ފޫހިވޭ، ވަރަށް ފޫހިވޭ

ލޯބިވާންޖެހެނީ އަހަރެން ލޯބިވާ މީހެއް ދެކެއެވެ. އަހަރެން ފޫހިނުވާނީ އޭރުންނެވެ. ނޫނެކެވެ. އަހަރެން ދެކެ ލޯބިވާ މީހެއް ދެކެއެވެ. އަހަރެން ވަރިކޮށްފައި ނުދާނީ އޭރުންނެވެ. ނޫނެކެވެ. އެހެން މީހުންނަށް ކަމުދާ މީހެއް ދެކެއެވެ. އެކުވެރިންނާއި މައިންބަފައިންގެ ރުހުންލިބޭނީ އޭރުންނެވެ. އެއްބަނޑުއެއްބަފާ މީހުންނާއި، އެކުވެރިންގެ ކައިވެނިން ތަޖުރިބާހޯދަމުން ލޯބީގެ ބާޒާރަށް އަހަރެން ނުކުތީ ތިން ފުރޭނި ހިފައިގެންނެވެ. އެއް ފުރޭނި މަތީގައި އަނެއް ފުރޭނި ބަހައްޓައިގެންނެވެ. އެއީ އަހަރެން ލޯބިވުމާއި، އަހަރެން ދެކެ ލޯބިވުމާއި، އެހެން މީހުންގެ ރުހުންލިބުމެވެ. އަހަންނަށް ކުރެވުނީ އާދަޔާހިލާފު ތަޖުރިބާއެކެވެ.


އަހަރެންގެ ނަމަކީ ޔުމްނާއެވެ. އަހަންނަކީ ފިސާރި އަންހެނެކެވެ. އުމުރުން އަށާރަ އަހަރުގައި ވަޒީފާއަދާކުރަން ފަށައިފީމެވެ. އަހަންނަށް ހަރަދުކުރާނެ މައިންބަފައިން ތިއްބަސް، އަހަރެން އަމިއްލައަށް އާމްދަނީހޯދަން ފަށައިފީމެވެ. އަހަރެންގެ ފަލްސަފާއަކީ، ފުދުންތެރިވާން ބޭނުން ނަމަ އާމްދަނީ ލިބެންޖެހޭނެއެވެ. އަހަންނަކީ ހަރަދު ބޮޑުކޮށް އުޅޭ މީހެކެވެ. ކަންމަތީ ފިހާރައިން އެއްޗެއް ގަންނަން ނުކުންނަން ޖެހުނަސް އަހަރެން ހުންނާނީ ވަރުގެކޮޅަށް ނަލަހެދިފައެވެ. ތުންފަތުގައި ކުލަޖައްސައި، ރީތި ހެދުންލައި، ރީތި ފައިވާނަށްއަރައިފައެވެ. އެއީ އަހަރެންގެ މިޒާޖެވެ. ހަމުގެ ދޮންކަމާއި، އިސްތަށިގަނޑުގެ ފަންކަން އަހަންނަށް ވަރަށް މުހިންމެވެ. ނާޒުކު ހަށިގަނޑާއި، އޮމާން ހަންގަނޑަށް ޓަކައި އަހަރެން ލައްކަ މަސައްކަތްކުރަމެވެ. ރީތި ސިފައަކީ އަހަންނަށް ވަރަށް މުހިންމު އެއްޗެކެވެ.

