މޯލްޑިވިއަން އައިޑޮލް އިން ވިދާލި އަމާން އާއި ނައްބަތު ފިލްމީ ދާއިރާ އަށް

"މީ ލޯތްބަކީ" އިން މޯލްޑިވިން އައިޑޮލް އިން ވިދާލި އަމާން އާއި ނައްބަތު ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދާނެ.

މޯލްޑިވިއަން އައިޑޮލް އިން ފާހަގަވެގެން ދިޔަ އިބްރާހިމް އަމާން އާއި ނައްބަތު ޝަކީބް ފިލްމީ ދާއިރާއަށް ތައާރަފްކުރުމާ އެކު ޑާކް ރެއިން އެންޓަޓައިންމަންޓުން "މިއީ ލޯތްބަކީ" ގެ ނަމުގައި އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.


އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ވާށޭ މަށާއެކީ" އެކޭ އެއްގޮތަށް "މިއީ ލޯތްބަކީ" އަކީ ވެސް ރޮމޭންޓިކް ކޮމެޑީއެކެވެ.

މި ފަހަރު ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ވާށޭ މަށާއެކީ" ގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ޑާކް ރެއިންގެ "ހުޅުދާން" ގެ ޑައިރެކްޓަރު އައިޝަތު ފުއާދު ތައުފީގެވެ. މިއީ ޑާކް ރެއިންގެ އަމިއްލަ ކޮންސެޕްޓަކަށް ލިޔެފައިވާ އޮރިޖިނަލް ސްކްރީންޕްލޭއެކެވެ. ފިލްމް ޑައިރެކްޓް ކުރާނީ ޗިއްޕެ އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި "ވާށޭ މަށާއެކީ" ގެ ގިނަ ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރް (ޝާއްކޮ އައްމަޑޭ)، އަލީ ޝަޒްލީމް، އަހުމަދު ސުނީ އަދި ހަމްދާން ފާރޫގް ހިމެނެ އެވެ.

"ވާށޭ މަށާއެކީ" އިން ފެނިގެން ދިޔަ ބޭރުގެ ބަތަލާ މާރިއާ ތެރެސާ އާއި އައިޝަތު ގުލްފާ (އައިޝާ) ވެސް އާ ފިލްމުން ފެނިގެން ދާނެ އެވެ.

"މީ ލޯތްބަކީ" ގެ ޓީމްގެ ބައެއް މެމްބަރުން.

ފިލްމުގެ ބަތަލާއަކީ ޑާކް ރެއިންގެ ފިލްމަކުން ފުރަތަމަ ފަހަރަށް ފެންނަ މަރިޔަމް އައްޒަ އެވެ. މޯލްޑިވިއަން އައިޑޮލް އިން ވިދާލި އަމާން އާއި ނައްބަތުގެ އިތުރުން ވީޓީވީގެ ބައެއް ޕްރޮގްރާމްތައް ހޯސްޓްކޮށްފައިވާ މަރިޔަމް ޝިފާ އަދި ނުޒްހަތު ޝުއައިބް މި ފިލްމުން އަލަށް ތައާރަފްވެގެން ދާނެ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ "މީ ލޯތްބަކީ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށެވެ.

"މިހާރު ކުރިއަށް މި ދަނީ ސްކްރިޕްޓް ރީޑިން ސެޝަންތަކެއް. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފިލްމުގެ ރިހާސަލްތައް ފެށިގެން ދާނެ،" އޭނާ ބުންޏެވެ. "މި ފަހަރު ޑާކް ރެއިންގެ ޓީމްގެ އަމާޒަކީ ވާށޭ މަށާއެކީ އަށް ވުރެ ބެލުންތެރިން މާ ބޮޑަށް ވެސް ގަޔާވާނެ، އުފާވާނެ ކަހަލަ ރީތި ފިލްމެއް ގެނެސް ދިނުން."

"މީ ލޯތްބަކީ" ގެ ލަވައެއް

މޮގާ ބުނީ "ވާށޭ މަށާއެކީ" އަށް ބެލުންތެރިން ދިން ތަރުހީބާ އެކު، އެ ސްޓޫޑިއޯގެ އިން އާ ފިލްމެއް ގެނެސްދޭ އިރު ބެލުންތެރިންގެ އުންމީދުތައް ވަރަށް މަތި ވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އެހެންވެ އެއަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމެއް ގެނެސް ދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" މުހައްމަދު އިކްރާމް ބެކް މިއުޒިކް ހަދައިދޭ ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ.

"މީ ލޯބްތަކީ" ގައި ވެސް ހިމެނޭނީ އަމިއްލަ ރާގުގެ ލަވަތަކެވެ. ފިލްމުގެ ބައެއް ލަވަތައް މިހާރު ވަނީ ސައުންޑް ކުލައުޑަށް ވެސް ލައިފަ އެވެ.

އެއީ ސްކޯޒް އޮފް ފްލެއާޒުން ތައްޔާރުކޮށްފައިވާ "ލޯބިވާއޭ" އާއި އިކްއޭޓިކް ވައިބުން ހަދާފައިވާ ލަވަ "ލޯބީގެ އިރު އޮއްސުނީމާ" އެވެ.

ޑާކް ރެއިންގެ އާ ފިލްމް "މިއީ ލޯތްބަކީ" ގެ ފަސްޓްލުކް.

ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ. އެކަމަކު އަންނަ އަހަރުގެ ކުރީކޮޅު ފިލްމް ސިނަމާ އަށް އަންނާނެ ކަމަށް މޮގާ ބުންޏެވެ.