އެއްބަސްވުން

ގަޑިން ރޭގަނޑު ނުވައެއް ޖަހައި ނުވަ މިނެޓު ހިނގައިފިއެވެ. އެކުވެރިން ދެ ފަހަރު ގުޅައިފިއެވެ. ޓީޝާޓު ލަމުންލަމުން އަހަރެން ކޮޓަރިން ނުކުތީމެވެ. އައިސްއަލަމާރި ހުޅުވައިލައިފައި ފެންފުޅި ނަގައި ތުންޖެހީމެވެ. ހުޅުވައިފައި ހުރި ޓީވީން ފެންނަނީ ޕާޓީއެއްގެ ޖަލްސާއެކެވެ. ކަރުން ހަން ދާ ވަރަށް މީހަކު ވާހަކަދައްކާ ތަނެވެ. އަހަރެން ޓީވީ ނިއްވައިލީމެވެ.


"ބަހައްޓަބަލަ ބަހައްޓަބަލަ!" ބައްޕަ ކޮޓަރިން ނުކުމެ، ދުވެފައި އައިސް ޓީވީ ހުޅުވިއެވެ.

ގިނަ ވަގުތު އަހަރެން ގެއިން ބޭރުގައި އުޅެނީ ސަބަބެއް އޮތީމައެވެ. ގޭގައި ދެން އުޅޭ ދެ ބޭބެއާއި ބައްޕައަކީ އެއް ޓީމެވެ. މަންމައާއި ދެ ފިރިހެން ކޮއްކޮއަކީ އަނެއް ޓީމެވެ. ގޭގެ މުޅި މާހައުލު ސިޔާސީވެ ނިމިއްޖެއެވެ. ގިޓާކޭސް ނަގައި ކޮނޑުގައި އަޅުވައިލައިގެން އަހަރެން ނުކުތީމެވެ.

"މިރޭ ވެސް ދަނީ؟" ބައްޕަ ސުވާލުކުރިއެވެ. "ހަތަރުދަމު ތިހެން ބޭރުގަ ނޫޅެ އިންސާނުން އުޅޭ ގޮތަށް އުޅެން ދަސްކޮށްބަލަ ދަރިފުޅާ!"

އަހަރެން ހިތަށްއެރިއެވެ. އިންސާނުން އުޅޭ ގޮތަށް ގޭގައި އުޅެނީ ކާކު ހެއްޔެވެ؟ އިންސާނުން އުޅޭ ގޮތް އެނގެނީ ކާކަށް ހެއްޔެވެ؟ ދެން ވީ ބައްޕަޔާ ޒުވާބުކުރާށެވެ. ކީއްކުރަން ހެއްޔެވެ؟ ގޭގެ އެހެން މީހުންގެ ނަޒަރުގައި އަހަންނަކީ ބޭކާރު މީހެކެވެ. އުމުރުން ފަންސަވީސް އަހަރުވީއިރު ވެސް ދިރިއުޅުމެއް ނުލިބުނެވެ.

އަހަރެން ގެއިން ނުކުތްއިރު ހަމްޒާގެ ރަތްކުލައިގެ ނިސަން ޖޫކް ކާރު ގެއާ އަރާ ހަމަވަނީއެވެ. ތަނަވަސް، ބޮޑު ކާރެކެވެ. ފަހަތަށް ގިޓާ ލުމަށް ފަހު ކާރުތެރެއަށް އަހަރެން ދެމިގަތީމެވެ. ދުއްވަން އިނީ ހަމްޒާއެވެ. ކުރީ ސީޓުގައި ދެން އިނީ ލީނާއެވެ. ހަމްޒާގެ އަންހެނުންނެވެ. ފަހަތުގައި އިނީ އިރުފާނާއި ނުދަންނަ ފިރިހެނެކެވެ. އެކަކު ވެސް އެ މީހާ އަހަންނަށް ތައާރަފެއް ނުކޮށްދެއެވެ. ނުދަންނަ މީހާ ފިޔަވައި ދެންތިބި އެންމެންނަކީ އަހަރުމެންގެ މިޔުޒިކު ގުރޫޕުގެ މެންބަރުންނެވެ.

