ޝާހްރުކް ހާނާ އެކު ފާތިމާ ސަނާ ޝެއިހް ފެނިދާނެ

އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ރޯލް ޝާހްރުކް ހާން ކުޅޭ ފިލްމު "ސާރޭ ޖަހާ ސެ އައްޗާ" ގެ ބަތަލާއާ ބެހޭ ގޮތުން އަނެއްކާ ވެސް އާ ނަމެއް މީޑިއާތަކުގައި ދައުރުވާން ފަށައިފި އެވެ.


ބޮލީވުޑް ހަންގާމާއިން ބުނި ގޮތުގައި ފިލްމުގެ ބަތަލާގެ ރޯލް މިހާރު ވަނީ ޒުވާން ބަތަލާ ފާތިމާ ސަނާ ޝެއިހަށް ހުށަހަޅައިފަ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނޫނެވެ.

ފާތިމާ، 26، މީގެ ކުރިން ވެސް ވަނީ ޝާހްރުކްއާ އެކު ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި، ތުއްތު އިރު 2001 ވަނަ އަހަރުގެ ފިލްމު "ވަން 2 ކާ 4" ގަ އެވެ. އެ ފިލްމުގައި ޖެކީ ޝްރޮފްގެ ހަތަރު ދަރިންގެ ތެރެއިން ދަރިއެއްގެ ރޯލް ފާތިމާ ކުޅެފައިވާ އިރު، އެ ފިލްމުގެ ބަތަލާއަކީ ޖޫހީ ޗާވްލާ އެވެ.

ފިލްމު "ޑަންގަލް" އިން 2016 ގައި ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުވި ފާތިމާ ދާދި ފަހުން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ޝާހްރުކްގެ ބަތަލާއެއްގެ ރޯލު ފިލްމެއްގައި ކުޅެލަން ވަރަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. ދާދި ފަހުން ރިލީޒް ކުރި "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާ ބުނި ގޮތުގައި ޝާހްރުކް، 53، އަކީ އޭނާގެ ވަރަށް ބޮޑު "ކްރަޝް" އެކެވެ.

"ސާރޭ ޖަހާ ސެ އައްޗާ" ގެ ބަތަލާއަކާ ބެހޭ ގޮތުން މީގެ ކުރިން ވެސް ވަނީ ގިނަ ވާހަކަތަކެއް ދެކެވިފަ އެވެ. އެގޮތުން ފާތިމާގެ ނަން އައުމުގެ ކުރިން، އަޑު އަރާފައި އޮތް ގޮތުން އެ ފިލްމުގެ ބަތަލާގެ ރޯލް ވަނީ ބޫމީ ޕެޑްނޭކަރް އަށް ހުށަހަޅައިފަ އެވެ.

އޭގެ ކުރިން މި ފިލްމުގެ ބަތަލާގެ ރޯލް އައިޝްވާރިޔާ ރާއީ އާއި ކަރީނާ ކަޕޫރާއި ދީޕިކާ ޕަދްކޯނަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ "ސަރޭ ޖަހާ ސެ އައްޗާ" އަކީ މަހޭޝް މަތާއީ ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ އާމިރު ހާން ދޫކޮށްލުމުން ޝާހްރުކަށް ކުޅެން ލިބުނު ފިލްމެކެވެ.