އިންޑިއާގެ ފިލްމު ހަދާ މީހުންނަށް ބޮޑު ރައްކާތެރިކަމެއް

އިންޑިއާގެ ފިލްމު ހަދާ މީހުންނަށް އަބަދު ވެސް އޮންނަ އެންމެ ބޮޑު ބިރަކީ ފިލްމުތައް ލީކް ކުރުމާއި ފިލްމުތަކުގެ ވަގު ވިޔަފާރިކޮށްގެން ބައެއް މީހުން ނާޖާއިޒު ފައިދާ ނެގުމެވެ.


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިހާރު މި ވަނީ ކޮޕީރައިޓް ގާނޫނުގެ ދަށުން، ފިލްމު ހަދާ މީހުންނަށް ބޮޑު ރައްކާތެރި ކަމެއް ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން ސިނަމޮޓްގްރާފް އެކްޓް 1952 އަށް އިތުރުކުރި މާއްދާއަކާ އެކު މިހާރު ވަނީ ފިލްމުތަކުގެ ވަގު ވިޔަފާރިކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭނެ އުސޫލެއް ކަނޑައަޅައިފަ އެވެ.

ކެބިނެޓްގެ ތާއިދާ އެކު އިތުރުކުރި އެ މާއްދާގައިވާ ގޮތުން ފިލްމުތަކުގެ ވަގު ވިޔަފާރިކުރާ މީހުންނަށް ތިން އަހަރުގެ ޖަލު ހުކުމަކާ އެކު މަދުވެގެން 10 ލައްކަ ރުޕީސްގެ ޖޫރިމަނާއެއް ކުރެވިދާނެ އެވެ. މައްސަލައިގެ ބާވަތުން، ދެ އަދަބު އެއްކޮށް ވެސް ދެވި ދާނެ އެވެ.

މިފަދަ މާއްދާއެއް ކޮޕީރައިޓް ގާނޫނަށް އިތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ނެޝަނަލް މިއުޒިއަމް އޮފް އިންޑިއަން ސިނަމާ އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި، ފިލްމީ ފަންނާނުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ މޯދީ މިކަމަށް އިޝާރާތެއް ދެއްވާފައި ވަނިކޮށެވެ.

އެހެންވެ ފިލްމު ހަދާ މީހުންނަށް ސަރުކާރުން މި ކަށަވަރުކޮށް ރައްކާތެރިކަމާ އެކު ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ (ޕީޖީއައި) ވަނީ ބަޔާނެއް ނެރެ މިކަމަށް މަރުހަބާ ކިޔައި، ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.

ޕީޖީއައިގެ ރައީސް އަދި މަޝްހޫރު ޕްރޮޑިއުސަރު/ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރް ބުނީ މިއީ ފިލްމީ ދާއިރާއާ ގުޅުން ހުރި ހުރިހާ މީހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިކަމުގެ ސަބަބުން ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި މީގެ ފައިދާ ވަރަށް ބޮޑު ވާނެ ކަމަށް ބުންޏެވެ.

އިންޑިއާ އިން އަހަރެއްގެ މައްޗަށް 2،000 އާ ގާތް ކުރާ އަދަދަކަށް ފިލްމު ނެރޭ އިރު، މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ބޮލީވުޑަކީ އެވްރެޖްކޮށް އަހަރަކު 300 އެއްހާ ފިލްމު އުފައްދާ އިންޑަސްޓްރީއެކެވެ.