ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އެކްޓަރު ކަމަލް ހަސަންގެ ވަދާއީ ފިލްމު "އިންޑިއަން 2" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.


މި ފިލްމަކީ އޭނާ ވަރަށް ތަފާތު ގޮތަކަށް ފެނިގެން ދާނެ ފިލްމެކެވެ. އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "އިންޑިއަން 2" އަކީ މިދިޔަ އަހަރު ރިލީޒް ކުރި އިންޑިއާގެ އެންމެ އަގު ބޮޑު ފިލްމު ރަޖްނީނާކްތުގެ "2.0" ގެ ޑައިރެކްޓަރު ޝަންކަރު ޑައިރެކްޓް ކުރާ ފިލްމެކެވެ.

މި ފިލްމަކީ ޝަންކަރު ކަމަލް ހަސަނާ އެކު 1996 ގައި ގެނެސް ދިން "އިންޑިއަން" ގެ ދެވަނަ ބައެވެ. ފިލްމުގެ ޝޫޓިން މި މަހުގެ 18 ވަނަ ދުވަހު ފަށާ އިރު، ފިލްމު ރަސްމީކޮށް ލޯންޗް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 7 ގައި ފާހަގަ ކުރި ކަމަލްގެ 64 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.

"އިންޑިއަން 2" ގެ ބަތަލާއަކީ ސައުތު ފިލްމު އިންޑަސްޓްރީގެ ޒުވާން ބަތަލާ ކާޖަލް އަގަރްވާލް އެވެ.

މި ފިލްމަށް ފަހު އެކްޓިން ކެރިއަރު ކަމަލް ނިންމައިލާ އިރު، އޭނާ ދާދި ފަހުން ވަނީ "މައްކަލް ނީދީ މައިއަމް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް އުފައްދައިފަ އެވެ. ކަމަލް ބުނި ގޮތުގައި "އިންޑިއަން 2" އަށް ފަހު އޭނާ ދެން ހަރަކާތްތެރި ވާނީ ސިޔާސީ މަސައްކަތުގަ އެވެ.

"ސެކްޝަން 375" ގެ ޝޫޓިން ފަށައިފި

އިންޑިއާގެ އަންހެނުންގެ ހައްގުތަކާ ބެހޭ ގާނޫނު 375 ގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މައްސަލަ އަށް ބިނާކޮށް ހދާ ކޯޓް ޑްރާމާ "ސެކްޝަން 375" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމުގެ ކާސްޓުންނަކީ އަކްޝަޔާ ކަންނާ، ރިޗާ ޗައްޑާ އަދި ރާހުލް ބަޓެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމުގެ ޑައިރެކްޓަރަކީ އަޖޭ ބާލް އެވެ.

"ސެކްޝަން 375" ގައި ރިޗާ އާއި އަކްޝަޔޭ ފެނިގެން ދާނީ ވަކީލުންގެ ރޯލުންނެވެ. އެގޮތުން އެ ރޯލްތަކަށް ތައްޔާރުވުމުގެ ގޮތުން އެ މީހުން ވަނީ ޕްރޮފެޝަނަލް ވަކީލުންނާ ބައްދަލުކޮށް، ވަކީލުކަން ކިޔައިދޭ ބައެއް ޔުނިވަސިޓީތަކަށް ވެސް ޒިޔާރަތްކޮށް، ފިލްމަށް ތައްޔާރީތައްވެފަ އެވެ.

"ކޮއީ ޖާނޭ ނާ" ގައި ކުނާލާއި އަމީރާ

ޓީ ސީރީޒުން އުފައްދާ ސައިކޮލޮޖިކަލް ތުރިލާގެ ކާސްޓަށް ކުނާލް ކަޕޫރާއި އަމީރާ ދާސްތޫރު ހަމަޖައްސައި ފިލްމު "ކޮއީ ޖާނޭ ނާ" ގެ ޝޫޓިން ފަށައިފި އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ އަމީން ހާޖީ އެވެ.

"ރަންގް ދެ ބަސަންތީ" އާއި "ޑޮން 2" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ކުނާލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ ކްރިކެޓް ފިލްމު "ގޯލްޑް" އިންނެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ކާލަނާންޑީ" އާއި "ރާޖްމާ ޗާވަލް" އިން ފެނިގެން ދިޔަ އަމީރާ ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯއާ އެކު ފިލްމު "މެންޓަލް ހޭ ކިޔާ" އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ މާޗް މަހުގެ 29 ގަ އެވެ.

އޮމަންގްއާ އެކު ދަރްޝަން ތިން ވަނަ ފިލްމަކަށް

އޮމަންގް ކުމާރުގެ "ސަރަބްޖީތު" އާއި އާއި "މޭރީ ކޮމް" ގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ ދަރުޝަން ކުމާރު، އޭނާގެ ތިން ވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.

އެއީ މިދިޔަ ހަފުތާގައި އިއުލާން ކުރި އޮމަންގްގެ "ޕީއެމް ނަރެންދުރަ މޯދީ" އަށެވެ. ވިވެކް އޮބެރޯއީ މޯދީގެ ރޯލް ކުޅޭ ފިލްމަށް ދަރުޝަން ސޮއި ކުރި ނަމަވެސް އޭނާ ކުޅޭނީ ކޮން ކެރެކްޓާއެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ދަރުޝަން ފެނިގެން ދާނީ ހަމަ ސިޔާސީ މީހެއްގެ ރޯލުންނެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފަށާނެ އެވެ. "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.