ބިރުވެރި މާލެދަތުރު

އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ


"ނަމަނަމަ މި ތަވާގަ ކަލޭ އަތްނުލާތި!" ހަރުކަށި ރާގަކަށް ބޮޑުދައިތަ ބުންޏެވެ. "ކަލެއަކަށް ނޭނގޭނެ މީ ކިހާ އަގު ބޮޑު އެއްޗެއްކަމެއް. މި ކަހަލަ އެއްޗެއްސާ ކުޅޭކަށް ކަލޭމެންނަކަށް ނޭނގޭނެ. ފާޑުފާޑަށް ފެންވަރު އޮޅިގެން ނޫޅޭތި!"

އަހަންނާ ދިމާއަށް ދުވަހަކު ވެސް މީހަކު އެ ރާގަކަށް ވާހަކައެއް ނުދައްކައެވެ. އަހަރެންގެ ފިރިމީހާއާއި ދަރިން ވެސް ބާރަށް އެއްޗެއް ނުބުނާނެއެވެ. އަހަންނަކީ ވަރަށް ހިތްބަލި މީހެކެވެ. ފަސޭހައިން ހިތުގައިޖެހޭ މީހެކެވެ. ވަގުތުން އަހަރެން ފެންކަޅިވިއެވެ. ހިތަށްއެރިއެވެ. ކޮންމެހެން އެހާ ވަރު ކޮށްލަންޖެހޭ ހެއްޔެވެ؟ ހިތަކީ ވަކި ރަށެއްގައި އުޅޭ ބަޔަކަށް އެކަނި ދެއްވި އެއްޗެއް ހެއްޔެވެ؟ ބޮޑުދައިތަ އެ ތަނުން ދިޔުމުން ވެސް އެތައް އިރަކު އިސްޖަހައިލައިގެން އަހަރެން ހުރީމެވެ. ހިތާ ސުވާލުކުރީމެވެ. އަހަންނަށް އެ ގޭގައި އުޅެވޭނެ ހެއްޔެވެ؟ އައިޝަތު ވަރަށް ރަނގަޅެވެ. ދޭތެރެއަކުން އަހަންނަށް ގުޅައިފައި ކެއިތޯ ވެސް ބަލައެވެ. އެކަމަކު އައިޝަތަކީ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ މީހެކެވެ. ހެނދުނު އޮފީހަށް ދާގޮތަށް އެކި ދުވަހު އައިޝަތު އަންނަނީ އެކި ގަޑީގައެވެ. ބައެއް ފަހަރު ރޭގަނޑު ވެސް އާދެއެވެ. ގޭގައި ހުންނަ މައްސަލަތަކާއި، ހިނގާ ކަންތައްތަކުގެ ވާހަކަ އައިޝަތަކަށް އަހަރެން ކިޔައެއްނުދެމެވެ. އެހެންކަމުން އޭނައަށް އެ ކަން އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ހަގީގަތް ކިޔައިދޭންޖެހޭ ދެވަނަ މީހަކީ އަމްޖަދެވެ. އަހަރެންގެ ފިރިމީހާއެވެ. އިރުއިރުކޮޅާ އޭނަ ގުޅައެވެ. އެކަމަކު އޭނައަކަށް ވެސް އަހަރެން ކިޔައެއްނުދެމެވެ.

ކޮލެޖަށް ދިޔައިރު ވެސް އަހަރެންގެ މޫޑު ހުރީ ވަރަށް ބަނަކޮށެވެ. ފަރުވާތެރިކަމާ އެކުގައި އަހަރެންގެ މޫނަށް ބަލައިލި ކޮންމެ މީހަކަށް އެ ކަން އެނގޭނެއެވެ. އަލަށް ލިބުނު އެކުވެރިން ސުވާލުތައް ކުރި ވެސް މެއެވެ. އެ މީހުންނަށް ޝައްކުވީއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެން ހަމަޖައްސައިލީމެވެ. ފާޒިރާ ގާތުން ސަލާމަތެއް ނުވެވުނެވެ. އިންޓަވަލު ގަޑީގައި ފާޒިރާ ނިކަން ހުށިޔާރުކަމާ އެކުގައި އަހަރެން އަތުލައިގަތެވެ. އެ ހިސާބުން އަހަރެން ކިޔައިދިނީމެވެ. އިރުކޮޅެއް ނުވެ އަހަންނަށް ރޮވިއްޖެއެވެ.