ހިތްގައިމު ދުވެއްޔެއްގައި ދުއްވައިފައި ގޮސް ހުޅުމާލޭގެ "ކޮފީ އެންޑް ޗެޓު" ކޮފީޝޮޕްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލިއިރު މުޅި ހިސާބުގަނޑު އޮތީ ކުލަ ބޮކިތަކުން ދިއްލައިއަޅައިފައެވެ. މޫދާ ވަރަށް ކައިރީގައިހުރި އެ ކޮފީޝޮޕަކީ އަހަރުމެންގެ އެކުވެރި އައިމަންގެ ތަނެކެވެ. އެރެޔަކީ އެ ތަން ހުޅުވާ ރެއެވެ.

ރީތި ލަވަތަކެއް އަހަރުމެން ކުޅުނީމެވެ. ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ. ޝޯ ނިންމައިފައި، ކޮފީގެ އެކި ރަހަތައް އަހަރުމެން ތަޖުރިބާކުރީމެވެ. އައިމަން ރަހަދައްކަން އެންމެ ބޭނުންވީ ބައޯހެޒަޑް ކޮފީއެވެ.

"މީ މަ ބުނި ކޮފީ،" ފަޚުރުވެރި ރާގެއްގައި އައިމަން ބުންޏެވެ. "މީގެ ބާރަ އައުންސުގަ ނުވަ ސަތޭކަ އަށާވީސް މިލިގުރާމު ކެފެއިން ހުންނާނެ. އަހަންނަށް ފެނުނު އެންމެ ސްޓްރޯންގް ކޮފީއަކީ މީ. ކާކު ރަހަބަލައިލަން ބޭނުމީ؟"

އަހަރުމެން އެންމެން އަތްމައްޗަށް ނެގީމެވެ. އެކަމަކު، ކަންދިމާކުރި ގޮތުން އެންމެ ތަށްޓެއް ހެދުނުތަނާ ކޮފީމެޝިނު މައްސަލަޖެހުނެވެ. އެ ހިސާބުން އެ ކޮފީތަށި ރަނަށް ބަދަލުވިއެވެ. ދެން ޖެހުނީ ގުރުއަތުލާށެވެ. ކާމިޔާބުކުރީ އަހަންނެވެ. ކޮފީތަށި ހިފައިގެން އަހަރެން ދިޔައީ މޫދުކައިރިއަށެވެ. ހަމަޖެހިލައިގެން އިނދެ ތަށިން އެތިފޮދެއް ބޯލީމެވެ. އަހަރެން ހީކުރި ލޯކުރިމަތީގައި އަލިކޮޅުތަކެއް އެނބުރިގަތްކަމަށެވެ. މުޅި ހަށިގަނޑު ލުއިވެގެންދިޔައެވެ. އަހަންނަކީ އާންމުކޮށް ކޮފީބޯ މީހެކެވެ. އެކަމަކު އެހާ ވަރުގަދަ ކޮފީއެއް ދުވަހަކު ވެސް ނުބޮމެވެ.

މާލެއަންނަން އަހަރުމެން ދަތުރު ފެށިއިރު ދަންވަރު އެކެއްޖަހަނީއެވެ. އުޑުމަތި ސާފު، ހަނދުވަރު ރީތި ރެއެކެވެ. ޝޯގައި ކުޅުނު ލަވަތަކާއި، ލިބުނު ހޫނު ތަރުހީބުގެ ވާހަކަ އޮލަވަމުންދިޔައިރު އަހަރެން އިނީ އެހެން ދުނިޔެއެއްގައެވެ. ހިތަށްއެރިއެވެ. އަހަރެން މި އުޅެނީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ލޯބިވެރިއެއް ނެތެވެ. ދިރިއުޅުމުގެ ހަރުދަނާ މިސްރާބެއް ނެތެވެ. އަންހެންކުދީންގެ ލޯބީގެ ސިގުނަލުތައް އަހަންނަށް ނުލިބެނީކީ ނޫނެވެ. އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައި އެތައް ކުދީންނެއް އެބަތިއްބެވެ. މައްސަލައަކީ، އެކަކަށް ވެސް އަހަރެންގެ އެއްބަސްވުން ގަބޫލުނުކުރެވުމެވެ. ކައިވެނިކުރަން އަހަރެން ތައްޔާރެވެ. ދަރިއެއްގެ ޒިންމާ އަހަންނަކަށް ނުނެގޭނެއެވެ. އެ ނުކުތާ ގަބޫލުކުރެވޭ އަންހެނަކާ ދިމައެއްނުވިއެވެ. ކުއްލިއަކަށް ކާރުގެ ފުރޮޅު ފަޅައިގެންދިޔައެވެ. ކާރު ދުއްވައިފައި ދިޔައީ އާދައިގެ އިސްޕީޑެއްގައެވެ. އެހެންކަމުން އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ މަގުގެ އަރިމަތީގައި ކާރު މަޑުކޮށްލިއެވެ.

