އިމްރާން ހާޝިމީގެ "ޗީޓް އިންޑިއާ" ގެ ނަން "ވާއި ޗީޓް އިންޑިއާ" އަށް ބަދަލުކޮށްފި

އިމްރާން ހާޝީމީގެ އާ ފިލްމު "ޗީޓް އިންޑިއާ" ރިލީޒްކުރާ ތާރީހު މި މަހުގެ 11 އިން 18 އަށް ފަސްކުރުމަށް ފަހު ފިލްމުގެ ނަމަށް ވެސް ބަދަލެއް ގެނެސްފި އެވެ.


ޓީ ސީރީޒުން އުފައްދާފައިވާ މި ފިލްމަށް މިހާރު ދީފައިވާ ނަމަކީ "ވާއި ޗީޓް އިންޑިއާ" އެވެ. ނަމަވެސް ނަން ބަދަލު ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ. މި ފިލްމަކީ އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ވާއި ޗީޓް އިންޑިއާ" ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ 2014 ގައި "ގުލާބް ގޭންގް" ގެނެސް ދިން ސޯމިކް ސެން އެވެ. މި ފިލްމުގައި އިމްރާނާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޝްރެޔާ ދަންވަންތަރީ އެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމުތައް ރިލީޒް ކުރަން ކައިރިވެފައި ވަނިކޮށް ނަން ބަދަލުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ސަންޖޭ ލީލާ ބަންސާލީ ގެނެސް ދިން "ޕަދުމާވަތު" އަކީ "ޕަދުމާވަތީ" އިން "ޕަދުވާމަތު" އަށް ނަން ބަދަލު ކުރަން ޖެހުނު ފިލްމެކެވެ.

އަދި ސަލްމާން ހާންގެ ޅިޔަނު އާޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފު ކުރި ފިލްމު "ލަވް ޔާތުރީ" އަކީ ވެސް މިދިޔަ އަހަރު ނަން ބަދަލު ކުރަން ޖެހުނު ފިލްމެކެވެ. އެ ފިލްމަށް ކުރިން ކިޔާފައި ވަނީ "ލަވްރާތުރީ" އެވެ.