ބިރުވެރި މާލެދަތުރު

އާދިއްތަ ދުވަހާ ގުޅޭ


"ދެން އަމްޖަދު ކިހިނެއްހެދީ؟" އަހަރެން އެހީމެވެ. "އެއްޗެކޭ ބުނިންތަ؟"

"މަ ނުބުނަން އެކައްޗެކޭ ވެސް،" ޗޮކެއްކަނޑައިފައި އަމްޖަދު ބުންޏެވެ. "އަހަންނަކީ ދަރިންނާ ދިމާއަށް ހަޅޭއްލަވާ މީހެއް ނޫން. އަހަރެން ދޮރު ހުޅުވާފަ ބަހައްޓާފަ ކޮޓަރިން ނުކުތީ. އެކަމަކު ކޮޓަރި ފެންނަ ހިސާބުގަ ހުރީ. ބާރަށް ދެކޮޅަށް ހިނގާލާ، ފެންބޯކަމަށް ހަދައިފަ ތަށިތައް ތަޅުވާ، ކަރުކެހި ހެދިން. ކެއްސަން ވެސް ކެއްސިން. އެހެން ކީއްތަކުރާނީ؟ ލަފުގަ ހިފާފަ ބޭރަށް ހޫރާލާކަށް ނުކެރޭނެއްނު. އެ ސޮރާ ނީޒާއަށް ވުރެ ވެސް ބޮޑަށް އަހަރެން ކަންނޭނގެ ލަދުގަތީ. ނަސީބަކުން އިރުކޮޅަކުން އެ ސޮރު ހިނގައްޖެ!"

"ދެން ކީކޭ ނީޒާ ބުނީ؟" ހުރިހާ ކަމެއް އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ.

"ކީކޭތަ ބުނާނީ؟" ރުޅިއައިސްފައި ހުރެގެން ފިނިކޮށް ވާހަކަދައްކަން އަމްޖަދު މަސައްކަތްކުރިއެވެ. "މަ ހުރީ ލަދުން ހަލާކުވާވަރު ވެފަ. އެ ކަހަލަ ކަންތަކުގަ ނާސިހާއެއްނު ވާހަކަދައްކަން ވާނީ. ދޮށީ މަންޖެއެއް ނަމަތާ އަހަންނަށް ބުނެވޭނީ އާނ ދެން އަވަހަށް އިންނާށޭ. ނީޒާ ގާތަކު އެހެނެއް ވެސް ނުބުނެވޭނެއްނު. އެހެރީ އޭނަ ކުޑަކަން ވާވަރު."

"ހަމަ މިހާރު ނީޒާގެ ފޯނު އަތުލާ! ނަމަނަމަ ގެއިން ނުކުތަ ނުދޭތި!" އަހަރެން އަމުރު ނެރުނީމެވެ.

ކޯހުގެ މުހިންމުކަން އަހަންނަށް ގެއްލުނެވެ. ޓެސްޓާއި ކޮލެޖުމަތިން ހަނދާންނައްތައިލީމެވެ. ފަޔަކާ ފަޔެކެވެ. އަމްޖަދުގެ ފޯނު ކަނޑައިލައިފައި ފާޒިރާއަށް ގުޅީމެވެ.

"ވަރަށް ބޮޑުކަމެއް ދިމާވެގެން މި އުޅެނީ،" އަހަރެން ބުނީމެވެ. "އެނގޭ ޓެސްޓުއޮތްކަން ވެސް. އެކަމަކު ޓެސްޓަކަށް ނުދެވޭނެ. އަހަންނަށް އެނގޭ އަހަރެން ފާހެއް ނުވާނެކަން. އަދި އެބައޮތް ދެ ޓެސްޓު ނަހަދާ. ގެއްލޭ ޓެސްޓު އަލުން ނުދޭނެ ވާހަކަ މާ ކުރިން ބުނެފައެއްނުއޮތީ. ބަރާބަރަށް އަންނަންޖެހޭނޭ، އެއް ދުވަހުގެ ފިލާވަޅު ކެޓިޔަސް އެހެން ކުއްޖެއް އަތުން ހަމަކުރާށޭ ތަނަކުން ނުދޭނޭ ބުނެފައެއްނު އޮތީ. އަހަރުމެން އެންމެން ވެސް ހުރިހާ ކަމަކަށް އެއްބަސްވެގެން އައިސް މިތިބީ. އެހެންވެ ޔަގީން ފާހެއް ނުވާނެކަން. ނޭނގެ ރަނގަޅަށް ފައިއެޅޭނެ ދުވަހެއް ވެސް."

