ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މަހޭޝް ބަޓް ގިނަ އަހަރުތަކަކަށް ފަހު އަލުން ޑައިރެކްޝަނަށް އަންނަ ފިލްމު "ސަޅަކް 2" ގެ ރޯލަކަށް، ބޮލީވުޑްގައި ނުބައިބައި ރޯލްތައް ކުޅެން މަޝްހޫރު އެކްޓަރު ގުލްޝަން ގްރޯވާ ސޮއިކޮށްފި އެވެ.


"ބޭޑް މޭން" ގެ ނަމުން މަޝްހޫރުވެފައިވާ ގުލްޝަން ބުނި ގޮތުގައި މަހޭޝްއާ އެކު އަލުން މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި "ސަޅަކް 2" އިން އޭނާ އަށް ކުޅެން ލިބުނީ ކެރިއަރުގައި މިހާތަނަށް ކުޅޭނެ އެންމެ ވަރުގަދަ ރޯލް ކަމަށާއި ފިލްމުގެ ސްކްރިޕްޓް ވެސް ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ.

ބެލެވޭ ގޮތުން "ސަޅަކް 2" ގައި ގުލްޝަން ކުޅޭނީ މީގެ ފުރަތަމަ ބައިގައި އަންހެނުން ކިޑްނެޕްކޮށްގެން ނާސިއެއް ހިންގާ އަނިޔާވެރި ރަޑު މަހާރާނީއެއްގެ ރޯލް ކުޅުނު ސަދާޝިވް އަމްރުޕުރްކާރު ކުޅުނު ކަހަލަ ކެރެކްޓާއެކެވެ. ސަދާޝިވް ވަނީ 2014 ގައި މަރުވެފަ އެވެ.

ނަމަވެސް މިހާތަނަށް 400 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ގުލްޝަން ވަނީ އޭނާގެ ކެރެކްޓާއާ ބެހޭ އެއްވެސް ތަފުސީލެއް ދޭން ދެކޮޅު ހަދައިފަ އެވެ.

"ސަޅަކް" ރިލީޒް ކުރިތާ 27 އަހަރު ފަހުން މި ފިލްމުގެ ދެވަނަ ބަޔާއެކު މަހޭޝް ޑައިރެކްޝަނުގެ ގޮނޑީގައި އީށީންނަ އިރު، މި ފިލްމުގެ ކާސްޓުންނަކީ އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ ޕޫޖާ ބަޓާއި އާލިއާ ބަޓާއި ސަންޖޭ ދަތުގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރެވެ. ޕޫޖާ އާއި ސަންޖޭއަކީ 1991 ގައި ރިލީޒް ކުރި "ސަޅަކް" ގެ ވެސް ތަރިންނެވެ.

"ސަޅަކް 2" ސިނަމާތަކަށް އަންނާނީ މާޗް، 25، 2020 ގަ އެވެ.

"ބާރަތު" ގެ ޝޫޓިން އަލުން ފަށައިފި

މިދިޔަ މަހުގެ 27 ވަނަ ދުވަހު ފާހަގަ ކުރި ސަލްމާން ހާންގެ 53 ވަނަ އުފަން ދުވަހާ ދިމާކޮށް ޝޫޓިން މެދުކަނށޑާލި އޭނާގެ ފިލްމު "ބާރަތު" ގެ ޝޫޓިން އަލުން ފަށައިފި އެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ބުނީ މިއީ ފިލްމުގެ ފަހު ޝޫޓިން ޝެޑިއުލް ކަމަށެވެ. "ބާރަތު" މަންޒަރުތަކެއް މީގެ ކުރިން ވަނީ މޯލްޓާ އާއި އަބޫދާބީގެ އިތުރުން އިންޑިއާގެ ޕަންޖާބާއި ނިއު ދިއްލީގައި ވެސް ނަގައިފަ އެވެ.

އަންނަ ފިތުރު އީދު ދުވަހު ރިލީޒް ކުރާ މި ފިލްމުގައި ސަލްމާނާ އެކު ފެނިގެން ދާނީ ކެޓްރީނާ ކެއިފް، ޖެކީ ޝްރޮފް، ޑިޝާ ޕަޓްނީ، ސުނިލް ގްރޯވާ، ނޯރާ ފަހެތީ، ތައްބޫ އަދި ސަތިޝް ކޯޝިކް އެވެ.

