ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރް ވެސް ހޮރޯ ކޮމެޑީއެއްގައި

މިދިޔަ އަހަރު ރިލީޒް ކުރި ހޮރޯ ކޮމެޑީ "އިސްތިރީ" ބޮކްސް އޮފީހުގައި ހޯދި ބޮޑު ކާމިޔާބީއާ އެކު މި ޖޯންރާގެ ފިލްމުތަކަށް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ޝައުގުވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް ހުއްޓިފަ އެވެ.


އެ ފިލްމުގެ ހައިރާން ކުރުވަނިވި ކާމިޔާބީއާ އެކު ޕްރޮޑިއުސަރު ދިނޭޝް ވިޖަން ވަނީ "އިސްތިރީ" ގެ ބަތަލު ރާޖްކުމާރު ރާއޯއާ އެކު އިތުރު ހޮރޯ ކޮމެޑީއެއް ވެސް އިއުލާންކޮށްފަ އެވެ.

މި ލިސްޓަށް މިހާރު އަނެއްކާ ވެސް މިއޮތީ ފިލްމެއް އިތުރުވެފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރު މިހާރު އަންނަނީ އަދި ނަން އިއުލާންކޮށްފައި ނުވާ ހޮރޯ ކޮމެޑީއެއްގެ މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކަރަން ޖޯހަރު ޕްރޮޑިއުސް ކުރި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއގެ ގޮތުގައ މަސައްކަތްކޮށްފައިވާ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓް ކުރާ ފިލްމެކެވެ. އަދި މި ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް ކަރަން ކަމަށްވެ އެވެ. ފިލްމާ މާ ބޮޑު ތަފުސީލެއް ރަސްމީކޮށް އަދި ހިއްސާކޮށްފައި ނުވި ނަމަވެސް އޭގެ ޝޫޓިން މިހާރު ކުރިއަށްދާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ކަރަން: ބާނޫގެ ފިލްމުގެ ޕްރޮޑިއުސް ކުރަނީ އޭނާ ކަމަށްވޭ.

ވިކީ އާއި ބޫމީއަކީ ކަރަން އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ ތާރީހީ ފިލްމު "ތަހުތު" ގެ ކާސްޓުންގެ ތެރޭގައި ވެސް ހިމެނޭ ދެ ތަރިންނެވެ.

ވިކީގެ އެންމެ ފަހުގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ހުކުރު ދުވަހުން ފެށިގެން ދައްކަން ފަށާފައިވާ އިރު، ބޫމީގެ އާ ފިލްމު "ސޯންޗިރައްޔާ" އަންނަ މަހުގެ 8 ގައި ރިލީޒް ކުރާނެ އެވެ.

މި ފަހުން ސިނަމާތަކަށް އައި ހޮރޯ ކޮމެޑީގެ ތެރެއިން ރޯހިތު ޝެޓީ 2017 ގައި ގެނެސް ދިން "ގޯލްމާލް އެގެއިން" އަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.