"ހާދަ ހާސްވެފަ ތިހިރީ. ހިނގާ މާލެދާން. މިހާރު އަހަރެން ފްރީއޭ!" ފާޒިރާ ބުންޏެވެ. "އެޕޮއިންޓުމަންޓެއް ލިބޭތޯ ބަލަންތަ؟"

އެ ވާހަކަދައްކާކަށް ނޫން މި ގުޅީ،" އަހަރެން ބުނީމެވެ. "އަހަރެން ކުއްލިއަކަށް ޖެހިއްޖެ ރަށަށް ދާން. ހަގު ދަރި މީހަކާ ހިތާވެއްޖެ! ފިރިމީހާ ގޭގަ ނޫޅޭ ވަގުތު ބަލައިފައި އެ ފިރިހެން ސޮރު ގެއަށް ވައްދައިގެން އުޅެނިކޮށް ފިރިމީހާއަށް ގެއަށް ވަދެވުނީ. ލައްކަ ދުވަސް ވެދާނެ މި ބޮނޑިބަތްގަނޑެއް އެ މަންޖެ ކައްކާތާ. އަހަންނަށް ވެސް ރޭކާނުލީ. ވީހާ ވެސް އަވަހަކަށް އަހަންނަށް ޓިކެޓެއް ހަމަޖައްސައިދީބަލަ!"

"އޭ ނާސިހާ ފުރަންޏާ މަ ވެސް ނުހުންނާނަން މިތާކު،" ފާޒިރާ ބުންޏެވެ. "ނާސިހާ އަންނާތީ އަހަރެން ވެސް މި އައީ. އެހެންނޫން ނަމަ ނުވެސް އައިމުސް. އަމުދަކުން މި ކޯސްގަނޑު އަހަންނަކަށް މުހިންމެއް ވެސް ނޫން. ވަރިހަމަ އޮފީހުން ކަނޑާލިޔަސް. މި ކުޑަކުޑަ ގޮޅިތެރޭގަ އުޅެއުޅެ އަހަރެން މިހިރީ ނޭވާ ހާސްވެގެން މަރުވާން ކައިރިވެފަ. އެހާ އަޑުގަދަ. އަބަދު ކޮންމެވެސް ތަނެއް ތޮރުފާ، މޮހޮރުޖަހާ، ކީހާ އަޑު. އަހަންނަކަށް ފަސޭހައެއް ނޫން މިތާ އުޅޭކަށް. މަ ބޭނުން ރަށަށް ދާން. ނުވާނެ މި ކަމެއް. މާލެއަކީ މީހަކު މޮޔަވެގެން އަންނަ ވަރުގެ ތަނެއް ނޫން."

އަހަންނަށް ލިބުނީ ވަރަށް ބޮޑު ހިތްވަރެކެވެ. ލިބުނު އެންމެ އަވަހަކަށް ޓިކެޓުނަގައިގެން، ތަދުކަނޑުވާ ބޭސްކައިގެން ރަށަށް ދަތުރު ފެށީމެވެ. މާލެއަށް އެނބުރި ނާންނަން އަޒުމުކަނޑައަޅައިގެންނެވެ. މާލެއަކީ ހަރަދު ބޮޑު، އުޅެން އުނދަގޫ، ކޮތަރުކޮށްޓެއް ކަހަލަ ތަނެކެވެ. މައްސަލައަކީ ތަނެވެ. ތަނުގައި އުޅޭ މީހުންނެއް ނޫނެވެ. ކުޑަގޮޅިއެއްގައި އުޅެންޖެހުމަކީ ކޮންމެ މީހެއްގެ މިޒާޖަށް ވެސް ނުތަނަވަސްކަމެއް ގެނުވާނެ ކަމެކެވެ.

