ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދުނިޔޭގެ އެންމެ މުސްކުޅި ދެ ޝާޕްޝޫޓަރުން ކަމަށްވާ އިންޑިއާގެ ޗަންދްރޯ އާއި ޕްރަކާޝީ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމަށް ބޫނީ ޕެޑްނޭކަރާއި ތާޕްސީ ޕައްނޫ ސޮއިކޮށްފި އެވެ.


އަނޫރާގް ކޭޝަޕާއި ރިލަޔަންސް އެންޓަޓައިންމަންޓް އަދި ނިދީ ޕަރަމްރު ގުޅިގެން ޕްރޮޑިއުސް ކުރާ މި ފިލްމަށް ދީފައިވާ ނަމަކީ "ސާންޑް ކީ އާންކް" އެވެ. އަންނަ ހަފުތާގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމުގެ ޑައިރެކްޓަރަކީ ލިޔުންތެރިޔާ ތުޝާރު ހީރާނަންދަނީ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރާ އަނޫރާގްގެ "މަންމަރްޒިޔާން" ގެ ބަތަލާ ތާޕްސީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 18 ގައި ރިލީޒް ކުރާ އަމީތާބް ބައްޗަންގެ "ބަދުލާ" އެވެ.

ބޫމީގެ އެންމެ ފަހުގެ ފިލްމު "ސޯންޗިރައްޔާ" އަންނަ މަހުގެ 1 ގައި ސިނަމާތަކުގައި ދައްކަން ގެންނަން ނިންމާފައިވާ އިރު، އޭނާ މިހާރު އަންނަނީ "ޕަތީ ޕަތުނީ އޯރް ވޯން" ގެ ރިމެކް ވެސް ޝޫޓް ކުރަމުންނެވެ.

ބޫމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޔޫޝްމަން ކުރާނާއާ އެކު ކުޅޭ ތިން ވަނަ ފިލްމު "ބާލާ" އާއި އެކްތާ ކަޕޫރްގެ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތު ކޭ ސިތާރޭ" ގެ އިތުރުން ކަރަން ޖޯހަރްގެ "ތަހުތު" ހިމެނެ އެވެ.

ޕްރިޔަންކާގެ ވެކްސް ސްޓެޗޫ ދައްކާލައިފި

ހޮލީވުޑްގައި ވެސް މިހާރު މަސައްކަތް ކުރާ ބޮލީވުޑްގެ ބަތަލާގެ ވެކްސް ސްޓެޗޫ މެޑަމް ޓްސޯޑްސް އިން ނިއު ޔޯކްގައި ދައްކާލައިފި އެވެ.

ސްޓެޗޫ ދައްކައިލަން ބޭއްވި ހަފުލާގައި ޕްރިޔަންކާ ވެސް ބައިވެރިވެ، އެއާ އެކު ފޮޓޯ ނަގާގައިވެ އެވެ.

ވެކްސް ސްޓެޗޫ ތައްޔާރުކޮށްފައި ހުރީ 2016 ވަނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި ޕްރިޔަންކާ ރަތް ކުލައިގެ ގައުންއަކާ އެކު ދައްކައިލި ލުކްސްގަ އެވެ. ނިއު ޔޯކްގައި ސްޓެޗޫ ދައްކައިލުމަށް ފަހު، މީގެ ނަކަލުތަކެއް ލަންޑަނާއި އޮސްޓްރޭލިއާ އަދި ހޮންކޮންގްގައި ވެސް ބަހައްޓާނެ އެވެ.

މެޑަމް ޓްސޯޑްސް މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ތަރިންގެ ސްޓެޗޫ ހަދާފައިވެ އެވެ. އޭގެ ތެރޭގައި އަމީތާބް، ބައްޗަން، އައިޝްވާރިޔާ ސަލްމާން ހާން، ޝާހްރުކް ހާން، މަދޫރީ ޑިކްސިޓް، ކަރީނާ ކަޕޫރް، ރިތިކް ރޯޝަން، ކެޓްރީނާ ކެއިފް، އަނިލް ކަޕޫރް، ކާޖޮލް އަދި ވަރުން ދަވަން ހިމެނެ އެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 14 ގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް؟" އިންނެވެ.

"ސޯންޗިރައްޔާ" ގެ އާ ޓްރެއިލާއެއް

އަންނަ މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ސޯންޗިރައްޔާ" ގެ އައު ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަބީޝެކް ޗޯބޭ ޑައިރެކްޓްކޮށްފައިވާ މި ކްރައިމް ޑްރާމާއަކީ ޑަކޮއިޓުންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ލީޑް ކާސްޓުންނަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ބޫމީ ޕެޑްނޭކަރާއި މަނޯޖް ބަޖްޕާއީ އާއި ރަންވީރު ޝޯރޭ އަދި އަޝުތޯޝް ރާނާ އެވެ.

ކުރިން މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރަން ނިންމި "ސޯންޗިރައްޔާ" އަންނަ މަހުގެ 1 އަށް ފަސްކޮށްފައިވާ އިރު، މިއީ 2016 ގެ ކާމިޔާބު ފިލްމު "އުޅުތާ ޕަންޖާބް" އަށް ފަހު، ޗޯބޭ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

އޭނާގެ ކުރީގެ ފިލްމުތަކާ އެއްގޮތަށް "ސޯންޗިރައްޔާ" އަކީ ވެސް ވަރަށް ރަސްޓިކް ފިލްމަކަށް ވާނެ އެވެ.

"ޖާންސީ ކީ ރާނީ" ކަލާޒް އަށް

މިދިޔަ މަހުގެ 25 ގައި ރިލީޒް ކުރި "މަނިކަރްނިކާ: ދި ކްއީން އިފް ޖާންސީ" ގައި ކަންގަނާ ރަނާވަތު ރާނީ ލަކްޝްމީބާއީގެ ރޯލް ކުޅެފައި ވަނިކޮށް، ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ސިލްސިލާއެއް ކަލާޒުން ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ "ޖާންސީ ކީ ރާނީ" އަންނަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަލާޒުން ކޮންމެ ރެއަކު ރާއްޖޭ ގަޑިން 10:00 ގައި ގެނެސް ދޭނެ އެވެ. މި ސިލްސިލާގައި ލަކްޝްމީބާއީގެ ރޯލް ކުޅެފައި ވަނީ 16 އަހަރުގެ އަނުޝްކާ ސެން އެވެ.

އޭނާ ބުނި ގޮތުގައ އެހާ ޅަ އުމުރުގައި ލަކްޝްމީބާއީ ގަދަ ވަރުގަދަ ތާރީހީ ޝަހުސިއްޔަތެއްގެ ރޯލް ކެރިއަރުގެ އެންމެ ކުރީކޮޅުގައި ލިބުމަކީ ބަތަލާއަކަށް ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އެހެންވެ "ޖާންސީ ކީ ރާނީ" އަށް ވަރަށް މަސައްކަތްކޮށްފައި ހުންނާނެ ކަމަށް ބުންޏެވެ.