ބުރިޖަށް ނާރަނީސް ފުރޮޅު ފަޅައިގެންދިޔައީތީ އަހަރެން ވަރަށް އުފާވިއެވެ. އާ ފުރޮޅެއް ނެތެވެ. ކައިރީގައި ގަރާޖެއް ނެތެވެ. ދަންވަރު ވަގުތުކަމުން ހެދޭނެ އިތުރު ގޮތެއް ވެސް ނެތެވެ. ހަމްޒާއާއި ލީނާ ބޭނުންވީ ކާރުގައި މަޑުކުރާށެވެ. އިރުފާން ހިނގައިގަތީ ހުޅުމާލެއާ ދިމާއަށެވެ. ނުދަންނަ މީހާ ދެ ފިކުރެއްގައި ހުރީއެވެ. ގިޓާ ހިފައިގެން އަހަރެން ދަތުރު ފެށީ ބުރިޖާ ދިމާއަށެވެ. އަވަހަށް ގެއަށްދިޔުމުގެ ބަދަލުގައި އިރުއަރަންދެން ބުރިޖުމަތީގައި އިނަސް އަހަރެންގެ ބޮލަށް މާ ފަސޭހައެވެ. ރީތި ހަނދުވަރާއި، ކަނޑުން އަރައިގެންއަންނަ ނަލަ ރޯޅިޔަކީ އަހަރެންގެ ހިތަށް ލިބޭނެ ފަރުވާއެކެވެ. ބުރިޖުގެ މެދަކާ ހަމައަށް ދެވުމުން އަހަރެން މަޑުކޮށްލީމެވެ. ގިޓާ ނަގައިފައި ކޮނޑުގައި އަޅުވައިލީމެވެ. އަޑުއަހާނެ މީހަކު ނެތެވެ. އެކަމަކު އަހަރެން ގިޓާކުޅެން ފެށީމެވެ. ބައެއް ފަހަރު އަހަރެން ކަނޑާ ދިމާއަށް އެނބުރެމެވެ. އަނެއްބައި ފަހަރު ބުރިޖާ ދިމާއަށް ވެސް ހުންނަމެވެ. މުޅި ބުރިޖު އޮތީ ފަޅުވެފައެވެ. ކުއްލިއަކަށް ބުރިޖުގެ ކޮޅުން އަލިކޮޅެއް ފެނުނެވެ. ހުޅުމާލެއާވީ ފަރާތުންނެވެ. ނިކަން ބާރަށް ކައިރިވަމުން އައިސް ކާކުކަން އެނގޭ ވަރު ވިއިރު އެއީ ކުޑަ ސައިކަލެކެވެ. ދުއްވަންއިނީ އަންހެންކުއްޖެކެވެ. މާ ބޮޑަކަށް ސިފައެއް ވަތްކެއް ނުވެއެވެ. އިސްކޮޅުން ދިގުވެފައި އޭނަގެ ދިގު އިސްތަށިގަނޑު ފަންވެފައި ކުލަ އައްޔެވެ. ވައިކަފައިފައި އަހަރެން ހުރަސްކޮށް ދިޔައެވެ. ދިޔަ ވަރަށް ވުރެ އަވަހަށް އަނބުރައިލައިފައި އައެވެ.

"ފައްޔާޒު؟" އޭނަ އެހިއެވެ.

ގިޓާކުޅެމުން އަހަރެން ބޯޖަހައިލީމެވެ. އަހަރެން ހީކުރީ މިޔުޒިކު ގުރޫޕުގެ ކޮންމެވެސް މީހަކު ފޮނުވި ކުއްޖެއްކަމަށެވެ. އެ އަންހެންކުއްޖާއަކީ އަހަރެން ދުށް އެންމެ ރީތި އަންހެންކުއްޖާއެވެ. އެންމެ އަޅައިގަތީ އޭނަގެ ދެލޮލެވެ. ސާފު ކަޅިރަވައެވެ. ދިގު އެސްފިޔަތަކެވެ.

