12 ފިލްމަކުން ފުރުސަތު ލިބިފައި އެބައޮތް: ސުޝާންތު ސިންގް

މިދިޔަ މަހު ރިލީޒް ކުރި ފިލްމު "ކެދަރުނާތު" ގައި ދައްކުވައިދިން އެކްޓިން ގިނަ ޑައިރެކްޓަރުންތަކަކަށް ކަމުގޮސް، ގިނަ ފިލްމުތަކުން ހުށަހެޅުންތައް އޮހެމުން އަންނަ ކަމަށާއި މިހާރު ވެސް 12 ވެސް ފިލްމަކަށް ވާހަކަ ދެކެވެމުން އަންނަ ކަމަށް ސުޝާންތު ސިންގް ރާޖްޕޫތު ބުނެފި އެވެ.


މުމްބާއީ މިރާ އަށް އޭނާ ބުނި ގޮތުގައި ގިނަ ހުށަހެޅުންތައް ލިބެމުންދާތީ، ކުޅޭނެ ފިލްމުތަކެއް ނިންމާނީ ވަރަށް ރަނގަޅަށް ސްކްރިޕްޓްތައް ކިޔައިފަ އެވެ.

"އަހަރެން މިހާރު ވެސް މި ހުންނަނީ ކޮންކޮން ފިލްމުތަކަކަށްތޯ ސޮއި ކުރާނީ ސުވާލު އުފެދިފައި،" ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން ހޯދި މަޝްހޫރުކަމާ އެކު 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ބުންނެވެ.

ސުޝާންތު މިހާރު ފާހަގަކުރެވިފައި ވަނީ ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އަދި އެންމެ އުންމީދީ އެއް އެކްޓަރުގެ ގޮތުގަ އެވެ.

އޭނާ ބުނި ގޮތުގައި ތަފާތު އެކި ކަހަލަ ކެރެކްޓާތައް ކުޅެލެވޭނެ ކަހަލަ ފިލްމުތަކަކުން ފުރުސަތު ލިބިފައި ހުރި އިރު، ނުކުޅެވޭނެ ކަހަލަ ކެރެކްޓާއެއް ނޯންނާނެ އެވެ.

"އަހަންނަކީ އަބަދުވެސް ތަފާތު ރޯލްތައް ކުޅެން ބޭނުންވާ ކުޅޭ ކޮންމެ ފިލްމަކުން އެކްސްޕެރިމަންޓް ވެސް ކުރަން ބޭނުންވާ މީހެއް،" އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި އެމްއެސް ދޯނީގެ ބައޮގްރަފިކަލް ޑްރާމާ ވެސް ކުޅުނު ސުޝާންތު، 32، ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަށް ނުކުޅެވޭނެ ކަހަލަ ކެރެކްޓާއެއް ނޯންނާނެ. މުހިއްމީ މަސައްކަތް ކުރުން."

އޭނާ ބުނި ގޮތުގައި ފިލްމެއް ފްލޮޕްވެދާނެތީ ބިރެއް ނުގަނެ އެވެ. އަދި އެއީ ކޮންމެ އެކްޓަރަކަށް ވެސް ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ބުންޏެވެ.

މި އަހަރު ރިލީޒް ވާނެ ސުޝާންތުގެ ފުރަތަމަ ފިލްމަކީ އޭނާ ޑަކޮއިޓެއްގެ ރޯލުން ފެނިގެންދާ "ސޯންޗިރައްޔާ" އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 8 ގަ އެވެ. އޭގެ ފަހުން ޖޫން 28 ގައި ތަރުން މަންސުކާނީ "ޑްރައިވް" ސިނަމާތަކަށް އަންނަ އިރު، އޮގަސްޓް 30 ގައި ނިތޭޝް ތިވާރީ ގެނެސްދޭ "ޗިޗޯރް" ރިލީޒް ކުރާނެ އެވެ.

ސުޝާންތުގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކް "ކިޒީ އޯރް މެނީ" ފާހަގަކޮށްލެވެ އެވެ.