ބަތަލާ ބްރީ ލާސަންގެ އެންގޭޖްމަންޓް ރޫޅާލައިފި

އަންނަ މާޗް މަހު ރިލީޒްކުރާ ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" ގެ ބަތަލާ ބްރީ ލާސަން އާއި ލޯބިވެރިޔާ އަދި މިއުޒިޝަން އެލެކްސް ގްރީންވަލްޑްގެ އެންގޭޖްމަންޓް ރޫޅާލައިފި އެވެ.


ޕީޕަލް އިން ބުނި ގޮތުގައި 2016 ވަނަ އަހަރު މެއި މަހުގެ ތެރޭގައި އެންގޭޖްވި ދެ ތަރިން، އެންގޭޖްމަންޓް ރޫޅައިލީ ދެ މީހުން ވެސް އެގޮތް ބޭނުންވެގެންނެވެ.

އެ ދެ މީހުންނާ ގާތް މީހަކާ ހަވާލާދީ ޕީޕަލް މަޖައްލާ އިން ބުނި ގޮތުގައި އެންގޭޖްމަންޓަށް ތިން އަހަރު ވާން ގާތް ވެފައި ވަނިކޮށް، ގުޅުން ނިމުމަކަށް ގެންނަން ނިންމި ނަމަވެެސް ދެ ތަރިންގެ މެދުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި ވަކިވި ނަަވެސް އެކުވެރިންގެ ގޮތުގައި ދެމިތިބޭނެ ކަމަށް ބުންޏެވެ. ނަމަވެސް އެންގޭޖްމަންޓް ރޫޅައިލަން ނިންމި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ބްރީ، 29، އާއި އެލެކްސް، 39، ލޯބީގެ ގޮތުން ގުޅުނީ 2013 ގަ އެވެ. އޭގެ ތިން އަހަރު ފަހުން ދެ މީހުން އެންގޭޖްވީ 2016 ގައި ޖަޕާނަށް ކުރި ޗުއްޓީ ދަތުރެއްގަ އެވެ.

ބްރީއަކީ ދެހާސް ފަނަރައިގެ ފިލްމު "ރޫމް" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ފަންނާނެކެވެ. "ކެޕްޓަން މާވެލް" ގެ އިތުރުން މި އަހަރު ރިލީޒް ކުރާ "އެވެންޖާސް: އެންޑްގޭމްސް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.