ރަށަށް ދެވުނުއިރު ނީޒާ އުޅެނީ މޮޔަވާ ވަރަށް މީހަކާ ހިތާވެގެންނެވެ. އަމްޖަދު އުޅެނީ ހަދާނެ ގޮތް ހުސްވެގެންނެވެ. ނީޒާއަށް ނަސޭހަތްދީދީ އަމްޖަދު ހުރީ ވަރުބަލިވެފައެވެ. އަހަރެން ވެސް ނީޒާއަށް ވިސްނައިދޭން މަސައްކަތް ފެށީމެވެ. ވީކަމެއް ހަރާމެވެ. ލޯބިވެރިޔާ ނޫން އެހެން މީހަކު ބުނާ އެއްޗެއް ނީޒާގެ ކަންފަތުން އެތެރެއަކަށް ނުވަދެއެވެ. ނީޒާގެ އުމުރުގެ ހަގުކަމާއި، ކިޔެވުމުގެ މުހިންމުކަމާ، ހަޔާތުގައި އިސްކަން ދޭންޖެހޭ ކަންކަން ވިސްނައިދިނީމެވެ. އެކައްޗެއް ވެސް ގަބޫލެއް ނުކުރިއެވެ. އަހަރެން ހިތަށްއެރިއެވެ. މާލެއަށް ނުދެވުނު ނަމައެވެ. އެ ބިރުވެރި ތަޖުރިބާ ނުކެރުވުނު ނަމައެވެ. ނީޒާ މަގުން ކައްސައިލުމުގައި އަމްޖަދުގެ ކުށެއް ނެތެވެ. އެ ކުޅިގަނޑު ފެށިފައިވަނީ އަހަރެން ވެސް ގޭގައި ހުއްޓައެވެ. އަހަންނަށް އެ ކަން ނޭނގުނީއެވެ. އަހަންނަކީ ދަރިންގެ ކަންކަން އެންމެ ގާތުން ބެލި މީހާއެވެ. ވީއިރު އަމްޖަދަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އޭނައަކީ ވަޒީފާގައި ގިނަ ވަގުތު ބޭރުގައި އުޅޭ މީހާއެވެ.

ރަށަށް ގޮސް ތެޔޮދަމާލުމުން ފައި ރަނގަޅުވިއެވެ. އެހެންނަމަވެސް އަރާމުކުރާކަށް ނުއޮވެވުނެވެ. ހުރިހައިކަމެއް ހުއްޓައިފައި، އޮފީހުން ޗުއްޓީނަގައިގެން އަހަރެން ޖެހުނީ ނީޒާގެ ބޯކޮޅުބަލާށެވެ. އަހަންނަށް ވަޒީފާ މުހިންމެވެ. އަހަންނަށް ވެސް އާމްދަނީއެއް ލިބުމަކީ ސިކުނޑިއަށް ލިބޭ ލުޔެކެވެ. އެހެން މީހުންގެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު ގެއަށް ޚަރަދުކުރަން ވިޔަސް އަބަދު ފިރިމީހާ ގާތުގައި ފައިސާ ދޭން އެދުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އަނެއްކޮޅުން ވަޒީފާ މަތިކުރަން ހޭބޯނާރާ އުޅުމަކީ ބުއްދިވެރި ނިންމުމެއް ވެސް ނޫނެވެ.

ޑުރަގު ބޭނުންކުރާ މީހަކު އާއިލާގައި ހުރުމަކީ، ގިނަ ފަހަރަށް ބޮލުގައިރިހުމެކެވެ. ބަދުނަސީބާއި ހަލާކެވެ. އެކަމަކު، ރާޝިދު ހުރިކަން އެއީ އަހަރެންގެ ނަސީބެކޭ ހިތަށްއެރިއެވެ. އޭނައަކީ ހިސާބުގަނޑަށް މަޝްހޫރު ޕާޓޭއެކެވެ. ކޮންމެ މީހަކު ވެސް އޭނަ ދެކެ ޖެހިލުންވެއެވެ. އޭގެ ބޭނުން ވަރަށް ރަނގަޅަށް އަހަންނަށް ހިފުނެވެ. ނަސޭހަތުން ނީޒާއަކަށް ފައިދާއެއް ނުކުރިއެވެ. އެއަށް ވުރެ ބޮޑަށް ނީޒާ ހުރީ ލޯބީގެ މަސްތުގައި ޖެހިފައެވެ. ނީޒާގެ ލޯބިވެރިޔާއަށް އިންޒާރުދޭން ރާޝިދާ ހަވާލުކުރީމެވެ.