ލޯބީގެ ސަމުގާއަށް ބަލަމުން، މިސްރާބުހިފަމުން ދަނިކޮށް އާތިފު ކިޔާ މީހަކަށް ސަމުގާގެ ކަށި ސީދާވިއެވެ. އެއީ އަހަރެންގެ ފުރަތަމަ ލޯބިވެރިޔާއެވެ. އަލަށް ކުރި ތަޖުރިބާއެކެވެ. އަހަރުމެން ދެ މީހުންގެ އުމުރަކީ ވެސް ތޭވީހެވެ. އާތިފަކީ ބަސްމޮށުންތެރިކަމަށް ކުޅަދާނަ މީހެކެވެ. އޭނަގެ ކިބައިގައި ހުރި ކަމުދާ ހަމައެކަނި ސިފަޔަކީ ވެސް އެއީއެވެ. ބަރު އަޑަކާއި، ފަށުވި ލަފުޒުތަކެވެ. އާތިފާ ވާހަކަދައްކަން އިންނައިރު ވަގުތުދާ ގޮތް ނުވެސް އެނގެއެވެ. ފޮނުވާ އެކިއެކި މެސެޖުތަކުން އަހަރެންގެ ހިތް ލުހިގެން އަންނަ ކަހަލައެވެ. ދެން އޮތީ އެ ފައިސާފޮތީގެ އަނެއް ފުށެވެ. އާތިފުގެ ބަތާނައެވެ. އޭނައަކީ މަސްތީ ދުނިޔެއެއްގައި އުޅޭ މީހެކެވެ. އަހަންނަށް އެ ކަން އެނގުނީ ރައްޓެހިވި ފަހުންނެވެ. ޑުރަގު ބޭނުންކުރުމާއެކު އޭގެ ވިޔަފާރި ވެސް އާތިފު ކުރެއެވެ. ޑުރަގަށް ހަރަދުކޮށްފައި އެހެން ކަމަކަށް ހަރަދުކުރާނެ ފައިސާއެއް އޭނަ އަތަކު ނުހުރެއެވެ. އެ ހަގީގަތް އެނގެނީ މަދު މީހަކަށެވެ.

ލޯބިވިޔަސް އާތިފު ކަހަލަ މީހަކާ އިނދެގެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހަގީގަތް މައިންބަފައިންނަށް އެނގިއްޖެއްޔާ ވަރަށް ގިނަ އުނދަގޫތަކާ އަހަރެން ކުރިމަތިލާންޖެހޭނެއެވެ. އިންނަން ދިމާކޮށްފިއްޔާ އަހަރެން ގެއިން ނުކުންނަން ވެސް ޖެހިދާނެއެވެ. އެކަމަކު އަހަންނަކީ ވެސް ލޯބީގެ ވާހަކަތައް ކިޔާ، ލޯބީގެ ފިލްމުތައް ބަލާ މީހެކެވެ. ހަށިގަނޑުގައި ޒުވާން ޖޯޝް ހުއްޓެވެ. ލޯބިވެރިންނަކީ އެހެން އެއްވެސް ކަމަކާ ބިރުގަންނަ ބައެއް ނޫނެވެ. ކުރިމަތިވާ ކޮންމެ ހުރަހެއް ގިރާކުރާނެއެވެ. އެހެން ކަމެއް ވެސް އަހަންނަށް އެނގެއެވެ. މައިންބަފައިންނާ ވަކިން އަމިއްލައަށް ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ލޯތްބަށް ޓަކައި އަމިއްލަ ގެދޮރާއި، ތަނަވަސްކަމުގައި ކޮޅުފައިންޖަހައިފައި ގޮސް އާތިފުގެ އުނގުގައި އޮށޯވެލައިގެން އަހަންނަށް އޮވެވިދާނެއެވެ. އިރުކޮޅަކުން ހައިހޫނުކަން އައިސް ދޮރުގައި ޓަކިޖަހައިލާނެއެވެ. އެ ހިސާބުން ލޯބި ކުޑަދޮރުން ފުންމައިލައިގެން ރައްކާވެދާނެއެވެ. ހޭވެރިކަންވާއިރު އަހަރެން ހުންނާނީ މައިންބަފައިން ގާތަށް ސަލާންޖަހަން އައިހެވެ. ރަނގަޅަށް ވެއްޖެއްޔާ އޭރު ކިހިލީގައި ދަރިޔަކު އިންނާނެއެވެ. އާތިފަކީ އަންބަކާއި ދަރިއެއް ގެންގުޅެވޭ ފެންވަރުގެ މީހެއް ނޫނެވެ.

"ދެން އެހެނެއް ނުވާނެއްނު!" ގަބޫލުނުކުރެވޭ ކަހަލަ ރާގެއްގައި އިރުފާނު ބުންޏެވެ. "އަހަރުމެން ވެސް މިތިބީނު އެހީވާން. އަހަންނަށް ހާދަ ހީވެޔޭ ތި އުޅެނީ އާތިފުގެ ސިފަ ކަޑަވީމަހެން."

އިރުފާނަކީ އާތިފުގެ ޒަމާންވީ އެކުވެރިއެކެވެ. ކޮންމެ ހާލެއްގައި ވެސް އާތިފުގެ ދިފާއުގައި އިރުފާން ތެދުވާނެއެވެ. އެކަމަކު އެ ފަދަ މަޝްވަރާއެއް ކުރަން އެ ނޫން މީހަކު އަހަންނަކަށް ނުފެނުނެވެ.

