ޝަންކަރުގެ ސައިންްސް ފިކްޝަން ފިލްމެއް ރިތިކަށް

ދާދި ފަހުން ރިލީޒްކުރި ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ގެ ޑައިރެކްޓަރު ޝަންކަރުގެ ފިލްމެއް ރިތިކް ރޯޝަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރުގެ ގާތް މީހަކާ ހަވާލާދީ ޕިންކްވިލާ އިން ބުނި ގޮތުގައި ޝަންކަރު ރިތިކަށް ހުށަހަޅާފައި ވަނީ ވަރަށް ވަރުގަދަ ސައިންސް ފިކްޝަން ޖޯންރާގެ ފިލްމެކެވެ.

އޭނާ ބުނި ގޮތުގައި ރިތިކަކީ ޝަންކަރު ވަރަށް ގަޔާވާ އެކްޓަރެކެވެ. އެގޮތުން ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ރިތިކާ އެކު ފިލްމެއްގައި މަސައްކަތް ކުރެވޭތޯ ޝަންކަރު އުޅުނު ކަމަށާއި ނަމަވެސް ދެ މީހުން އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން އެ ފުރުސަތު ފަހިވާ ގޮތް ނުވީ ކަމަށް ބުންޏެވެ.

ޕިންކްވިލާއާ ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ރިތިކަކީ ސައިންސް ފިކްޝަން ފިލްމަކަށް ވަރަށް ވެސް ފިޓްވާ ކަހަލަ އެކްޓަރެކެވެ. އެގޮތުން އޭނާގެ ވަރުގަދަ ފިޒިކާ އެކު ލިބިފައިވާ ރީތި ލުކާއި ކުޅަދާނަ ނެށުމުގެ ހުނަރާ އެކު، އެ ޖޯންރާގެ ފިލްމެއް ރިތިކްއާ އެކު ގެނެސް ދިނުމަކީ ޝަންކަރު ވަރަށް ވެސް ބޭނުންވާ ކަމެއް ކަމަށް ބުންޏެވެ.

ޝަންކަރު: އޭނާއަކީ އިންޑިއާގެ އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރު.

އިންޑިއާގެ އެންމެ އަގުބޮޑު ފިލްމުގެ ގޮތުގައި ނޮވެމްބަރު މަހު ރިލީޒް ކުރި "2.0" އަށް ފަހު ޝަންކަރުގެ ކުރިއަށް އޮތް ފިލްމަކީ ކަމަލް ހަސަންގެ ވަދާއީ ފިލްމު "އިންޑިއަން 2" އެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ މަހު ފަށާފައިވާ އިރު، މި އަހަރު ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.