"އެއްވެސް ކަމެއް ނޫނެއްނު!" ރާޝިދު އެހެން ބުނެލިއިރު ހީވީ އެ ފަދަ ދަނޑިވަޅެއްގެ އިންތިޒާރުގައި އޭނަ ހުރިހެންނެވެ. "ގެއްލުވައިލަންވީތަ؟"

"އުހުނއުހުނ!" އަހަރެން ދިޔައީ ސިއްސައިގެންނެވެ. "ގައިގަ އަތްލައިގެން ނުވާނެ. ބޭނުމީ ފައްސައިލަން. އަމްޖަދަށް ވެސް ނީޒާއަށް ވެސް މި ކަން އެނގިގެން ނުވާނެ."

ރާޝިދު މެދުވެރިކޮށް ނީޒާގެ ލޯބިވެރިޔާ ފައްސައިލެވުނީ، ހީކުރި ވަރަށް ވުރެ މާ ފަސޭހައިންނެވެ. އެއަށް ފަހު އެ ސޮރުގެ ޚަބަރެއް ނުވެއެވެ. އަހަރެން ހީކުރި ކަހަލަ ލަދުވެތިކަމެއް އާއިލާއަކަށް ކުރިމައްޗެއް ނުވެއެވެ. މިހާރު ނީޒާގެ ކިޔެވުން ނިމިއްޖެއެވެ. ނީޒާއާ ހެދި މޮޔަވެގެން އުޅުނު ސޮރު އެހެން މީހަކާ އިނދެފިއެވެ. އަހަރެންގެ ހަޔާތުން އޮޔާދިޔަ ބައި އަލުން އަނބުރާ ހޯދިއްޖެއެވެ.

މިހާރު މީހަކު މާލެދާން ބުންޏަސް އަހަރެން ހުންނަނީ މޭނުބައިކޮށްފައެވެ. ހޭހުއްޓައެއް އަހަރެން ދެނެއް މާލެއަކަށް ނުދާނަމެވެ. މާލެއަކީ ހާސްކަން ބޮޑު، އަޑުގަދަ، ބިރުވެރި ތަނެކެވެ. ގެދޮރު އިމާރާތްކުރާ އަޑު ކަނޑައިގެންނުދާ ގޮނގުރެޓު ޖަންގައްޔެކެވެ. އެކްސިޑެންޓުތަކާއި ކުއްލި މަރުތައް އާންމު ތަނެކެވެ. ވަރަށް ގޮތްކުޑަ މީހުންނާއި ވަރަށް ރަނގަޅު މީހުން ވެސް އުޅެއެވެ. އެކަމަކު ރަނގަޅު މީހުން ވަރަށް މަދެވެ. އަހަރެން މާލޭގައި ހުރި ގިނަ ގޭގެއަކީ އަހަރެންގެ އަތޮޅު މީހުން އުޅޭ ގޭގެއެވެ. އެހެނަސް ގޭގެ ވެރިމީހާ ފިޔަވައި ހިތެއް އޮންނަ މީހަކާ ދިމައެއް ނުވިއެވެ. ކޮންމެ މީހަކު ވެސް ބަލަނީ އެކަނިވެރި އަންހެނެއްގެ އެކަނިވެރިކަމުން ނާޖާއިޒު ފައިދާނަގާށެވެ. ކިތަންމެ ފިލައިގެން އުޅުނަސް ސަލާމަތެއް ނެތެވެ. މާލޭގަ އުޅޭ މީހުންގެ ހިތް ނުތަނަވަސްވެ ނިދި މަދެވެ. މީހުން އިންތިހާއަށް ގިނައެވެ. ފިކުރާއި "ހައިހޫނުކަން" ބޮޑެވެ. ހަމަ އެހެންމެ ރުޅި ގަދައެވެ. ގަވައިދެއް، އުސޫލެއް ނެތެވެ. އެއްކޮޅަށް ދުއްވާ މަގެއް، ޕާކުކުރަންވީ ތަނެއް ބެލުމެއް ނުއޮވެއެވެ. އިހުތިޔާރުކުރަނީ އެންމެ ކުރު މަގެވެ. އެމީހަކާ އެމީހެކެވެ. އަޑު ގަދަވެފައި ބިރު ކުޑަ މީހާއަކީ ރަސްގެފާނެވެ. އެއީ މީހުންގެ މައްސަލައެއް ހެއްޔެވެ؟ ނުވަތަ މާހައުލުގެ މައްސަލައެއް ހެއްޔެވެ؟ ދިރިއުޅެންޖެހޭ ތަންކޮޅު ކުޑަވެފައި، ކުރަންޖެހޭ ހަރަދުތައް ބޮޑުކަމުން ކޮންމެ މީހަކު ވެސް އުޅެނީ ފައިސާ ހޯދުމުގައި ހޭބޯނާރައެވެ. ދިރިއުޅުން ތަނަވަސްކުރުމުގައި އަވަދިނެތިއެވެ. ކޮންމެ މީހެއްގެ ވެސް އަސާސީ ބޭނުންތައް އިންތިހާއަށް ގިނައެވެ. ފެނުމުން ހިނިތުންވެލާ މީހަކު ނެތެވެ. ސަލާން ގޮވައިލާކަށް އެކަކަށް ވަގުތެއް ނެތެވެ.