"ދެން ކީއްކުރަން އެ ތާ ތި އުޅެނީ؟" ޗޮކެއްކަނޑައިފައި ފާޒިރާ ބުންޏެވެ. "ކިހާ ހަމަޖެހިލައިގެން އުޅެވޭނެ މީހެއް ތީ. މި ގުޅަނީ އަމްޖަދަށް."

އަހަރެން އެ ކަން މަނާކުރީމެވެ. ސަބަބު ކިޔައިދިނީމެވެ. ފާޒިރާ ގަބޫލެއް ނުކުރިއެވެ.

"ނާސިހާ ނުބުނެފިއްޔާ އަހަރެން ބުނާނަން،" ފާޒިރާ އިންޒާރުދިނެވެ. "ތިހެން އުޅެނިކޮށް އެންމެ ފަހުން ކޯހުން ފާސްނުވެ ރަށަށް ދާންޖެހޭނީ. ހުރިހާ އެއްޗެއް ވާނީ ބޭކާރު. ނާސިހާ އުފާވާނެ؟ އަމްޖަދު އުފާވާނެ؟ ދަރިން އުފާވާނެ؟ ނުވާނެ. ގުޅާ! ހަމަ މިހާރު ގުޅާ!"

"އޯކޭ!" އަހަރެން އެއްބަސްވީމެވެ. "އެކަމަކު ގެއަށް ގޮއްސަ ގުޅާނީ. ކެންޓީނުގައި އިނދެގެން ފިރިމީހާއަށް ގުޅާފަ ރޮޔެހޭރޭނީ ކިހިނެއް؟ އަހަންނަށް ޔަގީން ނުރޮއި އަހަންނަކަށް ކިޔައެއް ނުދެވޭނެ. ތަނުގެ މުޑުދާރުކަމަށް ވުރެ ވެސް ބަވާލުން މައްސަލައަކީ."

ގެއަށް އައިސްފައި ވެސް އަހަރެން ވިސްނީމެވެ. މާލެއަށް އައިތާ ހަފުތާއެއް ނުވަނީސް އަމްޖަދަށް ގުޅައިފައި ކުޑަކުއްޖެއްހެން ކުސްތަޅަން ވެދާނެ ހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. އަހަރެން ނުގުޅައިފިއްޔާ ފާޒިރާ ގުޅާނެއެވެ. ރަނގަޅުވާނީ އަހަރެންގެ ދުލުން ކިޔައިދިނިއްޔާއެވެ. ފޯނު ނަގައިފައި އަމްޖަދަށް ގުޅައިލީމެވެ. އޭރު ވެސް އަހަރެން ހުރީ ދެ ޚިޔާލެއްގައެވެ. ހަލޯ ކިޔުމާއެކު އަހަރެންގެ އަޑުގެ ރިހުން އަމްޖަދު ދަނެގަތެވެ.

"ކިހިނެއްވީ؟" އަމްޖަދު ސުވާލުކުރިއެވެ.

"ކިހިނެއްތަވީ؟" ނުވެސް އެނގޭ ކަމަށް ހެދިފައި އަހަރެން ބުނީމެވެ.

"ކޮންމެވެސް ކަމެއް ވެއްޖެ!" އަމްޖަދު ޔަގީންކަމާ އެކުގައި ބުންޏެވެ. "ނާސިހާއަށް ހީވަނީތަ އަހަންނަކަށް ނޭނގެޔޭ؟ ނާސިހާ ސިއްރުކުރަން ބޭނުންވާތީ އަހަރެން ނޭނގޭކަމަށް ހެދިގެން މި ހުންނަނީ. އަސްލު ބުނެބަލަ! ކިހިނެއްވެގެން ތި އުޅެނީ؟ ތި ތަން ސަކަރާތީތަ؟"

އަމްޖަދު އެހާ މޮޅަށް ދިމާކުރީމަ ދެން އިންކާރުކުރާ ހިތެއް ނުވިއެވެ. ވީ ހުރިހާ ކަމެއް ފެށިގެން ނިމެންދެން އަހަރެން ކިޔައިދިނީމެވެ.