"ރަށު އެންމެން ތިހެން ކިޔަސް އިރުފާނަކަށް ތިހެނެއް ނުބުނެވޭނެ،" އަހަރެން ބުނީމެވެ. "އިރުފާނަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މި ދައްކަނީ ކޮން ވާހަކައެއްކަން."

އިރުފާންގެ ހައިރާންކަން ހައްތަހާ ބޮޑުވި ކަހަލައެވެ. އެ ހިސާބުން އަހަންނަށް މަޖުބޫރުވީ މަގު ކުރުކޮށްލާށެވެ.

"ޑުރަގުގެ ވާހަކަ މިދައްކަނީ،" މަޑުމަޑުން އަހަރެން ބުނީމެވެ. "އޭނަ އެހެރީ ވަރަށް ބޮޑުވަރުވެފަ. އިރުފާނަށް އެނގޭނެ އެ ކަން."

"ކާކު ދެއްކި ވާހަކައެއް ތީ؟ އާތިފަކީ ބަލި މީހެއް. ކެއާ ބޭނުންވާ މީހެއް. އެހެންވެ ޔުމް ކަހަލަ ކުއްޖަކު އާތިފުގެ ލައިފުގަ އެބަޖެހޭ ހުންނަން،" އިރުފާން ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "ޔުމްއަކީ އާތިފު ނުލާހިކު ޓްރަސްޓުކުރާ ކުއްޖެއް. ޔުމްއަކީ ނުލާހިކު ހިތްހެޔޮ ކުއްޖެއް. ޔުމްގެ ލޯބިން އާތިފަށް ރަނގަޅު ލައިފެއް ހޯދައިދެވިދާނެ. ވިސްނާލަބަލަ! އެއީ ކިހާ ސަޅިކަމަކަށްވާނެ. ކިހާ ގިނަ ބަޔެއްގެ ރެސްޕެކްޓު ޔުމްއަށް ލިބޭނެ. ލޯތްބަކީ ކިހާ ޕަވަފުލް އެއްޗެއްކަން ސާބިތުކޮށްދޭން ކިހާ ރަނގަޅު ޗާންސެއް މީ. ޔޫ ކޭން ޑޫ އިޓް! މިހާރު އާތިފު ދޫކޮށްލާފަ ގޮއްސިއްޔާ މީހުން ކީކޭ ކިޔާނީ؟ އޭނަ ބަލިކަމުންނޭ، އޭނަގެ ލުކްސް ރީތި ނޫންވީމައޭ ޔުމް އޭނަ ދޫކޮށްލީ. ބޭނުންތަ އެހެންވާން؟"

އިރުފާން އެއްބަސް ނުވިޔަސް އާތިފުގެ މައްސަލައަކީ ޑުރަގެވެ. ނުފެންނަންވާ އެތައް މަންޒަރެއް އަހަންނަށް ފެނިއްޖެއެވެ. އެކަމަކު އަހަރެން ރުޅިވީ އާތިފުގެ ސިފަ ހުތުރުކަމުންނޭ މީހަކު ބުނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އިރުފާންގެ ވާހަކަތައް ގަބޫލުކުރާކަމަށް އަހަރެން ހެދުނީމެވެ. ހިތަށްއެރިއެވެ. އާތިފު ރަނގަޅުކުރުމަކީ އަހަންނަށް ކުރެވިދާނެ ކަމެކެވެ. ލޯބީގެ ބޭނުމަކީ އެއީއެވެ. ކަމުގެ އުނދަގޫކަމާއި ބޮޑުކަމެއް އަހަންނަކަށް އޭރަކު ނުވިސްނެއެވެ. ބޭނުންވީ ރީތި ނަމެއް ހޯދާށެވެ. އަހަރެންގެ މޮޅުކަން ދައްކާށެވެ. ހަޔާތުގެ ހުރިހައިކަމެއް އެއްފަރާތް ކޮށްލައިފައި އާތިފު ރަނގަޅުކުރަން އަހަރެން މަސައްކަތް ފެށީމެވެ. އެކަށީގެންވާ ވަގުތު ލިބުނު ނަމަ އަހަންނަށް ކާމިޔާބު ވެސް ވީހެވެ. އެކަމަކު، ބައްޕައަށް އެ ކަން އެނގުނެވެ. ބައްޕައަކީ ފުލުހެކެވެ. އާތިފަކީ ބައްޕައަށް އާ މޫނެއް ނޫނެވެ.