އަހަންނަށް އެންމެ ކަމުދަނީ އަހަރެން އުފަންވި ރަށެވެ. ރަށުގެ ހިތްފަސޭހަ މާހައުލެވެ. މިހާރު އަހަރެން ލަނީ ގަޔަށް ދޫ، ގަދަ ކުލަކުލައިގެ ހެދުމެވެ. ބުރުގާއަޅައިފީމެވެ. އަހަރެންނަށް ވިސްނުނު ގޮތުގައި، ބުރުގާއަކީ އަންހެނުންގެ ހިމާޔަތެކެވެ. ރައްކާތެރިކަމުގެ ފަރުދާއެކެވެ. ނިވައިކަން ކުޑަވުމަކީ ކެހިވެރި ލޯތަކަށް ދެވޭ ދައުވަތެކެވެ. އެ ކަމުގައި މާލެއެއް ނުވަތަ އެހެން ރަށެއް ތަފާތެއް ނެތެވެ. ވަރަށް ފަހުން ޝަރީފު އަހަރެންގެ ރަށަށް އައެވެ. އަހަރުމެން ދެ މީހުން ދިމާވިއެވެ. ބީރައްޓެހި ނަޒަރަކުން ބަލަހައްޓައިގެން ޝަރީފު ހުރީއެވެ. އަހަރެން ދެނަހުރިކަމަކަށް ނަހަދަމެވެ.

"އައްސަލާމް އަލައިކުމް!" އަހަރެން އަރާ ހަމަވުމުން ޝަރީފު ބުންޏެވެ.

އަހަރެން ސަލާމް ބަލައިގަތީމެވެ. އެކަމަކު އަހަރެންގެ ބުރުގާ އަހަރެން ހިމާޔަތްކޮށްދިނެވެ.

"ދަންނަން ގޮތެއް ހުރީމަ ސަލާން ގޮވައިލެވުނީ." ޝަރީފު ބުންޏެވެ.

ޝަރީފަކަށް އަހަންނެއް ނޭނގުނެވެ. އެކަމަކު އަހަންނަކަށް ޝަރީފެއް ނުއޮޅެއެވެ. އޭނަގެ ކެހިވެރި ބެލުމަކަށް ބަދަލެއް ނާދެއެވެ. ބަހުރުވަޔާއި ރާގަކަށް ވެސް ބަދަލެއް ނާދެއެވެ. ހަމަ އެކަނި ތަފާތަކީ އަހަރެންގެ ރައްކާތެރިކަން އަންނައުނުން ކަށަވަރުވެފައިވާކަމެވެ. ޝަރީފުގެ ސުވާލަށް ޖަވާބެއް ނުދީ އަހަރެން ދިޔައީއެވެ. ފަސްއެނބުރި ނުވެސް ބަލަމެވެ. އެ ދުވަހަކީ އާދަޔާ ޚިލާފު މިނިވަންކަމެއް އަހަންނަށް އިހުސާސްކުރެވުނު ދުވަހެކެވެ. އަހަރެންގެ މާލެދަތުރަކީ ހިތްދަތި، ބިރުވެރި ތަޖުރިބާއެކެވެ. އެކަމަކު ފުންކޮށް ވިސްނައިފި ނަމަ، އަހަރެންގެ ލޯހުޅުވައިދިން އިބުރަތްތެރި ފިލާވަޅެކެވެ. ހެޔޮ މަގަށް ހުޅުވުނު ދޮރެކެވެ. އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަން އިހުސާސްވި ރަނުގެ ފުރުސަތެއް ވެސް މެއެވެ.

ނިމުނީ