"އަޅޭ!" އަމްޖަދު ބުންޏެވެ. "ތިވަރު ވާއިރު ބުނެލަންވާނެއްނު! އެހެން ތާކަށް ބަދަލުވޭ! އެންމެ މިނެޓެއް ވެސް ތި ތާކު ހުންނާނެކަމެއް ނެތް. މި ރޭ ތި ތަނުގަ ނުނިދާތި! އަހަރެންގެ އަންހެނުން މާލެފޮނުވީ ގަނަތެޅޭކަށް ނޫނޭ."

"ތިހެންވެގެންނޭ އަހަރެން ނުބުނަން އުޅުނީ،" އަހަރެން ބުނީމެވެ. "އަހަންނަށް އެނގޭ އަމްޖަދު ހާސްވާނެކަން."

"ދެން ހާސްނުވެއެއް ނުހުންނާނެއްނު. އަޅެ އެ ވަރަށް ގުޅާއިރު ޖެހޭނެ ބުނަން. ތި ހާލުގައި ނާސިހާ އުޅެން ދޫކޮށްލާފައި އަހަރެން ކިހިނެއް ދެ ފައި ދަމާފައި ނިދާނީ؟ އަހަރެން ކީއްކޮށްދޭންވީ؟" އަމްޖަދު އެހިއެވެ. "ލާރި ބޭނުންތަ؟ ތަނެއް ހަމަޖައްސަންތަ؟ މިރެއިން މިރެއަށް ގެސްޓުހައުސްއަކަށް ބަދަލުވާންވީނު. އަތުގަ ހުރި ލާރިން ނުވަންޏާ ބުނޭ. މީހަކު އަތުން ދަރަންޏަށް ނަގައިގެން ނަމަވެސް މަސް ދުވަހު ނާސިހާ މާލޭގައި ބަހައްޓައިދޭނަން."

"އަމްޖަދޫ!" އަހަރެން ބުނީމެވެ. "ލާރި އެބަހުއްޓޭ! ތި ވަރަށް އަހަރެން ދެކެ ލޯބިނުވެބަލަ! އަހަރެން ބިރުގަނޭ އެބަ!"

އަމްޖަދުގެ ވާހަކަ މެދުކެނޑުނެވެ. އޭރު ވެސް ގޭތެރޭގައި ކަމެއް ހިނގަމުންދާކަމެއް އަހަންނަކަށް ނޭނގެއެވެ. އެ ކަމެއް ހިނގަމުން ދިޔައީ ވަރަށް ސިއްރުންނެވެ.

"އަމްޖަދު؟" އަހަރެން ގޮވައިލީމެވެ. "ހަލޯ!"

"އާނ ހަލޯ!" އަމްޖަދު ބުނި އަޑުއިވުނެވެ.

"ކީއްތަ ތި ކުރަނީ؟" އަހަރެން އެ ސުވާލުކުރިން ވެސްމެއެވެ. "ކޮންތާކު ތިހިރީ؟ ކާކު އެ ވާހަކަދައްކަނީ؟"

"މިހިރީ ގޭގައި،" އަމްޖަދު ޖަވާބުދިނެވެ. "އަހަރެން ކޮންތާކަށްތަ ދާނީ؟ ޓީވީގެ އަޑު އެ އިވެނީ. މިހާރު ދެން ފޯނުބާއްވާފައި ބަލާބަލަ މިރޭ ތި ތަނުން ނުކުމެވޭނެތޯ އިނގޭ! ވާނުވާ އަންގާތި! ހުވާ މި ބުނަނީ ނާސިހާއަށް ރަނގަޅަށް ހަމަނުޖެހެވެނީސް އަހަންނެއް ނުނިދާނަން މި ރެޔަކު."

އަމްޖަދާ ވާހަކަދައްކާ ނިންމައިފައި އަހަރެން ފާޒިރާއަށް ގުޅީމެވެ. އޭނައަކީ ވެސް މާލެއަށް މާ ފަރިތަ ކުއްޖެއް ނޫނެވެ. އެކަމަކު އަހަންނަށް ވުރެ ހާސްބައި ރަނގަޅެވެ.

"ފިރިމީހާ އަންގައިފި މިރޭ މި ތަނުގަ ނުނިދައްޗޯ!" އަހަރެން ބުނީމެވެ. "ހީވޭކަމެއްހެން. އެހެންވެގެނޭ ނާންގަން އުޅުނީ. ދެން ފާޒިރާ ޖެހޭނީ އަހަންނަށް ތަނެއް ހޯދައިދޭން."

