ކަންގަނާއާ ޒާތީ މައްސަލައެއް ނެތް: ކަރަން ޖޯހަރް

ބަތަލާ ކަންގަނާ ރަނާވަތާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާގެ ފިލްމެއްގައި ކަންގަނާ އަށް ފިޓްވާ ކަހަލަ ރޯލެއް އޮތް ކަމަށް ގަބޫލު ކުރެވޭ ދުވަހަކުން އެކުގައި މަސައްކަތްކުރާނެ ކަމަށް ކަރަން ޖޯހަރު ބުނެފި އެވެ.


ހުނަރުވެރި ތަރިންނަށް ފުރުސަތު ނުދީ ގާތް މީހުންނާއި އެ މީހުންގެ ދަރިންނާއި މަޝްހޫރު ފިލްމީ ތަރިންގެ ދަރިންނަށް ކަރަން މާ ބޮޑަށް ފުރުސަތު ފަހިކޮށްދޭތީ އަބަދުވެސް ކަރަން އަށް ވަރަށް ބޮޑަށް ފާޑުކިޔާ ކަންގަނާއާ ބެހޭ ގޮތުން ކަރަން ބުނީ އެއީ ވަރަށް ހުނަރުވެރި ބަތަލާއެއް ކަމަށެވެ. އަދި އޭނާ ހުރީ ކަންގަނާއާ އެކު މަސައްކަތްކުރަން ތައްޔާރަށް ކަމަށް ބުންޏެވެ.

ކަރަން ބުނި ގޮތުގައި އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމަކުން ކަންގަނާ ނުފެންނަނީ އެއްވެސް މައްސަލައެއް އޮވެގެނެއް ނޫނެވެ.

"ޒާތީ ކަމެއް އޮވެގެން ނޫން އަހަރެންގެ ފިލްމަކުން ކަންގަނާ ނުފެންނަނީ. އެއީ ޕްރޮފެޝަނަލީ މިހާތަނަށް ކަންކަން ހިނގާފައި އޮތް. ކަންގަނާ އަށް ފިޓްވާ ކަހަލަ ރޯލެއް އަހަރެންގެ ފިލްމެއްގައި އިން ކަމަށް ގަބޫލު ކުރެވެންޏާ ހަމަ ޔަގީނުން ވެސް އެ ރޯލެއް ކަންގަނާ އަށް ހުށަހަޅާނަން،" ޑައިރެކްޓަރެއްގެ ގޮތުން ގިން ފިލްމުތަކެއް މިހާރު ޕްރޮޑިއުސް ވެސް ކުރަމުން އަންނަ ކަރަން ބުންޏެވެ. "ކަންގަނާއަކޯ ވަރަށް މޮޅު ހުނަރުވެރި ބަތަލާއެއް. އަދި އަހަންނަށް ވަރަށް ކަމުދާ ބަތަލާއެއް އޭނައަކީ."

ކަންގަނާ މިހާތަަނަށް ކުޅުނީ ކަރަން ޕްރޮޑިއުސް ކުރި އެންމެ ފިލްމެކެވެ. އެއީ 2014 ގައި ރެންސެލް ޑި ސިލްވާ ޑައިރެކްޓް ކުރި "އުނގްލީ" އެވެ.

އެ ފިލްމުގެ ކާސްޓުންނަކީ ކަންގަނާ އާއި އިމްރާން ހާޝިމީ އާއި ސަންޖޭ ދަތާއި ނީހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭދީގެ އިތުރުން ނީލް ބޫޕަލަން އެވެ.