުވާ ހޯދަނީ ކޮން ބައްޔަކަށް ކަމެއް އެ ނޫހަކުން ނުބުނެ އެވެ. އެކަމަކު މިތުން އަށް ބުރަކަށީގައި ރިއްސުމުގެ މައްސަލަ ދިމާވެފައިވާ ކަމަށާއި މި ފަހުން އެ މައްސަލަ އިތުރަށް ބޮޑުވެފައިވާ ކަމަށް ބުންޏެވެ.

އެމެރިކާގައި ފަރުވާ ހޯދަމުން އަންނަ އިރު، މިތުންއާ އެކު އޭނާގެ ދަރިފުޅު އަދި އެކްޓަރު މަހާއަކްޝޭ ޗަކްރަބަތީ އާއި އޭނާގެ އަންހެނުން މަދަލްސާ ޝަރުމާ މިތުންއާ އެކު ލޮސް އެންޖެލިސް އަށް ގޮސްފައިވެ އެވެ.

ފިލްމު "މިރްގަޔާ" އިން 1976 ގައި އެކްޓިން ދާއިރާ އަށް ނުކުތް މިތުން ވަނީ ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. މޮޅު ނެށުންތެރިއެއްގެ ގޮތުގައި ވެސް މަޝްހޫރުވެގެން ދިޔަ މިތުންގެ ކެރިއަރު ބަދަލުކޮށްލި ފިލްމަކީ 1982 ގައި ރިލީޒް ކުރި "ޑިސްކޯ ޑާންސަރު" އެވެ. އެ ފިލްމުގައި އޭނާ ކުޅުނު ޖިމީގެ ކެރެކްޓާއަކީ އަދިވެސް ބެލުންތެރިންގެ ތެރޭގައި ފަނޑުވުމެއް ނެތް، މަގުބޫލު ރޯލެކެވެ.

"ޑިސްކޯ ޑާންސަރު" ގެ "ޖިމީ ޖިމީ" ލަވަ.

ހަ ސަތޭކައާ ގާތް ކުރާ އަދަދަކަށް ފިލްމުތައް ކުޅެ، ތިން ފަހަރަށް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ މިތުންގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ އޮގަސްޓް މަހު ރިލީޒް ކުރި އަނިލް ޝަރުމާގެ "ޖީނިއަސް" އެވެ. އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ވިވެކް އަގްނިހޯތުރީ އަންނަ އަހަރު ގެނެސްދޭ "ދަ ތަޝްކެންތު ފައިލްސް" އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ރާޖިއާ ސަބާގެ މެމްބަރުކަން ވެސްކޮށްފައިވާ މިތުންއަކީ ޒީޓީވީން ގެނެސްދޭ ޑާންސް ޝޯ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ މާސްޓަ ޖަޖެއްގެ ގޮތުގައި ވެސް ފެންނަ ފަންނާނެކެވެ.