"ސިމްބާ" ވެސް 100 ކްރޯޑް ރުޕީސް ހޯދައިފި

ރަންވީރު ސިންގް ކުޅުނު "ސިމްބާ" ގެ ކެރެކްޓާ އިން ބެލުންތެރިންގެ ހިތްތައް އަތުލައި، ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވެސް ފިލްމު ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި ހޯދައިފި އެވެ.


ކުރިން ވެސް ލަފާކުރި ގޮތަށް، ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މަސާލާ ފިލްމު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އިރު، މިއީ އެވަރުގެ އާމްދަނީއެއް ފަހަނައަޅައި ދިޔަ ރޯހިތުގެ 8 ވަނަ ފިލްމެވެ. ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީ ހޯދި ފިލްމުތައް އެންމެ ގިނައީ ވެސް ރޯހިތުގަ އެވެ.

ތަރިންގެ ތެރެއިން 100 ކްރޯޑްގެ ފިލްމުތައް އެންމެ ގިނައިން ސަލްމާން ހާނުގެ އެވެ. އެއީ 13 ފިލްމެވެ.

ރަންވީރާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅުނު "ސިމްބާ" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި 13 ވަނަ ފިލްމެވެ.

އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން މިހާތަނަށް މި ފިލްމަށް ވަނި ޖުމްލަ 134.05 ކްރޯޑް ރުޕީސް ލިބިފަ އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސް ކުރި ފިލްމު ހަދަން ހަރަދު ކުރީ 80 ކްރޯޑެވެ.

"ސިމްބާ" ގެ އިތުރުން މިދިޔަ އަހަރު ދެން 100 ކްރޯޑް ކުލަބަށް ވަން ފިލްމުތަކަކީ އަކްޝޭ ކުމާރުގެ "2.0"، އާމިރު ހާންގެ "ތަގްސް އޮފް ހިންދުސްތާން"، އަޔޫޝްމަން ކުރާނާގެ "ބަދާއީ ހޯ"، ރާޖްކުމާރު ރާއޯގެ "އިސްތިރީ"، އަކްޝޭގެ "ގޯލްޑް"، ރަންބީރު ކަޕޫރްގެ "ސަންޖޫ"، ސަލްމާންގެ "ރޭސް 3"، އާލިއާ ބަޓްގެ "ރާޒީ"، ޓައިގާ ޝްރޮފްގެ "ބާގީ 2"، އަޖޭ ދޭވްގަންގެ "ރެއިޑް"، ކާތިކް އާރިޔަންގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަދި ދީޕިކާ ޕަދްކޯންގެ "ޕަދްމާވަތު" އެވެ.

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކުރި ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އަށެވެ. އެ ފިލްމަށް ޖުމްލަ 586.85 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

ފާއިތުވި 10 ވަރަކަށް އަހަރާ އަޅާކިޔާ ނަމަ މިދިޔަ އަހަރަކީ ބޮލީވުޑަށް އެންމެ ކާމިޔާބު އަހަރެވެ. އަދި މި އަހަރަކީ ވެސް ވަރަށް އުންމީދީ ގިނަ ފިލްމުތަކެއް ރިލީޒް ވާނެ އަހަރެކެވެ.