ގެރީ އޯލްޑްމަން ނުބައިބައި ރޯލަކަށް

މިދިޔަ އަހަރު ބޭއްވި 90 ވަނަ އޮސްކާ އެވޯޑްސްގައި ފިލްމު "ދަ ޑާކެސްޓް އަވާ" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގެންދިޔަ ގެރީ އޯލްޑްމަން ފިލްމެއްގައި ވިލަންއެއްގެ ރޯލް ކުޅެން ސޮއިކޮށްފި އެވެ.


އުމުރުން 60 އަހަރުގެ އެކްޓަރު ނުބައިބައި ރޯލަކުން ފެނިގެން ދާނީ އެކްޝަން ތުރިލާ "ދަ ކޮރިއާ" އިންނެވެ. މި ފިލްމަކީ "ރައިޒް އޮފް ދަ ފުޓް ސޯލްޖާ 3" ގެނެސް ދިން ޒެކެރީ އެޑްލާ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ގެރީ އިސްކޮށް ހުރެގެން ލަންޑަނުގައި ބޮމެއް ގޮއްވައިލަން ރާވާ ސިއްރުވެރި ހާދިސާތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ބަތަލާއަކީ "ކްއަންޓަމް އޮފް ސޮލޭސް" އާއި "މާރާ" ފަދަ ފިލްމުތައް ކުޅެފައިވާ އޮލްގާ ކްރެލެންކޯ 39، އެވެ.

"ދި ކޮރިއާ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރު "ޓައު" އާއި "ހަންޓާ ކިލާ" އިން ފެނިގެން ދިޔަ ގެރީގެ ދެ މި ފިލްމެއް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ "ދަ ވުމަން އިން ދަ ވިންޑޯ" އާއި "ދަ ލައުންޑްރޯމެޓް" އެވެ.