ބިރުވެރި މާލެ ދަތުރު

ބުދަ ދުވަހާ ގުޅޭ


މީހުން މާ މޮޅުކަމަށް ބުނާ މާލޭގެ ހާލަތަކީ މީ ހެއްޔެވެ؟ ރަށުގެ ހިތްފަސޭހަ ދިރިއުޅުން ދޫކޮށްލައިފައި މީހުން ނާދެވިގެން އެ އުޅެނީ މި ތަނަށް ހެއްޔެވެ؟ ނައިސް ކިރިޔާ ވެސް ފަރުޖެއްސޭނެ ގޮތެއް އޮތް ނަމަ އަހަރެން މި ތަނަކަށް ނައީމުހެވެ. އަހަރެންގެ ހާލުބަލަން އަޒީޒާ ގުޅިއެވެ. ފާޒިރާ ވެސް ގުޅިއެވެ. އެކަކާ ވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަހަންނަށް ދިމާވާ ކަންކަމާ ކުރިމަތިލާން ޖެހޭނީ އަހަންނެވެ. ދެން ހަދަންވީގޮތެއް ވެސް އެނގޭނީ އަހަންނަށެވެ. ހިތަށްއެރިއެވެ. ހުރިހާ ކަމެއް ފުރިހަމަ ތަނަކީ ސުވަރުގެއެވެ. ދުނިޔޭގައި ކަންކަމާ ދިމާވާނެއެވެ. އެހީއަށް އެދޭނީ އަހަންނަށް ކެތްނުވާ ހިސާބަށް ދިޔައީމައެވެ.

ގަޑިން ދިހައެއްޖެހިއިރު ވެސް އައިޝަތުގެ ޚަބަރެއް ނުވިއެވެ. ބޭނުން ނަމަ ބޮޑުދައިތަގެ އެނދުގައި ވެސް އަހަންނަށް އޮވެވުނީހެވެ. އެ އެނދު ހުރީ ހުހަށެވެ. އެކަމަކު އެހެން ވެސް ހެދުނީހީ އެ ތަން ތަންކޮޅެއް ސާފުތާހިރު ނަމައެވެ. އެއީ އަހަރެންގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު ދިގު ރޭތަކުގެ ތެރެއިން ރެޔެކެވެ. ގަޑިއެއްހާއިރު ވަންދެން ދެ ކޮޅަށް ހިނގާލަހިނގާލާ ހުރީމެވެ. އެންމެ ފަހުން ބިރުން ވިރިވިރި ހުރެގެން ހަރުގަނޑު ކައިރިއަށް ހުއްޓުނީމެވެ. އެހެން ހުރިއިރު ވެސް އަހަންނަށް ފެންނަނީ އެ ހަރުގަނޑަށް އަރަން އުޅެނިކޮށް ފައި ކައްސާލާ މަންޒަރެވެ. އަހަރެންގެ ފައި ތުރުތުރުއެޅިއެވެ. ދާހިތްލަން ފެށިއެވެ. ފުރަތަމަ ހަރަށް އެރީމެވެ. ދެވަނަ ހަރަށް އެރިތަނާ ފޫޅަށް ވައިވަންނަ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. ކުޑަކުއްޖަކަށް ވެސް އެރޭހާ ފަސޭހައިން ހަރުތައް ހުރި ހަރުގަނޑު އަހަންނަށް ފަރުބަދައެއް ފަދައެވެ. ތިންވަނަ ހަރުފަތަށް އެރުނުތަނާ ފައި ކައްސައިލިއެވެ. ހަރުގަނޑަކުން އަހަންނެއް ނުއެއް ވެއްޓެއެވެ. އެކަމަކު ފައިގެ ކުޑަހުޅަށް ވަރަށް ވޭންހުރި، ތޫނު ތަދެއްއެރިއެވެ. ހިތުގެ ވިންދު ދެ ގުނައަށް އަވަސްވިއެވެ. އިތުރަށް މައްޗަށް އަރާކަށް ނުކެރުނެވެ. މަޑުމަޑުން ހަރުގަނޑުން ފޭބީމެއެވެ. ހަރުގަނޑުގައި ހިފަހައްޓައިލައިގެން މައިނޭވާލާން އެތައް އިރަކު ހުރީމެވެ. ދެނެއް ނާރަމެވެ. އެ ރޭ އަހަރެން އިނީ ހޭލައެވެ.

