ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަލްމާންގެ ފިލްމު "ބާރަތު" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.


އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމު މި އަހަރުގެ ފިތުރު އީދު ދުވަހު ރިލީޒްކުރަން ނިންމާފައިވާ އިރު، ބެލުންތެރިންނަށް ދައްކައިލި ފުރަތަމަ ޓީޒާ މުޅިން ހާއްސަކޮށްފައި އޮތީ ސަލްމާނަށެވެ.

"ބާރަތު" ގެ އެންމެ ހާއްސަ ކަމަކަށް ވާނީ ފިލްމުން އޭނާ ވަރަށް ތަފާތު އެކި ލުކްތަކުން ފެނިގެން ދިއުމެވެ. އެގޮތުން އުމުރުން 19 ވަރަކަށް އަހަރުން ފެށިގެން ގޮސް ގާތްގަނޑަކަށް އުމުރުން 90 އަހަރާ ދެމެދުގެ މުއްދަތެއް ދައްކާނެ އެވެ.

މި ފިލްމުގެ މުހިއްމު ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޖެކީ ޝްރިފް، ތައްބޫ، ޑިޝާ ޕަޓްނީ، ސުނިލް ގްރޯވާ އަދި ނޯރާ ފަތެހީ ވެސް ހިމެނެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ސަލްމާނާއި ކެޓްރީނާއި ކެއިފް ހިމަނައިގެން ގެނެސް ދިން ކާމިޔާބު ފިލްމު "ޓައިގާ ޒިންދާ ހޭ" އަށް ފަހު، އަލީ ގެނެސްދޭ "ބާރަތު" އަކީ 2014 ގައި ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޭން އޯޑް ޓް މައި ފާދާ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އަރުޖުންގެ "ފައިނަލް ކޯލް" ގެ ޓީޒާ ދައްކާލައިފި

އަރްޖުން ރާމްޕާލް ކުޅުނު ފުރަތަމަ ވެބް ސީރީޒް "ދަ ފައިނަލް ކޯލް" ހެ ޓީޒާ ޓްރެެއިލާ ދައްކާލައިފި އެވެ.

މިއީ ޒީ ނެޓްވޯކްގެ ޑިޖިޓަލް ފްލެޓްފޯމް ޒީ5 އިން ގެނެސް ދޭން ހަމަޖެހިފައިވާ އެއްޗެކެވެ. "ފައިނަލް ކޯލް" ސްޓްރީމް ކުރަން ފަށާނީ އަންނަ މަހުގެ 22 އިން ފެށިގެންނެވެ.

ކަޝްމީރުގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ މި ވެބް ސީރީޒް ބިނާކޮށްފައި ވަނީ ޕްރިޔާ ކުމާރު ލިޔެފައިވާ ވާހަކަ "އައި ވިލް ގޯ ވިތު ޔޫ" އަށެވެ. އަރުޖުންއާ އެކު، "ފައިނަލް ކޯލް" އިން ފިލްމު "ހައިދަރު" ގައި ޝާހިދު ކަޕޫރުގެ ފުރާވަރުގެ ރޯލް ކުޅުނު އެކްޓަރު އަންޝުމަން މަލްއުތުރާ ވެސް ފެނިގެން ދާނެ އެވެ. އޭނާ ރާޖްޝުރީ ޕްރޮޑަކްޝަނުން އަންނަ މަހު ގެނެސް ދޭނ "ހަމް ޗާރު" އިން ވެސް ފެންނާނެ އެވެ.

އަރުޖުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރި ހަނގުރާމަތީ ފިލްމު "ޕަލްޓާން" އެވެ.

"މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" ފަސްކޮށްފި

އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ކުރިން އޮތް ފިލްމު "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" މާޗް މަހުގެ 15 އަށް ލަސްކޮށްފި އެވެ.

ބެލެވޭ ގޮތުން ފިލްމު ކުރިން ރިލީޒް ކުރަން ނިންމި ތާރީހަށް ވުރެ، އެއް ހަފުތާ އަށް ފަހަށް ލަސްކޮލީ މާޗް 8 ގައި އަމީތާބް ބައްޗަންގެ "ބަދުލާ" އާއި ނަވާޒުއްދީން ސިއްދީގެ "ފޮޓޯގްރާފާ" އެއް ދުވަހެއްގައި ރިލީޒް ނުކުރަންވެގެންނެވެ.

ހުސައިން ދަލާލާއި މަނޯޖް މައިތުރާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އަކީ ހާމަ ތަންތަނަށް ބޮޑުކަމުދިއުމާއި ސާފު ތާހިރުގެ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ "ބާގް މިލްކާ ބާގް" އާއި "ރަންގް ދެ ބަސަންތީ" ފަދަ ފިލްމުތައް ގެނެސް ދިން އޯމް ޕްރަކާޝް މެރެހާ އެވެ. "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އިން މަޝްހޫރު ތަރިންތަކެއް ނުފެންނާނެ އެވެ.

ސޮނާކްޝީގެ އައު ފިލްމުގެ ޝޫޓިން ފަށައިފި

ދާދި ފަހުން ސޮނާކްޝީ ސިންހާ ސޮއި ކުރި ޓީ ސީރީޒްގެ އައު ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމުގެ ޝޫޓިން ޕަންޖާބްގެ އަމްރިތުސާގައި ކުރިއަށްދާ އިރު، ޕްރޮޑިއުސަރު ބުޝަން ކުމާރު ވަނީ ސެޓުން ނަގާފައިވާ ފޮޓޯއެއް ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. މި ފިލްމުގެ ކާސްޓުން ސޮނާކްޝީއާ އެކު ވަރުން ޝަރުމާ، އައްނޫ ކަޕޫރް އަދި ނާދިރާ ބައްބަރު ފަދަ ތަރިން ފެނިގެން ދާނެ އެވެ.

ފިލްމުގެ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިލްޕީ ދާސްގުޕްތާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ގޯތަމް މެހެރާ އެވެ.