އަކްޝޭއާ އެކު ޕޫޖާ

ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" ގެ ބަތަލާގެ ރޯލް ޕޫޖާ ހެގްޅޭ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމު "މޮހެންޖޮ ދާރޯ" އިން 2016 ވަނަ އަހަރު ރިތިކް ރޯޝަނާ އެކު ބޮލީވުޑަށް ތައާރަފުވި ޕޫޖާ ވަނީ އަކްޝޭއާ އެކު "ހައުސްފުލް 4" ގައި ވެސް މަސައްކަތްކޮށްފަ އެވެ. އެ ފިލްމަކީ މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރާނެ ފިލްމެކެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި "ސޫރިޔާވަންޝީ" ގެ ބަތަލާގެ ރޯލް ވަރަށް ކުރު ނަމަވެސް، ޕޫޖާ ވަނީ ފިލްމަށް އެއްބަސްވެފަ އެވެ. މި ފިލްމަކީ އަނެއްކާ ވެސް "ސިމްބާ" އަށް ފަހު، ރޯހިތު ފުލުހެއްގެ ވާހަކަ ކިޔައި ދޭނެ ފިލްމެވެ.

ކުރިން މީޑިއާތަކުން ބުނީ މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު ނަމަވެސް، މިހާރު މި އަހަރުގެ ޑިސެމްބަރު 27 އަށް ފިލްމު ތާވަލުކޮށްފައިވާ ކަމަށާއި އަންނަ އެޕްރީލްގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ.

ދީޕިކާގެ ވެބްސައިޓް ލޯންޗްކޮށްފި

މި މަހުގެ ފަހައެއްގައި ފާހަގަ ކުރި ބަތަލާ ދީޕިކާ ޕަދްކޯންގެ 33 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާގެ ވެބްސައިޓް ލޯންޗްކޮށްފި އެވެ.

މި ވެބްސައިޓުން ދީޕިކާއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ފޭނުންނަށް ލިބިގެން ދާނެ އެވެ. އަދި އޭނާގެ ވަރަށް ގިނަ ފޮޓޯތައް ވެސް ސައިޓުން ފެންނާނެ އެވެ.

ފިލްމު "އޯމް ޝާންތީ އޯމް" އިން 2007 ގައި ބޮލީވުޑަށް ނުކުތް ދީޕިކާއަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނާ މިހާތަނަށް ވަރަށް ކާމިޔާބު ގިނަ ހިންދީ ފިލްމުތަކެއް ކުޅެފައިވާ އިރު، ދީޕިކާ ވަނީ ހޮލީވުޑްގެ ފިލްމެއް ވެސް ކުޅެފަ އެވެ.

އެކްޓަރު ރަންވީރު ސިންގްއާ މިދިޔަ އަހަރު ކައިވެނި ބަތަލާއަކީ މިހާރު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާ ޕްރޮޑިއުސްކޮށް، ލީޑް ރޯލް ކުޅޭ ފުރަތަމަ ފިލްމަކީ "ޗަޕާކް" އެވެ.

"ސިމްބާ" 200 ކްރޯޑާ ދިމާލަށް

މިދިޔަ މަހުގެ 28 ގައި ރިލީޒް ކުރި ރޯހިތު ޝެޓީގެ "ސިމްބާ" ފަސް ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދުމަށް ފަހު، 200 ކްރޯޑާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ މީހުން ބުނަމުން އަންނަ ގޮތުގައި މި ހަފުތާ ނިމުމުގެ ކުރިން މި ފިލްމަށް 200 ކްރޯޑްގެ އާމްދަނީއެއް އިންޑިއާ އިން ލިބޭނެ އެވެ. ފިލްމު ކްރިޓިކް ތަރަން އަދާޝްގެ ހިސާބުތައް ދައްކާ ގޮތުން "ސިމްބާ" އަށް ހޯމަ ދުވަހާ ހަމައަށް އިންޑިއާ އެކަނި 190.64 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން ފިލްމަށް ހޯމަ ދުވަހާ ހަމައަށް ލިބުނު އާމްދަނީ މިހާރު ވަނީ 317.61 އަށް އަރައިފަ އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސް ކުރި "ސިމްބާ" އަކީ އެންމެ 80 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމުގެ ބޮޑު ކާމިޔާބީ ވެސް ޓީމުން ހޯމަ ދުވަހުގެ ރޭ ވަނީ ފާހަގަކޮށްފަ އެވެ.

"ސިމްބާ" ގެ ތަރިންނަކީ ރަންވީރު ސިންގް އާއި ސާރާ އަލީ ހާނެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