ފަތިސްނަމާދަށް ބަންގިގޮވާ އަޑު އިވެން ފެށުމުން ތައްޔާރުވެލައިގެން ނަމާދުކޮށްލީމެވެ. ފައިގެ ކުޑަހުޅުގައި ރިހުން ހުއްޓެވެ. ނަސީބަކުން ފައިއެޅެއެވެ. ވީމާ، އެނދުގެ ބާލީސްއުރަޔާއި ސާމާނުތައް ގެންގޮސް ދޮވެލީމެވެ. ދެން ހިތަށްއެރިއެވެ. ހެނދުނު ބަދިގެއަށް ވަންނަން ވާނެއެވެ. ހިލޭ ގެޔެއްގައި ހުންނަންޏާ ކޮންމެވެސް ކަމެއް އަހަރެން ވެސް ކޮށްދޭންވާނެއެވެ. ދޮވުނު އެއްޗެހި ކޮޓަރީގައި ހިއްކަންއަޅައިފައި ގޭތެރެއަށް ނުކުމެ ތަންތަން ބަލައިލީމެވެ. ސަހަރޯ ހިތަށްއެރިއެވެ. ކާމޭޒާ ދިމާ ތަރަފާލުމަތީގައި ވެސް ކާއެއްޗެހި ހުއްޓެވެ. ބަތްކޮޅުކޮޅާއި، ފިޔާކޮޅުކޮޅާއި، ޕިއްޒާ ފޮއްޗެއްގެ ބަޔެއް ވެސް އޮތެވެ. ފޮނިއެއްޗެހި ވެސް ހުއްޓެވެ. އޭގެ މައްޗަށް އަރައި ހިނގައިފައި ހުރުމުން ކާއެއްޗެހިތައް ހުރީ ތަރަފާލަށް ތަރަވެފައެވެ. ހިނިތައް އުތުރިއަރަނީއެވެ. ބަތްޕާރުސަލެއްގެ ބަޔެއް މޭޒުމަތީގައި ހުއްޓެވެ. އެ ހުރީ ކުޑަކޮށް ކުނިވެފައެވެ. މެދަކާ ހަމައަށް ހުރި ރިހަބޯތަށްޓެއް ހުއްޓެވެ. އެ ރިހަފޮދު ހުރީ ނުބައިވެފައެވެ. މުޅި ތަނުން ދުވަނީ މަޑު ކުނިވަހެކެވެ. ހެނދުނު ހަޔެއްޖެހިއިރު ވެސް އެހެން މީހަކު ބަދިގެއަކަށް ނާދެއެވެ. ގޭގެ މީހުންނަކީ އަވަހަށް ހޭލާ ބައެއް ނޫނީބާއޭ ހިތަށްއެރިއެވެ. އެ މީހުންނަށް ވަސްނުދުވަނީ ހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. މީހުން ހޭލަންވާއިރަށް ތަންތަން ސާފުކޮށްލާނަމެވެ. އެ ހުރި ގޮތަށް ހުއްޓައެއް އަހަންނަކަށް އެއްޗެއް ނުހެދޭނެއެވެ. ނުވެސް ކެވޭނެއެވެ. ފުރަތަމަ ފެށީ ކާމޭޒުމަތިންނެވެ. އެ ތަން ހަމައަކަށް އަޅުވައިފައި، ފިހިގަނޑާއި މޮޕު ހޯދައިގެން ތަރަފާލުގަނޑު ސާފުކުރަން ފެށީމެވެ. އެ މަސައްކަތް ނިމެން އުޅެނިކޮށް ގޭގެ ދޮރަށް ތަޅުދަނޑި ޖެހި އަޑުއިވުނެވެ. އަހަރެން ބަލަންހުއްޓައި ދޮރުހުޅުވައިލައިފައި އަންހެނަކު ވަނެވެ. ދެބައި އުމުރަށް ވުރެ މަތިހެން ހީވާ މީހެކެވެ. އަހަންނާ ދިމާއަށް އޭނަ ބަލައިލިއެވެ. ބީރައްޓެހި ނަޒަރަކުންނެވެ. އަހަރެން ވެސް ބަލަންހުރީމެވެ. އޭނަ އެއްވެސް ވާހަކައެއް ނުދެއްކުމުން އަހަރެން ހިނިތުންވެލީމެވެ. ހިނިތުންވެލުމުގެ ބަދަލުގައި އަހަންނަށް ކަޅިއަޅަމުން އޭނަ ވަނީ އަހަރެން އުޅޭ ކޮޓަރިއަށެވެ. އަހަރެން ނިންމީ އެއީ އައިޝަތު އެ ބުނި ބޮޑުދައިތަކަމަށެވެ. ގޭތެރެ ސާފުކޮށް ނިންމައިލިތަނާ ބޮޑުދައިތަ ނުކުތެވެ. ގޭތެރޭގައި އުޅޭއިރު ލާ ކަހަލަ ހެދުމެއްގައެވެ.

