ކެޓްރީނާ ކެއިފް ދޫކޮށްލި ފިލްމު ޝްރަދާ ކަޕޫރަށް؟

ވަރުން ދަވަންއާ އެ ކުޅެން ކެޓްރީނާ ކެއިފް ސޮއި ކުރި ފިލްމު ދޫކޮށްލުމުން ފިލްމުގެ ބަތަލާއަކަށް މިހާރު ޝަރްދާ ކަޕޫރު ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމަށް ޝޯޓްލިސްޓް ކުރި ތިން ބަލާއިންގެ ތެރޭގައި ހިމެނީ ވަރުންއާ އެކު ކުރިން މަސައްކަތް ކުރި ޝްރަދާގެ އިތުރުން "ދިލްވާލޭ" ގެ ބަތަލާ ކްރިތީ ސެނަން އާއި "ޑިޝޫމް" އާއި "ޖުޅުވާ 2" ގެ ބަތަލާ ޖެކްލިން ފެނަންޑޭޒެވެ. ނަމަވެސް ފިލްމުން ފެނުމުގެ ފުރުސަތު ބޮޑީ ޝްރަދާ ކަމަށް އެ ނޫހުން ބުންޏެވެ.

މި އަހަރުގެ ނޮވެމްބަރު 8 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ޑާންސް ފިލްމަކީ ވަރުން އާއި ޝްރަދާ އެކުގައި ކުޅުނު ފުރަތަމަ ފިލްމު އޭބީސީޑީ 2 (2015) ގެ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ވަރުން އާއި ޝްރަދާގެ "އޭބީސީޑީ 2" ގެ ލަވަައެއް.

މި ފިލްމުގެ ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނި ގޮތުގައި ކެޓްރީނާ ފިލްމު ދޫކޮށްލުމުން، އޭގެ ބަތަލާއަކަށް ގެންނާނެ މަޝްހޫރު ތިން ތަރިއަކު މިހާރު ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ބަތަލާއަކީ ކާކުކަން އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.

ބުޝަން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން މި މަހުގެ 22 ހިސާބުގައި ފަށާނެ އެވެ. އެހެންވެ ޔަގީނުން ވެސް އޭގެ ކުރިން މި ފިލްމުގެ ބަތަލާއަކަށް ވާނެ މީހަކީ ކޮބައިކަން އެނގޭނެ އެވެ.