ޑޭވިޑް ދަވަންގެ އާ ފިލްމަކީ "ކޫލީ ނަމްބަރު 1" ގެ ރިމޭކް؟

ދަރިފުޅު ވަރުން ދަވަން ލީޑް ރޯލަށް ލައިގެން ޑޭވިޑް ދަވަން "ނަމްބަރު 1" ސީރީޒްގެ ފިލްމެއް ގެނެސް ދޭން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.


ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމަކީ ޑޭވިޑް 1995 ގައި ގެނެސް ދިން ކާމިޔާބު ފިލްމު "ކޫލީ ނަމްބަރު 1" ގެ ރިމެކް އެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ގޯވިންދާ ކުޅުނު ރޯލް ވަރުން ކުޅޭ އިރު، ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ ސާރާ އަލީ ހާނެވެ. ސާރާ ދާދި ފަހުން ވަނީ ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގައި ވަރުންއާ އެކު ފިލްމެއްގައި މަސައްކަތްކޮށްލަން ވަރަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

އަނެއްކޮޅުން ވަރުން އާއި ސާރާ ކަހަލަ ޒުވާން ދެ ތަރިންގެ ޖޯޑު ސްކްރީނަށް އައުމަކީ ބެލުންތެރިން ވެސް ވަރަށް އުފާވާނެ ކަމަކަށް ވާނެ އެވެ. މިދިޔަ މަހު "ކެދަރުނާތު" އާއި "ސިމްބާ" އިން ސާރާ ބޮލީވުޑްގެ ދަތުރު ފެށި އިރު، އެ ދެ ފިލްމު ވެސް ވެފައި ވަނީ ވަރަށް ކާމިޔާބު ދެ ފިލްމަށެވެ. ނަމަވެސް އޭނާ ކުޅޭނެ ތިން ވަނަ ފިލްމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނެތެވެ.

ނަމަވެސް ކަރަން ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓްކޮށް އަދި ވަރުން ލީޑް ރޯލް ކުޅޭ ފިލްމު "ރަންބޫމީ" ވެސް ސާރާ އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

"ކޫލީ ނަމްބަރު 1" ގެ ލަވައެއް.

ރިޕޯޓްތައް ބުނާ ގޮތުން "ކޫލީ ނަމްބަރު 1" ގެ ރިމެކްއާ އެކު، ޑޭވިޑް އާއިލީ ފިލްމު ކުންފުންޏެއް ވެސް ލޯންޗް ކުރާނެ އެވެ. އަދި މި ފިލްމުގެ މަސައްކަތް ފަށާނީ ވަރުން މި މަހުގެ 22 ގައި ޝޫޓިން ފަށާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމަށް ފަހު ކަމަށްވެ އެވެ.

ޑޭވިޑް އެންމެ ފަހުން ގެނެސް ދިނީ 1997 ގައި ސަލްމާން ހާނާއި ކަރިޝްމާ އާއި ރާމްބާ ލީޑް ރޯލް ކުޅުނު ފިލްމު "ޖުޅުވާ" ގެ ދެވަނަ ބައެވެ. ބޮޑު ކާމިޔާބީއެއް ހޯދި "ޖުޅުވާ 2" ގައި ވަރުން ވަނީ ޑަބަލް ރޯލެއް ކުޅެފަ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