"ރޮށިފިހަން އުޅޭ!" ނުރައްޓެހި ރާގެއްގައި އޭނަ ބުންޏެވެ. "މި ގޭގަ ވަރަށް މަސައްކަތް ހުންނާނެ. އަވަސްކުރޭ!"

ކަންކުރަން ބޭނުންވާ ސާމާނު ބޮޑުދައިތަ ދެއްކުމުން އަހަރެން މަސައްކަތް ފެށީމެވެ. ގޭތެރޭގައި ކުރާ އެ ފަދަ ހުރިހައި ކަމަކަށް އަހަރެން ފަރިތައެވެ. މަސައްކަތް ޖައްސައިގެން އަހަރެން ވަރުބަލިކޮށްލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

"ކިތައް ރޮށި؟" އަހަރެން އެހީމެވެ.

"ފަސް ލާހި ރަނގަޅުވާނެ،" ބޮޑުދައިތަ ޖަވާބުދިނެވެ. "މާ ބޮޑެތިކޮށް ގުޅަނުޖަހާތި!"

ފަސް ލާއްސަކީ، އާދައިގެ ސައިޒުން ނަމަ ސާޅީހަކަށް ރޮށްޓެވެ. އެހާ ބައިވަރު ރޮށި ކަނީ ކޮން ބަޔެއް ހެއްޔެވެ؟ ސުވާލު އުފެދުނު ނަމަވެސް އަހަރެން އެ ސުވާލެއް ނުކުރަމެވެ. އިސާހިތަކު ފުށް މޮޑެގެން ރޮށިފިހަން ފެށީމެވެ. އެ ދުވަހަކީ އަހަރެންގެ ކޯސް ފަށާ ދުވަހެވެ. ކޮލެޖު ހުންނަ ތަނެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ޖެހޭނީ ޓެކްސީއަކަށް އަރާށެވެ. މާލޭގައި ފަސޭހައިން ޓެކްސީއެއް ނުލިބޭނޭ ބުނާ އަޑުއަހަމެވެ. އަހަރެން ކުރިމަތިލާން ޖެހޭނީ ކޮންކޮން ކަންތައްތަކަކާ ކަމެއް އޭރަކު ނޭނގެއެވެ. ޔަގީނުން ވެސް އަހަރެން ފެންވަރަން ޖެހޭނެއެވެ. ވީމާ، ވަރަށް ދުރާލާ ގޭގެ މަސައްކަތްތަކުން މިންޖުވެގެން ކޮލެޖަށް ދިޔުމުގެ މަސައްކަތް އަހަރެން ފަށަން ޖެހޭނެއެވެ. އަހަރެން ހުރީ ގަޑިޔަށް ބަލަބަލައެވެ. ފުރަތަމަ ދުވަހެއް ނޫނެވެ. އެއްވެސް ދުވަހަކު ގަޑިޖެހޭކަށް އަހަރެން ބޭނުމެއް ނުވެއެވެ. ރޮށިފިހެ ނިމުނުތަނާ ރިހަ ކައްކަން ޖެހުނެވެ. ދޭތެރެ މެދުން ސައި ކައްކަން ވެސް ޖެހުނެވެ. ތެޅިފޮޅިގެން ހުރިހައި ކަމެއް ނިންމައިފައި، ފެންވަރައި ތައްޔާރުވެގެން ނުކުމެ ޓެކްސީއެއް ހޯދައިގެން ކޮލެޖަށް ދެވުނުއިރު ގަޑިޖެހިގެން އިތުރަށް ފަނަރަ މިނެޓު ހިނގައިފިއެވެ. އަހަރެން ވަރަށް ލަދުގަތެވެ. އެހާމެ ހިތްހަމަނުޖެހުނެވެ. ހުރުމާއި ކެއުމަށް ފައިސާ ދީފައިވާއިރު ގެއެއްގައި ބުރަކޮށް މަސައްކަތްކުރަން އަހަންނަށް ޖެހޭ ހެއްޔެވެ؟ ގަޑިނުޖެހި ކިލާހަށް އާދެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. މި ގޮތަކަށް އަހަންނަކަށް ކޯހެއް ނުހެދޭނެއެވެ. އަދިވެސް ގަޑިޖެހޭނެއެވެ. އަހަރެން ޖެހޭނީ އެހެން ތަނަކަށް ބަދަލުވާށެވެ. މައްސަލައަކީ އަހަންނަށް މާލެ ނޭނގުމެވެ. ތަނެއް ކުއްޔަށްހިފަން ހަދާނެގޮތަކާއި، ގުޅާނެ ނަންބަރެއް ނޭނގެއެވެ.

