ހޮލީވުޑްގެ ފިލްމު "ބިގިން އެގެއިން" ގެ ހިންދީ ރިމެކެއް ހަދަނީ

މާކް ރަފަލޯ އާއި ކެއިރާ ނައިޓްލީ ލީޑް ރޯލް ކުޅުނު 2013 ގެ ކާމިޔާބު މިއުޒިކަލް ކޮމެޑީ "ބިގިން އެގެއިން" ގެ ހިންދީ ރިމެކެއް ހަދަން ނިންމައިފި އެވެ.


ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދާ މި ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ވީރޭ ދީ ވެޑިން" ގެ ޑައިރެކްޓަރު ޝަޝަންކާ ގޯޝް އެވެ. އޭނާ ބުނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަން ހަވާލުކޮށްފައި ވަނީ އަރުޝަދު ސައިދުއާ ކަމަށެވެ.

"ބިގިން އެގެއިންއަކީ މިއުޒިކާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމަކަށްވާތީ އަހަރެމެން ވެސް މި ފިލްމު ގެނެސްދޭނީ އިންޑިއާގެ ހިތްގައިމު މިއުޒިކުން ރަހަތައް ހެޔޮވަރުކޮށްލައިގެން،" ޝަޝަންކާ ބުންޏެވެ. "ވަރަށް ވެސް ހިތްގައިމު އަދި ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ގޮތަކަށް އަހަރެމެން ބިގިން ގެއިންގެ ރިމެކް ގެނެސް ދޭނަން."

އޭނާ ބުނި ގޮތުގައި ފިލްމަށް ކާސްޓުން ނަގާނީ ސްކްރީންޕްލޭ އެއްކޮށް ނިމުމުންނެވެ.

"ބިގިން އެގެއިން" ގެ ޓްރެއިލާއެއް.

ޖޯން ކާނީ ޑައިރެކްޓްކޮށްފައިވާ "ބިގިން އެގެއިން" އަކީ އެމެރިކާގެ މެންހަޓަންގައި ދިރިއުޅޭ އަދި ކާމިޔާބު ރިކޯޑް ލޭބަލް އެކްޒެކެޓިވަކަށް ވާން މަސައްކަތް ކުރާ މީހަކާއި ޒުވާން އަންހެން ލަވަކިޔުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އެޑަމް ލެވިން އާއި ހެއިލީ ސްޓެއިންފެލްޑް ވެސް ހިމެނެ އެވެ.

"ބިގިން އެގެއިން" މާސްޓަޕީސްއެއްގެ ގޮތުގައި ސިފަކޮށް ބުޝަން ބުނީ މި ފިލްމުގެ ހިންދީ ރިމެކްވެގެން ދާނީ ވަރަށް ވެސް ހިތްގައިމު މިއުޒިކްތަކެއް އަޑު އިވިގެން ދާނެ ފިލްމަކަށެވެ. ޓީ ސީރީޒަކީ އަބަދު ވެސް ވަރަށް ރީތި ލަވަތައް އެ މީހުންގެ ފިލްމުތަކުގައި ހިމަނަން މަސައްކަތް ކިރާ ސްޓޫޑިއޯއެކެވެ.