ބަނޑުބޮޑުތޯ ސުވާލު އުފެއްދުމުން ނަރުގިސް ރުޅިގަދަވެއްޖެ

ބަތަލާ ނަރުގިސް ފަޚްރީ އިނީ ބަލިވެ ކަމަށް ދޭހަވާ ގޮތަށް އިންޑިއާގެ ނޫހަކުން ހުކުރު ދުވަހު ގެނެސް ދިން ހަބަރަކާ ގުޅިގެން އޭނާ ރުޅިގަދަވެއްޖެ އެވެ.


"ދަ ލައިވް މިރާ" ގައި، ނަރުގިސް އިނީ ލޯބިވެރިޔާ މެޓް އެލަންޒޯ އަށް ބަލިވެތޯ ސުވާލު އުފައްދައި ގެނެސް ދިން އާޓިކަލާ ގުޅިގެން ނަރުގްރިސް ކުރި ޓްވީޓްތަކެއްގައި ވަނީ އެ ޚަބަރު ލިޔުނު ނޫސްވެރިޔާ އޮމައިރު އިގްބާލަށް ވެސް ވަރަށް ބޮޑަށް އެއްޗެހި ގޮވައިފަ އެވެ.

އޭނާ ބުނީ ތަނެއްދޮރެއް ބަލާ ނުލައި ހިތުހުރިހާ އެއްޗެއް މީސްމީހުންނާ ބެހޭ ގޮތުން ލިޔުމަމީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ނޫސްވެރިޔާ ވަނީ އަބުރަށް ވެސް އަރައިގެންފައި ކަމަށެވެ. އަދި އެ އާޓިކަލް ނޫހުން ނަގަންޖެހޭ ކަމަށް ވެސް ނަރުގިސް ބުންޏެވެ.

ރަންބީރު ކަޕޫރާ އެކު ފިލްމު "ރޮކްސްޓާޒް" އިން 2011 ގައި ބޮލީވުޑަށް ތައާރަފުވި ނަރުގިސް ބުނީ ނޫސްވެރިޔާ ވަނީ އޭނާގެ ސިފަ އަށް ވެސް ފާޑު ކިޔައިފައި ކަމަށެވެ. އޭނާ އިނީ ބަލިވެ ނޫން ކަމަށާއި ކުރިއަށް ވުރެ ތަންކޮޅެއް ފަލައީ ކަމަށް، މި މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ ބިރުވެރި ފިލްމު "އަމާވަސް" ގެ ބަތަލާ ބުންޏެވެ.

ބޮލީވުޑްގެ ފިލްމުތަކުން މަދުމަދުން ފެންނަ ނަރުގިސް، 39، އާންމުކޮށް ދިރިއުޅެނީ އޭނާ އުފަންވި އެމެރިކާގަ އެވެ. "ދޫމް" ފަދަ ފިލްމުތައް ކުޅެފައިވާ އުދޭ ޗޯޕްޅާއާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި ނަރުގިސް މިހާރު ރައްޓެހިވެގެން އުޅޭ މެޓްއަކީ އެމެރިކާ އަށް ނިސްބަތްވާ ފަންނާނެކެވެ. ނަރުގިސް ބަނޑުބޮޑުތޯ ސުވާލު އުފައްދާފައި ވަނީ "އަމާވަސް" ގެ ޕްރޮމޯޝަނަށް އިންޑިއާ އަށް ދިޔަ ތަނާ އެވެ.

ނަރުގިސް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "މޭ ތޭރާ ހީރޯ"، "މެޑްރާސް ކެފޭ" އަދި "ހައުސްފުލް 3" ހިމެނެ އެވެ. އޭނާ ވަނީ 2015 ގައި ރިލީޒް ކުރި ހޮލީވުޑް ފިލްމު "ސްޕައި" ގައި ވެސް ސަޕޯޓިން ރޯލެއް ކުޅެފަ އެވެ.

ނަރުގިސްގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި ސަންޖޭ ދަތާ އެކު ކުޅޭ "ތޯރްބާޒް" ފާހަގަކޮށްލެވެ އެވެ.