ކޮލެޖު ނިމެނީ ފަސްގަޑި ބައިގައެވެ. ގެއަށް އައިއިރު އަހަރެން ހުރީ ވަރަށް ވަރުބަލިވެފައެވެ. ހެދުން ބަދަލުކޮށްލައިގެން ކާން ނުކުތީމެވެ. ގޭތެރެއޮތީ ފަޅުކޮށެވެ. ގޭގައި އުޅޭ ގިނަ މީހުންނާ އަހަންނަކާ ދިމައެއް ނުވެއެވެ. މޭޒުމަތީގައި ކާއެއްޗެއް ނެތެވެ. އުނދުންމައްޗަކު ވެސް އެއްޗެއް ނެތެވެ. ރިހަ ކެއްކި ތެލި އޮތީ ބަންޑުންޖަހައިފައެވެ. ދެން ހަދާނެ ގޮތެއް ނޭނގުނެވެ. ކާއެއްޗެހި ކޮބައިތޯ އަހާކަށް ނުކެރުނެވެ. އައިޝަތަށް ގުޅާކަށް ވެސް ނުކެރުނެވެ. އަހަރެން ގުޅީ ފާޒިރާއަށެވެ. އެއީ އަހަރެން ހަދާ ކޯހުގައި ބައިވެރިވުމަށް ރަށުން އައި އެކުވެރިޔާއެވެ. ދެ މީހުން އެކުގައި ބޭރަށް ނުކުތީމެވެ. އަހަރުމެން ކެއީ ކެފޭއަކުންނެވެ. ފާޒިރާގެ ވާހަކައިން އެނގުނު ގޮތުގައި އޭނަ ހުރީ ވަރަށް ރަނގަޅު ތަނެއްގައެވެ. ކުލިދައްކައިގެން ހުންނާތީ އިތުރު އެއްވެސް މަސައްކަތެއް ކުރާކަށް އޭނަޔަކަށް ނުޖެހެއެވެ. ލަނޑުލިބިގެން އުޅެނީ އަހަންނަށެވެ. ވާހަކަދައްކަދައްކާ އިންދައި ލޯމެރެއެވެ. އިރުއިރުކޮޅާ އާފުރެއެވެ.

"ރޭގަ ނުނިދަނީތަ؟" ފާޒިރާ އެހިއެވެ. "އާފުރޭވަރުން ހީވަނީ އަހަންނާ އެއްކޮށް މޭޒު ވެސް ކާލަފާނެހެން."

"މާ ބޮޑަށް ވަރުބަލިވެފަ،" އަހަރެން ބުނީމެވެ. "ނިދާލީމަ ރަނގަޅުވާނެ."

ތަނެއް ހޯދަން ފާޒިރާ ގާތުގައި ބުނަން ހިތަށްއެރިއެވެ. އެކަމަކު، އެހާ އަވަހަށް އައިޝަތުގެ ގެއިން ނުކުންނާކަށް ނުކެރުނެވެ. ހިތަށްއެރިއެވެ. ދުވަސްކޮޅަކުން އާދަވެދާނެއެވެ. ކެތްކުރަން ވާނެއެވެ. އަހަރެން ގެއަށް ވަންއިރު ރޭގަނޑު ހަތެއްޖަހައި ބޮޑުވެއްޖެއެވެ.

"ތީ ހެނދުނު ދިޔަ މީހާ؟" ބޮޑުދައިތަ ހިތްހަމަނުޖެހިފައި ބުންޏެވެ. "ކޮންމެހެން އެ ސުވާލަށް ޖަވާބުދޭނެކަމެއް ނެތް. ކައްކަން އުދާ! މިރޭ ހަދާނީ ގަރުދިޔަ. ތެއްލި މަސް ހުންނަން ޖެހޭނެ. ވިއްސަކަށް ރޮށި ވެސް ޖެހޭނެ ފިހެލަން. އަވަސްކުރޭ އަވަސްކުރޭ!"