"މި ފަށަނީ މަސައްކަތް. ތަނެއް ހަމަޖެހޭނެ. އެ ކަމާ ހާސްކަނޑާލާ!" ފާޒިރާ ބުންޏެވެ.

ތަނެއް ހޯދަން ގުޅައިލާނެ އެހެން ނަންބަރެއް ހަނދާންވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ކުރިން ރަށުގައި އުޅުނު މީހުން ވެސް މާލޭގައި އުޅޭނެއެވެ. އެކަމަކު ނަންބަރު އޮތްތޯ ބެލޭނީ ނަމެއް ހަނދާންވެގެންނެވެ. ފޯނު ނަންބަރުތައް ބަލައިގެން ނަމެއް ފެނޭތޯ ވެސް ބެލީމެވެ. އެކި މީސްމީހުންނަށް ގުޅީމެވެ. މުޅީން ވެސް އަންހެންނުންނަށެވެ. ފިރިހެނަކަށް ގުޅާކަށް ނުކެރުނެވެ. ބައެއް މީހުން ފޯނެއް ނުނަގައެވެ. ބައެއް ނަންބަރު ހުރީ ކަނޑައިލައިފައެވެ. ބައެއް މީހުން ގޮތެއް ފެނޭތޯ ބަލައިދޭނެ ވާހަކަ ބުންޏެވެ. ބޭނުންވި ކަހަލަ ޖަވާބެއް ދިނީ ހަލީމާއެވެ. އެންމެ ފަހުން ގުޅުނު މީހާއެވެ. އަހަރެމެން ދެ މީހުން އަނގައިން ބުނެނުލާތާ އޭރު ދެ އަހަރެއް ވަރު ވެދާނެއެވެ. އެކަމަކު އަހަރެންގެ ނަން ބުނުމާއެކު ހަލީމާއަށް އެނގިއްޖެއެވެ.

"ގޮތް ނޭނގޭ ތަނަކަށް ނާސިހާ ފޮނުވާކަށް ނުކެރޭނެ،" ވެގެންއުޅޭ ގޮތް ކިޔައިދިނުމުން ހަލީމާ ބުންޏެވެ. "މާލެ މިއީ ފިރިހެނުންގެ އުނދަގޫ ވަރަށް ބޮޑު ތަނެއް. އަންހެނަކު އެކަނި އުޅޭކަން އެނގިއްޖެއްޔާ ނިމުނީ. މި އުޅޭ ބިދޭސީންގަނޑު ވެސް ގުޅާނެ. ނާސިހާ އާދެ މި ގެއަށް. މި ގޭގައި އެބަހުރި ތަން. ކިހާ ދުވަހަކު ހުންނަނީ؟"

"މަހެއް ނުވާނެ." އަހަރެން ބުނީމެވެ.

"އައްދެ! ތިހެންވިއްޔާ އެއްޗެއް ދޭނެކަމެއް ވެސް ނެތް،" ހަލީމާ ވަރަށް ހިތްހެވެ. "އަވަހަށް އާދޭ! ވަރިހަމަ މިހާރު އަޔަސް."

"އަހަރެން ބޭނުންވަނީ ތަނެއް ކުއްޔަށްހިފަން،" ކުރީގެ ތަޖުރިބާގެ އަލީގައި އަހަރެން ބުނީމެވެ. "ލާރި ހިފަންޖެހޭނެ!"

"ކުއްޔަކަށް މީހުންނެއް ނުބައިތިއްބަމޭ!" ހަލީމާ ފައިސާ ހިފާކަށް އެއްބަހެއް ނުވިއެވެ. "ދެން އެއް ރަށުގެ މީހުންނެއްނު. އިރާދަކުރެއްވިއްޔާ އަހަންނަކަށް ލާރިޔަކަށް ދައްޗެއް ނޫން. މިއޮއް އުޅެނީނު. ނާސިހާއަށް ވަގުތުވީ ވަރަކުން އަހަންނަށް އަތްގާތްކޮށްލަދިނީމަ ދެން އެ ކުލިދެވުނީކަމަށް ބަލާ! ފާޑުފާޑުނުކޮށް އާދޭ! ބަލައިދަންތަ؟"

