ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޓީ ސީރީޒްއާ ގުޅިގެން ޑައިރެކްޓަރު އަނޫރާގް ބާސޫ މިހާރު ހަދަމުން އަންނަ ފިލްމު އަންނަ ސެޕްޓެމްބަރު މަހުގެ 6 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.


އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ކާސްޓުންނަކީ އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް، ރާޖްކުމާރް ރާއޯ، އަދިތިޔާ ރޯއި ކަޕޫރް އަދި ޕަންކަޖް ތުރިޕަތީ އެވެ.

ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، ރާޖް ދާދި ފަހުން ވަނީ ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އޭގައި ފެންނަނީ އޭނާ އާއި ފާތިމާ އެވެ.

އަނޫރާގްގެ އައު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު، ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި މިއީ އެކްޝަން/ކޮމެޑީއެކެވެ.

"ލައިފް އިން އަ...މެޓްރޯ" އާއި "ބަރުފީ" ފަދަ ރީތި ފިލްމުތައް ގެނެސް ދިން އަނޫރާގް އެންމެ ފަހުން ގެނެސް ދިނީ 2017 ގައި ރިލީޒް ކުރި "ޖައްގާ ޖާސޫސް" އެވެ. ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅުނު އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ.

"ގުޑް ނިއުސް" ގެ ތާރީހު ފަސްކޮށްފި

ކުރިން އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުސް" އަންނަ ސެޕްޓެމްބަރު މަހުގެ 6 އަށް ފަސްކޮށްފި އެވެ.

ތާރީހަށް މި ގެނައި ބަދަލާ އެކު އެ ފިލްމަށް ބޮކްސް އޮފީހުގައި އަނޫރާގްގެ ފިލްމާ ކުރިމަތިލުމަކަށް ދާން ޖެހޭނެ އެވެ. މިހާރު ޝޫޓިން ކުރިއަށްދާ "ގުޑް ނިއުސް" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓް ކުރާ ލޯބީގެ ފިލްމެކެވެ.

މީގެ ކާސްޓުންނަކީ އަކްޝޭ ކުމާރު، ކަރީނާ ކަޕޫރް، ދިލްޖީތު ދޮސަންޖް އަދި ކިއާރާ އަދްވާނީ އެވެ.

"ގުޑް ނިއުސް" ވެގެން ދާނީ ޒަމާންގަނޑަކަށް ފަހު އަކްޝޭ އާއި ކަރީނާގެ ޖޯޑު އަލުން ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށެވެ. ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނީ 2009 ގެ "ކަމްބަކްތު އިޝްގް" އެވެ.

"ފޮޓޯގްރާފް" ގެ ޕޯސްޓަރު ދައްކާލައިފި

އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ފޮޓޯގްރާފް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ފިލްމު "ލަންޗް ބޮކްސް" ގެ ޑައިރެކްޓަރު ރިތޭޝް ބަޓްރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ ނަވާޒުއްދީން ސިއްދީގީ އާއި ސާނިއާ މަލްއުތުރާ އެވެ. "ފޮޓޯގްރާފް" އަކީ ކާމިޔާބު ފޮޓޯގްރާފަރަކަށް ވާން މަސައްކަތް ކުރާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ބެލުންތެރިން ދެންނ އެންމެ ބޮޑަށް އިންތިޒާރު ކުރާނީ މި ފިލްމުގެ ޓްރެއިލާއަށެވެ.

"ގަލީ ބޯއި" ގެ އާ ލަވައެއް

ރެޕުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމު "ގަލީ ބޯއި" ގެ އައު ލަވައެއް އަނެއްކާ ވެސް ބެލުންތެރިނަށް ދައްކާލައިފި އެވެ.

ޒޯޔާ އަހްތަރު ޑައިރެކްޓްކޮށްފައިވާ ފިލްމުން މި ފަހަރު ދޫކޮށްލީ މި ފިލްމުގެ ވާހަކަ ނިސްބަތްވާ ދެ ރެޕުން ކަމަށްވާ ޑިވައިން އާއި ނައޭޒީ ކޮމްޕޯޒްކޮށްފައިވާ "މޭރޭ ގަލީ މޭ" އެވެ. ލަވަ ކިޔާފައި ވަނީ އެ ދެ މީހުންގެ އިތުރަށް އެކްޓަރު ރަންވީރު ސިންގް އެވެ.

އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "ގަލީ ބޯއި" ގެ ލީޑް ރޯލުން ފެނިގެން ދާނީ ރަންވީރާއި އާލިއާ ބަޓް އެވެ. މި ފިލްމުގެ ޓްރެއިލާ ވެސް ދައްކާލާފައިވާ އިރު، މިިއީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް ގިނަ ބަޔަކު ލަފާކޮށްފައިވެ އެވެ.