އާލިއާ ބަޓަކީ ކަރަން ޖޯހަރްގެ ޕަޕެޓެއް: ކަންގަނާ

މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޝަނުގައި ބަތަލާ ކަންގަނާއާ އެކީ ހިއްސާވި ކްރިޝް އާއި ބޮލީވުޑްގެ ބައެއް ފަންނާނުން ކަންގަނާ ދެކޮޅަށް ވާހަކަ ދައްކަމުން ދަނިކޮށް އޭނާ ވެސް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފި އެވެ.


ބޮލީވުޑްގެ ނުފޫޒު ގަދަ މީހުން ކަންގަނާގެ ދިފާއުގައި ވާހަކަ ނުދައްކާތީ އޭނާ ގިނަ ބަޔަކަށް ފާޑު ކީ އިރު ޒުވާން ބަތަލާ އާލިއާ ބަޓަށް ވެސް ހަމަލާ އަމާޒުކުރި އެވެ.

އޭނާ ބުނި ގޮތުގައި އަންހެނަކާ ދެކޮޅަށް ބަޔަކު ހިތު ހުރިހާ ވާހަކައެއް ދައްކައި، އެ މީހެއްގެ އަގު ވައްޓާލަން މަސައްކަތް ކުރާ އިރު، އާލިއާ ކަހަލަ ކާމިޔާބު ބަތަލާ އިން ދިފާއުގައި ނުނިކުތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ކަންގަނާ ބުނީ އާލިއާއަކީ ފައިސާގެ ފަހަތުން ދުވާ މީހެއް ކަމަށާއި އެއީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޕަޕަޓެއް ކަމަށެވެ.

"އާލިއާއަކީ ކަރަންގެ ޕަޕަޓެއް. ކަރަން ދައްކާ މަގުން އޭނަ ހިނގަނީ. އަހަރެން ސީދާ އާލިއާ ދިމާވެ، މަނިކަރްނިކާއާ ބެހޭ ގޮތުން ދެކޭ ގޮތާ ބެހޭ ގޮތުން ސުވާލު ކުރިން. އެކަމަކު އޭނައަކަށް ނުކުރެވުނު އެއްޗެއް ބުނާކަށް،" ކަންގަނާ ބުންޏެވެ. "އޭގެ މާނައަކީ އަންހެނެއްގެ ދިފާއުގައި ވާހަކަ ދައްކާނެހާ ހިތްވަރު ނެތް މީހެކޭ އާލިއާއަކީ. އަންހެނަކާ ބެހޭ ގޮތުން ތިމާ މީހާގެ އަމިއްލަ ޝުއޫރު ފާޅުކޮށްލަން ނުކެރެވޭ ހިސާބެއްގައިި ހުރުމަކީ ވަރަށް ވެސް ދެރަ ކަމެއް."

މަޖައްލާއެއްގެ ކަވަރުގައި އާލިއާ އާއި ކަރަން.

އާލިއާގެ އާއިލީ ފިލްމު ކުންފުނި ބަޓް ކޭމްޕުން 2006 ގައި ގެނެސް ދިން ފިލްމު "ގޭންގްސްޓާ" އިން ބޮލީވުޑަށް ނުކުތް ކަންގާ ބުނީ އާލިއާއަކީ ކާމިޔާބު ބަތަލާއަކަށް ވިޔަސް، އެއީ ކާމިޔާބީގެ އަގު ވަޒަންކުރަން ނޭނގޭ މީހެއް ކަމަށެވެ.

"އޭނާ އަށް ކާމިޔާބީ އަކީ ފައިސާ ކަމަށް ގަބޫލު ކުރެވެންޏާ އެއީ ފައިސާގެ އަޅެއް. އަދި ވަކި މީހަކު ޖަހާހާ ބެރަކަށް ނަށާ މީހަކަށް ވަންޏާ އެ މީހަކު ނުވާނެ ފުރިހަމަ މީހަކަށް ވެސް،" ކަރަން 2012 ގައި "ސްޓޫޓަންޑް އޮފް ދި އިޔާ" އިން ބޮލީވުޑަށް ތައާރަފު ކުރި ބަތަލާއާ ބެހޭ ގޮތުން ކަންގަނާ ބުންޏެވެ. "އަހަރެން އަދިވެސް ތަކުރާރުކޮށް ބުނާނީ ބޮލީވުޑަކީ ނެޕޮޓިޒަމްގެ ގޭންގެކޭ. އެހެންވެގެން މި އިންޑަސްޓްރީގައި ތިބޭ އެފަދަ މީހުންނަށް އަމިއްލަ ޝުއޫރު ފާޅުކޮށްލަން ވެސް ނުކެރެނީ. އަހަންނަކީ އެއް އިރެއްގައި ވެސް އެއްވެސް މީހަކާ ޒާތީ މައްސަލައެއް އޮންނަ މީހެއް ނޫން. އެކަމަކު ބޮލީވުޑުން އަބަދު ވެސް ބަލަނީ އަހަރެން އެކަހެރިކޮށްލެވޭތޯ."

ކަންގަނާގެ ވާހަކަތަކާ ގުޅިގެން އާލިއާ ބުނީ ހުނަރުވެރި ބަތަލާ އޭނާ ދެކެ ރުޅި އައިސްގެން ހުންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ކަންގަނާ ހިތުގައި ޖައްސަން ގަސްތަކު އެއްވެސް ކަމެއްކޮށްފައެއް ނޯންނާނެ. އަދި ކަމެއް ކުރެވިފައިވާ ނަމަ މައާފަށް ވެސް އެދޭނަން،" އާލިއާ ބުންޏެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނަކީ މި ފަހުން ފިލްމެއްގެ ޓްރެއިލާ ރިލީޒް ކުރާ އިރަށް، އެއަށް ތައުރީފުކޮށްފައި އެ މީހުންގެ ޝުއޫރުތައް ޓްވިޓާގައި ހާމަ ކުރާ ބައެކެވެ. އެކަމަކު "މަނިކަރްނިކާ" ޓްރެއިލާއާ ބެހޭ ގޮތުން ގިނަ ތަރިން ތިބީ ހިމޭނުންނެވެ. އެހެންވެ އެކަމާ ކަންގަނާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފަ އެވެ.