އެ ވަގުތަކު އަހަރެން ނުދަމެވެ. ފުރަތަމަ އަހަރެން ކުރި ކަމަކީ، އަހަރެން އެހެން ގެއަކަށް ބަދަލުވާން އުޅޭކަން އައިޝަތަށް އެންގުމެވެ. ވީގޮތް ވެސް ވަރަށް ލުއިލުއިކޮށް ކިޔައިދިނީމެވެ. ހަލީމާގެ ގެޔަށް އަހަރެން ދިޔައީ ޖެހިގެން އައި ދުވަހު ކޮލެޖު ނިންމައިފައެވެ. އެއީ އަހަރެން ބަދަލުވި ދެވަނަ ގެއެވެ. ހަލީމާއަކީ ވަރަށް ހިތްހެޔޮ، ރަނގަޅު މީހެކެވެ. ހުރުމާއި ކެއުމަކަށް ވެސް ފައިސާއެއް ނުހިފިއެވެ. ހަލީމާގެ ފިރިމީހާއަކީ މަސްބޯޓެއްގެ ކެޕްޓަނެކެވެ. އެ ގޭގައި ހުންނަނީ ތިން ފަންގިފިލައެވެ. އަހަރެން ހުރީ ދެވަނަ ފަންގިފިލާގައި ހަލީމާ ކުއްޔަށް ހިފައިފައި ހުންނަ އެޕާޓްމަންޓުގައެވެ. އެ އެޕާޓްމަންޓުގައި ހުންނަނީ ތިން ކޮޓަރިއެވެ. އެއް ކޮޓަރީގައި ހަލީމާގެ ދެމަފިރިންނާއި ކުޑަ ދަރިފުޅެވެ. އަނެއް ކޮޓަރީގައި ހަލީމާގެ އަންހެން ކޮއްކޮއަކާއި ހަލީމާގެ ދޮށީ އަންހެން ދަރިފުޅެވެ. ދެ ކުދިން ވެސް އަށާރަ އަހަރެވެ. އަހަރެން ނިދަނީ ތިންވަނަ ކޮޓަރީގައެވެ. ތަން މުޑުދާރެއް ނޫނެވެ. ވަރަށް ސާފެއް ވެސް ނޫނެވެ. އަހަރެން ހިތްހަމަޖެހޭ ވަރު ވެއެވެ. އެނދު ވެސް ރަނގަޅެވެ. ބާލީސްއުރަޔާއި ފަލަނގުފޭލި ވެސް އޮންނަނީ ވަރަށް ރީތިކޮށް ދޮވެފައެވެ. ތަޅުންގަނޑުގައި ހުރީ ތަށިމުށިޖަހައިފައެވެ. ފައިގައި އެންމެ ވެލިފުކެއް ވެސް ނުޖެހެއެވެ.

ހަލީމާ ކައްކާ އެއްޗެހި ވަރަށް މީރެވެ. ހަލީމާއަކީ ވަރަށް ބައިވަރު މަސައްކަތްކުރާ މީހެކެވެ. ހެދިކާ ހަދައެވެ. ހަނާކުރިފޯއް ތައްޔާރުކޮށް، ކިއްލިހަދައެވެ. ހަލީމާ އަތުން އެ ސާމާނު ގަންނަ ތަންތަނުން ހުންނަނީ ކުރީބައިގައި އޯޑަރުދީފައެވެ. ހެދިކާ ގަންނަން ގެއަށް ވެސް މީހުން އާދެއެވެ. އޯޑަރުތަކަށް ފޮނުވައިފައި ގޭގައި ވިއްކަން ބެހެއްޓެނީ މަދު އެއްޗެކެވެ. އިސާހިތަކު އެ ހުސްވެއެވެ. އެހާ ވެސް މީރީއެވެ. އަހަރެން އައުމުން ހަލީމާގެ މަސައްކަތަށް އިތުރު ދިރުމެއް ލިބުނެވެ. ހަލީމާގެ ކުޅަދާނަކަމާއި ކާމިޔާބު ވިޔަފާރިއަށް ވުރެ ބޮޑަށް، އަހަރެން ހައިރާންކުރުވީ ގޭގައި އުޅޭ ދެ އަންހެންކުދިންނެވެ. --ނުނިމޭ