"ގޭމް އޮފް ތުރޯންސް" ގެ 8 ވަނަ ސީޒަން ފަށާނީ އެޕްރީލް 14 ގައި

އެޗްބީއޯގެ މަގުބޫލު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ދައްކަން ފަށާ ގޮތަށް ނިންމައިފި އެވެ.


މި ސިލްސިލާގެ 8 ވަނަ ސީޒަން ގެނެސްދޭ ތާރީހު އިއުލާންކޮށްފައި މި ވަނީ އޭގެ އިންތިޒާރުގައި ފޭނުން ތިބޭތާ ދުވަސްތަކެއް ފަހުންނެވެ. "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަނުގައި ހިމެނޭނީ ހަ އެޕިސޯޑެވެ.

ދެހާސް އެގާރައިގައި ގެނެސް ދޭން ފެށި މި ސިލްސިލާގެ ފުރަތަމަ 7 ސީޒަނުގައި ވަނީ 67 އެޕިސޯޑް ގެނެސް ދީފަ އެވެ. ހަތް ވަނަ ސީޒަން ނިންމައިލީ 2017 ގަ އެވެ.

"ގޭމް އޮފް ތުރޯންސް" އަކީ ޓީވީ ސިލްސިލާތަކަށް އިންގިލާބެއް ގެނައި އަދި ބެލުންތެރިންގެ އޭގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހުނު ސިލްސިލާއެކެވެ. އަދި މިއީ އެތައް އެވޯޑް ވެސް ހާސިލުކޮށްފައިވާ މޮޅު ސިލްސިލާއެކެވެ.

"ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަނާ އެކު ނިންމައިލިޔަސް، މާ ލަސްތަކެއް ނުވެ މި ސިލްސިލާގެ ޕްރިކްއެލް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެ އެވެ. އޭގެ ތައްޔާރީތައް އެޗްބީއޯ އިން މިހާރު ފަށާފައިވާ އިރު، ޕްރިކްއެލް ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ އެސްޖޭ ކްލާކްސަންއާ އެވެ.

ޖޭން ގޯލްޑްމަން ލިޔެ، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި "ގޭމް އޮފް ތުރޯންސް" ގެ ވާހަކަ 300 އެއްހާ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މީގެ މައިގަނޑު ކާސްޓުން މަޝްހޫރު ބަތަލާ ނައޯމީ ވަޓްސް، 50، ވެސް ފެނިގެން ދާނެ އެވެ.