"ގަލީ ބޯއި" ގެ ޓްރެއިލާ: ރަންވީރު ސިންގަށް ރެޕް ވެސް ކުރެވޭނެ

އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ ފިލްމު "ގަލީ ބޯއި" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


ބުދަ ދުވަހު ޓްރެއިލާ ރިލީޒް ކުރާނެކަން އިއުލާން ކުރަމުން ބެލުންތެރިންނަށް މި ފިލްމު ގެނެސްދޭ އެކްސެލް އެންޓަޓައިންމަންޓުން ކުރިން ދޫކޮށްލި ވީޑިއޯއާ އެއްގޮތަށް ޓްރެއިލާ ވެސް ހާއްސަކޮށްފައި ވަނީ މުޅިން ވެސް ރެޕްގެ ހުނަރަށެވެ. އެގޮތުން ރަންވީރު މި ވަނީ އޭނާ އަށް ރެޕް ކުރެވޭނެކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދީފަ އެވެ.

"ޒިންދަގީ ނާ މިލޭގީ ދޮބާރާ" އާއި "ދިލް ދަޅަކް ނޭ ދޯ" ފަދަ ފިލްމުތައް ބެލުންތެރިންނަށް ގެނެސް ދިން ޒޯޔާ އަހްތަރު ޑައިރެކްޓްކޮށްފައިވާ "ގަލީ ބޯއި" އަކީ އިންޑިއާގެ މަގުމަތިން އުފަންވި ކާމިޔާބު ރެޕާއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޒޯޔާ އާއި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ އަކްޝޭ ކުމާރުގެ "ގޯލްޑް" ގެ ޑައިރެކްޓަރު ރީމާ ގަތުގީ އެވެ.

އެ ދެ މީހުން "ގަލީ ބޯއި" ގެ ވާހަކަ ހާއްސަކޮށްފައި ވަނީ މަގުމަތުން އުފަންވި ދެ ރެޕާ އިން ކަމަށްވާ ޑިވައިން އާއި ނައޭޒީ (ނާވިދު ޝެއިހް) އަށެވެ. ފިލްމުގައި ރަންވީރު ފެނިގެން ދާނީ ނައޭޒީގެ ރޯލުންނެވެ.

"ގަލީ ބޯއި" ގެ ދެން އެންމެ ހާއްސަ އުސްއައްޔަކަށްވެގެން ދާނީ ރަންވީރާއި އާލިއާގެ ކެމިސްޓްރީ ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ތަޖުރިބާކޮށްލަން ލިބުމެވެ. އަދި ދެ ތަރިން ފިލްމުން ފެންނަލެއް ވެސް ވަރަށް ތަފާތު ވާނެ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ކަލްކީ ކޮއެޗްލިން، ވިޖޭ ރާޒް، އަމްރުތާ ސުބާޝް އަދި ޓީވީ ސިލްސިލާތަކުން މަޝްހޫރުކަޖން ހޯދި ސުރްވީން ޗާވްލާ ހިމެނެ އެވެ.

"ގަލީ ބޯއި" އަންނަ މަހު ރިލީޒް ކުރާ އިރު އަންނަ މަހުގެ 7-17 އަށް ޖަރުމަނުގައި ބާއްވާ 69 ވަނަ ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ވެސް ފިލްމު ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.