އަހަރެން ހައިރާންވިއެވެ. އަހަންނަކީ ކިޔަވަން އައިސް ހުރި މީހެކެވެ. ކައްކައި، ފޮޅާސާފުކުރަން ގެނަސްފައި ހުރި މީހެއް ނޫނެވެ. ތަދުވާ ފައިތިލައިގައި އެއްޗެއް ހާކައިލާނެ ވަގުތު ވެސް އަހަންނަކަށް ނުލިބުނެވެ. ބަދިގެއަށް ވަދެފައި އައިޝަތަށް ގުޅަން ފޯނު ނެގީމެވެ. ކޮންމެ ގޮތެއް ވިޔަސް ޝަކުވާއަކަށް ނުވާ ގޮތަކަށް އަހަންނަކަށް އެ ވާހަކައެއް ނުދެއްކޭނެއެވެ. އޭރުން އައިޝަތު ބުނާނީ ކީކޭ ހެއްޔެވެ؟ އަޒީޒާ ހިތަށްއަރާނީ ކީކޭ ހެއްޔެވެ؟ އަހަންނަކީ ކަންނެތް، ފޮނި މީހެކެވެ. ހިލޭ ގެއެއްގައި ބަހައްޓައިދިނީމައި ވެސް ކާއެތިކޮޅެއް ރޯފިލުވާލަން އަހަންނަށް ބޮޑުވީއެވެ. އެހިސާބުން، ފޯނުކުރުމުގެ ހިޔާލު ދޫކޮށްލައިފައި މަސައްކަތް ފެށީމެވެ.

އެ ރެއަކީ އަހަންނަށް ރަނގަޅަށް ނިދުނު ރެޔެކެވެ. ފަޔަކު އެއްޗެއް ނުއުނގުޅަމެވެ. ދިހަޔެއްޖަހަނިކޮށް އޮށޯތް ގޮތަށް ހޭލެވުނީ ފަތިސްނަމާދަށެވެ. ނަމާދުކޮށްލައިގެން ނުކުތީމެވެ. ހިތަށްއެރިއެވެ. ކުރީ ބައިގައި މަސައްކަތްފެށީމައި ގަޑިނުޖެހި ކޮލެޖަށް ދެވޭނެއެވެ. އެއްޗެހި ހުންނަ ތަންތަނާއި ހަދަންވާ އެއްޗެހި ވެސް އަހަންނަށް އެނގެއެވެ. ފުށްމޮޑެފައި ރޮށިފިހަން ބަލައިލިއިރު އިތުރު ތަވައެއް ފާރުގައި އަޅުވައިފައި ހުރިތަން ފެނުނެވެ. އެއީ ތަތްނުލަވާ ތަވައެކެވެ. ރަށުގައި ވެސް އަހަރެން ބޭނުންކުރަނީ ތަތްނުލަވާ ތަވައެވެ. އެކަމަކު ކުރީ ދުވަހު އަހަންނަށް ދިނީ އާދައިގެ ތަވައެކެވެ. އެ ތަވާ ފާރުގައި ލައްކޮށްލައިފައި ހުއްޓެވެ. އަހަރެން ހިތަށްއެރިއެވެ. އަހަންނަށް ވަރަށް އަވަހަށް ރޮދިދެމެއެވެ. ދެ ތަވާ އެއްކޮށް އުދައިފިއްޔާ އަވަހަށް ރޮށިފިހެ ނިންމައިލެވޭނެއެވެ. ވަގުތު ސަލާމަތްވާނެއެވެ. ފުރަތަމަ ދެ ރޮށި ދަމައިފައި، ދެ ތަވައި އުދައިފައި ރޮހިފިހަން ފެށީމެވެ. ހަމަ ފެށިތަނާ ބޮޑުދައިތަ ހޭލައިގެން ނުކުތެވެ. އަހަރެން މަސައްކަތްކުރާ ގޮތް ބަލަން ދުރުގައި ހުއްޓުނެވެ. ކުއްލިއަކަށް ނިކަން ބާރަށް އައިސް، ތަތްނުލަވާ ތަވާ އުދައިފައި ހުރި އުނދުން ނިއްވައިލިއެވެ.

"ނަމަނަމަ މި ތަވާގަ ކަލޭ އަތްނުލާތި!" ހަރުކަށި ރާގަކަށް ބޮޑުދައިތަ ބުންޏެވެ.

ނުނިމޭ