"ކިހިނެއް އަހަރެންގެ ނަން އެނގުނީ؟" އަހަރެން އެހީމެވެ.

"ޖުބްރާން ބުނީ،" އޭނަ ޖަވާބުދިނެވެ. "ފައްޔާޒަކަށް އޭނައެއް ނޭނގޭނެ."

އަހަރެން ހީކުރީ ޖުބްރާނަކީ ކާރުގައި އިން އަހަރެން ނުދަންނަ މީހާ ކަމަށެވެ.

"އަރާ،" އޭނަ އެދުނެވެ. "މާލެއަށް މިދަނީ."

އެ ސައިކަލުގެ ފަހަތަށް އަރަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ އެކަމަކު އަވަހަށް ގެއަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވެ ޖަވާބެއް ނުދެވިފައި ހުރީއެވެ.

"އަންހެނެއްގެ ސައިކަލު ފަހަތަށް އަރަން ލަދުގަންނަނީތަ؟" ސަމާސާ ރާގެއްގައި އޭނަ ބުންޏެވެ.

އެހާ ހިސާބުން ސައިކަލަށް އަރަން އަހަންނަށް މަޖުބޫރުވިއެވެ. ސައިކަލަށް އެރުމާއެކު މާލެއާ ދިމާއަށް އޭނަ މިސްރާބުޖެހިއެވެ. އޭނަގެ އިސްތަށިގަނޑު ގިނަ ވަގުތު އޮންނަނީ އަހަރެންގެ މޫނުމަތީގައެވެ. ކަނީރުމަލުގެ މީރުވަސް މެދުނުކެނޑި ދުވިއެވެ. އަހަރެން އިނީ ވީހާ ވެސް ފަހަތަށްޖެހިގެންނެވެ. އެކަމަކު އޭނަ ފަހަތަށް ޖެހުމުންޖެހުމުން އައިސް އަހަރެންގެ އުނގުތެރެއަށް ވަނެވެ. އެއީ ހިތްގައިމު ދަތުރެކެވެ. އޭނަގެ މޫނު ބަލައިލަން ހިތްއެދެން ފެށުމުން ލޯގަނޑަށް ބަލައިލީމެވެ. މޫނެއް ނުފެނުނެވެ. އޭނައެއް ވެސް ނުފެނުނެވެ. އެކި ގޮތްގޮތަށް އަރިވެގެން ވެސް ލޯގަނޑަކުން އެ އަންހެންކުއްޖާއެއް ނުފެނުނެވެ. އަހަރެން ހީކުރީ ކޮފީގެ އަސަރުކަމަށެވެ.

"ބިރުގަތީ؟" އޭނަ ބުނި އަޑުއިވުނެވެ. "ލޯގަނޑަކުން އަހަންނެއް ނުފެންނާނެ."

އަހަރެން ނުތަނަވަސްވިކަން ގައިމެވެ. އެކަމަކު ބިރުގަންނަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރުމެން އިންސާނުންނަކީ، އަހަރުމެންނާ އެކުގައި އެހެން ބަޔަކު އުޅޭކަމަށް ގަބޫލުކުރާ މީހުންނެވެ.

"އަހަންނާ އިންނަންވީނު. ދަރިން ބަލާކަށް ނުޖައްސާނަމޭ!" އޭނަ ބުންޏެވެ. "އެކަމަކު އެއްވެސް މީހެއް ގާތުގަ މި ވާހަކަ ބުނެގެން ނުވާނެ. އަހަރެން ދުރުކުރަން މަސައްކަތް ކޮށްގެންނުވާނެ. ފައްޔާޒު އެހެން މީހަކާ އިނދެގެން ނުވާނެ. ގަބޫލުތަ؟"

އަހަރެން އެއްބަސްވީމެވެ. ސައިކަލު ހުއްޓީ މާލެއިން ބުރިޖު ފެށޭ ހިސާބަށެވެ.

"މިއަށް ވުރެ ކުރިޔަކަށް އަހަންނެއް ނުދާނަން،" އޯގާތެރިކަމާ އެކުގައި އޭނަ ބުންޏެވެ. "އަހަންނާ ބައްދަލުކުރަން ބޭނުމިއްޔާ އަންނަންޖެހޭނީ މި ތަނަށް."

