"މިޝަން އިމްޕޮސިބަލް" ގެ އިތުރު ދެ ބައި ގެނެސް ދޭނެ

ޓޮމް ކްރޫޒްގެ ކާމިޔާބު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް" ގެ އިތުރު ދެ ބައި ހަދަން ނިންމައި، އެ ދެ ފިލްމުގެ ޑައިރެކްޝަން ވެސް އެންމެ ފަހުން ގެނެސްދިން ދެ ފިލްމު ވެސް ޑައިރެކްޓް ކުރި ކްރިސްޓޯފާ މެކްއަރީއާ ހަވާލުކޮށްފި އެވެ.


"މިޝަން އިމްޕޮސިބަލް" ގެ ހަ ވަނަ ފިލްމު "ފޯލްއައުޓް" ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު އެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި 791.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ކްރޫޒް ކޮށްފައިވާ ޓްވީޓެއްގައި ބުނި ގޮތުގައި "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަތް ވަނަ ފިލްމު ސިނަމާތަކަށް ގެންނާނީ 2021 ގަ އެވެ. އަދި އަށް ވަނަ ފިލްމު ރިލީޒް ކުރާނީ 2022 ގަ އެވެ.

މި އަހަރު އޭނާގެ ފިލްމެއް ސިނަމާތަކަށް އަންނަން ނެތް ނަމަވެސް އަންނަ އަހަރު "ޓޮޕް ގަން: މެވެރިކް" ބެލުންތެރިންނަށް ގެނެސް ދޭނެ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހައެއްގައި ރިލީޒް ކުރި "ޓޮޕް ގަން" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ "މެވެރިކް" ސިނަމާތަކަށް އަންނާނީ ޖޫން، 26، 2020 ގަ އެވެ.

ޕެރަމައުންޓް ޕިކްޗާޒްއާ ގުޅިގެން "މިޝަން އިމްޕޮސިބަލް" ސީރީޒްގެ އިތުރު ދެ ފިލްމެއް ގެނެސް ދޭނެކަން ކްރޫޒް ޓްވިޓާގައި ހިއްސާ ކުރުމުން ކްރިސްޓޯފާ ވަނީ ޓްވީޓަކުން "މިޝަންތައް ގަބޫލުކޮށްފިން" ކަމަށް ބުނެފަ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މައިކަލް ބީ ޖޯޑަން ލީޑް ރޯލަށް ލައިގެން ޕެރަމައުންޓަށް ހަދާ "ވިތައުޓް ރިމޯސް" ހިމެނެ އެވެ.

"މިޝަން އިމްޕޮސިބަލް" އަކީ 1996 އިން ފެށިގެން ގެނެސްދޭ ފްރެންޗައިޒެކެވެ. މިހާތަނަށް ގެނެސް ދިން ހަ ފިލްމުން ޖުމްލަ 3.570 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.