ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ޚަބަރެއް ނުވޭ

ރިތިކް ރޯޝަންގެ "ސުޕަ 30" އަކީ މި މަހުގެ 25 ގައި ރިލީޒް ކުރާނެ ކަމަށް އިއުލާންކޮށްފައިވާ ފިލްމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފަ އެވެ.


އެކަމަކު އޭގެ ފަހުން ފިލްމުގެ ވާހަކަ ބަޚަބަރެވެ. ރިލީޒްކުރަން ބުނި ތާރީހު ކުޑަތަން ވެފައިވާއިރު "ސުޕަ 30" ގެ ޓީޒާއެއް، ޓްރެއިލާއެއް ވެސް އަދިއެއް ރިލީޒްކޮށްފައެއް ނެތެވެ. އެހެންވެ މި ފިލްމަށް ވާން އުޅޭ ގޮތަކާ ދޭތެރޭ ރިތިކްގެ ފޭނުން މިހާރު ތިބީ ވާނުވާގަ އެވެ.

އިންޑިއާގެ ކުޅަދާނަ ހިސާބުގެ އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ސުޕަ 30" ވަޅުގަނޑަކަށް ވެއްޓުނީ މީގެ ޑައިރެކްޓަރު ވިކާސް ބާލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް، މައްސަލަ ކޯޓާ ހަމައަށް ދިއުމާ ގުޅިގެންނެވެ.

އޭރު ފިލްމުގެ ޝޫޓިން ނިމިފައި އޮތަސް އެޓިޑިން އާއި ޑަބިން އާއި ބެކް މިއުޒިކް ކަހަލަ ބޮޑެތި މަސައްކަތްތައް ހުރީ ނުނިމި އެވެ. އަނެއްކޮޅުން ވިކާސް އަށް ކުރި ތުހުމަތުތަކާ ގުޅިގެން، "ސުޕަ 30" އުފެއްދި ޕްރޮޑަކްޝަން ހައުސް ފެންޓަމް ވެސް ވަނީ އުވާލައިފަ އެވެ. ދާދި ފަހުން މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ އެއްވެސް ކްރެޑިޓެއް ވެސް "ކްއީން" އާއި "ޝާންދާރު" ފަދަ ފިލްމުތައް ގެނެސް ދިން ވިކާސް އަށް ނުދޭން ވަނީ ނިންމައިފަ އެވެ.

އަދި "ސުޕަ 30" ގެ މަސައްކަތް މިހާރު ސާޖިދު ނަދިއަދްވާލާގެ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑް ސަން އެންޓަޓައިންމަންޓްގެ ބެލުމުގެ ދަށުން ޑައިރެކްޓަރު ކަބީރު ހާނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށްވެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ކަބީރާއި ސާޖިދާއި އަދި ރިތިކް އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައި ނުވާތީ "ސުޕަ 30" މިހާރު އޮތް ހާލެއް ސާފެއް ނޫނެވެ.

އެންމެ ބޮޑު ސުވާލަކީ މި މަހުގެ 25 ގައި ފިލްމު ރިލީޒް ކުރާނެތޯ އެވެ؟

މި ފިލްމަކީ ބެލުންތެރިން ވަރަށް އުންމީދު ކުރާ ފިލްމެކެވެ. ސަބަބަކީ "ސުޕަ 30" އަކީ ރިތިކް ކުޅުނު ފުރަތަމަ ބައޮޕިކަށްވުމެވެ. އަނެއްކޮޅުން ފިލްމުގައި އާނަންދުގެ ރޯލް ކުޅެން އޭނާ ވަނީ ހަށިގަނޑަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެނެސް، ލުކްސް ތަފާތުކޮށްލައިފަ އެވެެ. އެހެންވެ ރިތިކް "ސުޕަ 30" އިން ފެންނާނެ ގޮތް ބެލުމުގެ ޝައުގުވެރިކަން ވެސް ފޭނުންގެ މެދުގައި ބޮޑެވެ.

މި ފިލްމުގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ މިހާރު ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަ ކުރީގެ ޓީވީ ބަތަލާ މުރްނާލް ތާކޫރެވެ. "ސުޕަ 30" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަމިތު ސާދު އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

"ސުޕަ 30" މި މަހުގެ 25 ގައި ރިލީޒް ކުރާނެ ކަމަށް އިއުލާންކޮށް ފިލްމުގައި ވާނުވާގައި އޮތަސް އެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ އެހެން ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި އިމްރާން ހާޝިމީގެ "ޗީޓް އިންޑިއާ" އެވެ. އެ ފިލްމުތައް މިހާރު އަންނަނީ ވަރަށް ގަދަ އަށް ޕްރޮމޯޓް ވެސް ކުރަމުންނެވެ.