ހަތަރުކަޅި ހަމަކޮށްފައި އޭނަގެ މޫނަށް އަހަރެން ބަލައިލީމެވެ. އެއީ އިންސާނެއް ނޫނޭ ބުނާނެ އެއްވެސް ސިފައެއް އަހަންނަކަށް ނުފެނުނެވެ. އިރުކޮޅަކު ބަލަންހުރެފައި އަހަރެން ހިނގައިގަތީމެވެ. ކުރިޔަށް ދެ ފިޔަވަޅު އަޅައިފައި ފަސްއެނބުރި ބަލައިލީމެވެ. ފެންނަންއޮތީ ފަޅު ބުރިޖެވެ. އެއިން ހިސާބަކު ވެސް މީހެއްގެ ހިލަމެއް ނެތެވެ. އަހަރެންގެ ގައިން ހީބިހިނެގިކަން އިހުސާސްކުރެވުނެވެ. އެ ކަހަލަ ހާލަތެއް އަހަންނަށް މެދުވެރިވެދާނެކަމަކަށް ދުވަހަކު ވެސް ހިއެއްނުކުރަމެވެ.

އަހަރުމެން ބައްދަލުވަނީ ސިނަމާލެ ބުރިޖުންނެވެ. އޭނަގެ ނަމަކީ ޢުރާޤާއެވެ. މާނައަކީ ބޯ ވާރެއެވެ. މާނަޔާ އޭނަޔާ ވަރަށް ގުޅެއެވެ. ކުއްލިއަކަށް އައިސްފައި އިސާހިތަކު ހިނގައިދާނެއެވެ. ހުޅުމާލޭގައި މީހުން އާބާދުވެފައިވާ ހިސާބަށް ޢުރާޤާ އާދެއެވެ. އެއަށް ފަހު ގެއްލެއެވެ. އޭނަ ދިރިއުޅެނީ އިންސާނުން ދިރިނޫޅޭ ހިސާބުގައެވެ. އިރުއޮއްސުމަށް ފަހު ކޮންމެ ވަގުތަކު އަހަރެން ދިޔަޔަސް އޭނަޔާ ބައްދަލުވެއެވެ. އަހަރެން ބޭނުންއިރަކު އަހަންނާ އެކުގައި އޭނަ އުޅެއެވެ. އަހަރެން ގިނައިން ބުރިޖުގައި އުޅެނީ ފައިމަގުގައެވެ. ކިތަންމެ ބަޔަކަށް އަހަރެން ފެނެއެވެ. އަހަންނަކީ މޮޔައެކޭ ހީކުރާ މީހުން މަދެއް ނޫނެވެ. އެކަމަކު އަހަރެން ދެކެނީ އަހަންނަކީ އެންމެ ބުއްދިވެރިމީހާ ކަމުގައެވެ. އަންބެއްގެ ޒިންމާއެއް ނެތެވެ. އަންބަކަށް ޚަރަދެއް ނުކުރަމެވެ. ދަރިންގެ ޒިންމާ ވެސް އަހަރެންގެ ބޮލަކުނޭޅޭނެއެވެ. އެކަމަކު، އަންބެއްގެ ފަރާތުން ލިބެންވާ ހުރިހާ އުފަލެއް އަހަންނަށް ލިބެއެވެ.

މީހުންގެ ނަޒަރުގައި އަހަންނަކީ ހުސްހަށިބައި މީހެކެވެ. އަހަންނާ އިންނާނެ މީހަކު ވެސް ނުވިއެވެ. އެހެންވެ އަހަރެންގެ ބުއްދި ސަކަރާތްވީއެވެ. އެންމެން ހީކުރަނީ އެ މީހުންނަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. މީހުންނަށް ފެންނަނީ އަހަރެން އެ މީހުންނަށް ދައްކާ މޫނެވެ. ފަރުދާވެފައިވާ އަހަރެންގެ ހަގީގަތެއް އެކަކަށް ވެސް ނޭނގެއެވެ. އެ މީހަކަށް ހީވާ އެއްޗެއް އެ މީހަކު ކިޔަނީއެވެ. އެކަކު ވެސް އަހަންނަށް ހަމްދަރުދީ ނުވާށެވެ. އަހަރެންހާ އުފަލުގައި އުޅޭ މީހަކު ނެތެވެ. މީ އަހަރެން އުޅެން ބޭނުންވި ގޮތެވެ. އަހަރެން އެއްބަސްވެފައިވާ ގޮތެވެ.

ނިމުނީ