"ބޭޑް ބޯއިސް ފޮ ލައިފް" ގެ ކާސްޓާ ޑީޖޭ ހާލިދު ގުޅިއްޖެ

ވިލް ސްމިތާއި ލޯރެންސް މާޓިންގެ ކާމިޔާބު ފްރެންޗައިޒް "ބޭޑް ބޯއިސް" ގެ ތިނަ ވަނަ ބައި "ބޭޑް ބޯއިސް ފޮ ލައިފް" ގެ ކާސްޓާ މަޝްހޫރު މިއުޒިޝަން ޑީޖޭ ހާލިދު ގުޅިއްޖެ އެވެ.


މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގެ ރޯލަކުން ހާލިދު، 43، ފެނިގެންދާ އިރު، އޭނާ ވަނީ ކުރިން ވެސް ފިލްމެއްގައި އެކްޓްކޮށްފަ އެވެ. އެއީ 2017 ގެ "ޕިޗް ޕާފެކްޓް 3" ގަ އެވެ.

"ބޭޑް ބޯއިސް ފޮ ލައިފް" ގެ ކާސްޓުން އިތުރު އާ މޫނުތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ވެނެސާ ހަޖެންސް، އެލެގްޒެންޑާ ލުޑްވިގް، ޗާލްސް މެލްޓަން، ޖެކޮބް ސިޕިއޯ އަދި ޕައޯލާ ނަނެޒް ހިމެނެ އެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ 2015 ގެ ކްރައިމް ޑްރާމާ "ބްލެކް" ގެނެސް ދިން އެދިލް އަލް އާބީ އާއި ބިލާލް ފަލާ އެވެ. "ބޭޑް ބޯއިސް ފޮ ލައިފް" ގެ އޮރިޖިނަލް ސްކްރީންޕްލޭ ލިޔެފައި ވަނީ "ދަ ހަންގޭ ގޭމްސް: މޮކިންޖޭ" އާއި "ޓްރާންފޯމާ" ގެ ސްކްރީން ރައިޓަރު ޕީޓާ ކްރެއިގެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 17، 2020 ގަ އެވެ.

"ބޭޑް ބޯއިސް" ގެ ފުރަތަމަ ބައި ރިލީޒް ކުރީ 1995 ގަ އެވެ. އަދި ދެވަނަ ބައި ނެރުނީ 2003 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓްކުރީ މައިކަލް ބޭ އެވެ. ނަވާރަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ބޭޑް ބޯއިސް" އަށް ބޮކްސް އޮފީހުގައި 141.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު، ދެވަނަ ބަޔަށް 273.3 މިލިއަމް ޑޮލަރު ލިބިފައިވެ އެވެ. "ބޭޑް ބޯއިސް 2" އަށް ހަރަދުކޮށްފައި ވަނީ 130 މިލިއަން ޑޮލަރެވެ.