"ސިމްބާ" ގެ އާމްދަނީ 200 ކްރޯޑް ރުޕީސް އަށް އަރައިފި

ރިލީޒް ކުރިތާ 12 ދުވަހުގެ ތެރޭގައި ރަންވީރު ސިންގްގެ ފިލްމު "ސިމްބާ" 200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފި އެވެ.


މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރި ފިލްމަށް އިންޑިއާ އިން އެކަނި ލިބުނު އާމްދަނީ އަންގާރަ ދުވަހާ ހަމައަށް ވަނީ 202.83 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ. އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން "ސިމްބާ" އަށް އަންގާރަ ދުވަހާ ހަމައަށް ވަނީ ޖުމްލަ 334.87 ކްރޯޑް ރުޕީސް ލިބިފަ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓްކުރި މި ފިލްމަށް ހަރަދުކޮށްފައި ވަނީ އެންމެ 80 ކްރޯޑް ރުޕީސް އެވެ.

ބޮލީވުޑްގެ ފިލްމީ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން މިހާރު ލަފާ ކުރާ ގޮތުގައި އެންމެ 12 ދުވަހުގެ ތެރޭގައި "ސިމްބާ" އަށް 200 ކްރޯޑް އިންޑިއާ އިން ލިބިފައިވާތީ މި ފިލްމު 500 ކްރޯޑްގެ އާމްދަނީއެއް ވެސް ހޯދުމުގެ ފުރުސަތު ބޮޑެވެ.

އެހެންވެއްޖެ ނަމަ ރަންވީރުވެގެން ދާނީ ޒުވާން އެކްޓަރުންގެ ތެރެއިން 500 ކްރޯޑްގެ އާމްދަނީއެއް ހަމާ ކުރާ ފުރަތަމަ އެކްޓަރަށެވެ.

މިދިޔަ އަހަރަކީ ރަންވީރަށް ވަރަށް ވެސް ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކުރި އޭނާގެ "ޕަދުމާވަތު" އަކީ އިންޑިއާ އިން 300 ކްރޯޑްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގައި ދައްކައިގެން ޖުމްލަ 585 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލް ކުޅުނު "ޕަދުމާވަތު" އަކީ 215 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

"ސިމްބާ" ބެލުންތެރިންނަށް ކަމުގޮސްފި ނަމަ މީގެ ދެވަނަ ބައެއް ހަދާނެކަމުގެ އިޝާރާތެއް ވެސް ރޯހިތު ދީފައިވާ އިރު، ރަންވީރާ އެކު ފިލްމުގެ ބަތަލާގެ ރޯލް ކުޅުނީ ސާރާ އަލީ ހާނެވެ. މި ފިލްމަކީ ކޮރަޕްޓް ފުލުހެއްގެ ވާހަކަ ކިޔައިދޭ މަސާލާ ފިލްމެކެވެ.

ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "ގަލީ ބޯއި" އެވެ.