ބައްޕަގެ ދަރުބާރަށް އަހަރެން ހާޒިރުކުރެވުނެވެ. ހުކުން އިއްވުނެވެ. އަހަރެންގެ އެއްވެސް އާދޭހެއް ބައްޕަ އަޑެއްނޭހިއެވެ. ވަގުތުން ރުޅިވާން އެންގިއެވެ. ބުއްދިވެރިކަމާއި، އޯގާތެރިކަމާ އެކުގައި ބައްޕަ އެ ކަން ކުރަން އުޅުނު ނަމަ އަހަރެން ރުހުނީސް ކަންނޭނގެއެވެ. އެކަމަކު ދެކޮޅަށް ތެދުވުމުން އަހަރެންގެ ޒުވާން ލޭ ވެސް ކެކިގަތެވެ. މަންމަޔަކާ މަންމައެކެވެ. ބައްޕަޔަކާ ބައްޕައެކެވެ. ގެއަކާ ގެއެކެވެ. ކައިވެނިކޮށްގެން، ދެތިން އަންނައުނު ހިފައިގެން އަހަރެން ގެއިން ނުކުތީމެވެ. އާތިފުގެ ގެއަށް ދިޔައީމެވެ.

އާތިފުގެ ގެއެއް ނެތެވެ. އެ ކަން އެނގުނުއިރު މާ ލަސްވެއްޖެއެވެ. އަހަރުމެން ބަދަލުވީ ކުލީ ކޮޓަރިއަކަށެވެ. ކުރިން އަހަރެން އުޅުނު ކޮޓަރިއާ އަޅާބަލާއިރު މާ ބޮޑަށް ވެސް ދަތި، ކުޑަ، ހޫނު ގަދަ ތަނެކެވެ. ދެން ވެސް އަހަރެން ހޭއަރާ ގޮތެއް ނުވިއެވެ. އަހަރެންގެ ހިތްވަރަށް ރައްޓެހިން ތައުރީފުކުރިއެވެ. އެ ތައުރީފަކުން އަހަންނަށް ވީ ފައިދާއެއް ނެތެވެ. ފަސޭހައެއް ނެތެވެ. އެހެންވިޔަސް، އެ ތައުރީފަށް އަހަރެން ހުރީ ފެންބޮވައިފައެވެ. ހުރިހާ އުނދަގުލެއް ދިރުވައިލައިގެން، ލުއި ހިނިތުންވުމެއް ތުންފަތުގައި ކުރަހައިލައިގެން، އަހަރެންގެ ހަޔާތުގެ ބައްތެލި ކަނޑަށް ނެރުނީމެވެ. ހިތަށްއެރިއެވެ. ސަހަރޯއެވެ.

ކައިވެނީގެ ފުރަތަމަ ރޭ އަހަންނަށް އާތިފު ގެއްލުނެވެ. ދެން އުފަންވީ އެހެން އާތިފެކެވެ. ރުޅި ގަދަ، ދޫ ނުބައި މީހެކެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. އެންމެ ރެޔަކުން މީހަކަށް އެހާ ބޮޑު ބަދަލެއް އާދޭ ހެއްޔެވެ؟ ނޫނެކެވެ. އާތިފު ކުޅަދާނައީއެވެ. އަހަރެންނަށް ކަމުދާ ސިފަތައް އޮޅުންފިލުވައިގެން، އެ ސިފަތައް ގައިގައި ޖައްސައިގެން ބޯވައެއްހެން އާތިފު ކުލަ ބަދަލުކޮށްލީއެވެ. ރައްޓެހިވެގެން އުޅުނު ހުރިހާ ދުވަހަކު އަހަރެން ފެނުނީ އަހަރެން ދެކެން ބޭނުންވި މީހާއެވެ. އަސްލު މީހާ ފެނުނީ އެކުގައި އުޅެން ފެށީމައެވެ.

ގިނަ ވަގުތު އާތިފު އޮންނަނީ އެނދުމައްޗަށް ދެމިފައެވެ. ދެފައިމައްޗަށް ކޮޅަށް ހުންނަނީ މަދު ވަގުތުކޮޅަކަށެވެ. އާތިފުގެ "ޑިއުޓީ ގަޑިއަކީ" ރޭގަނޑު އެގާރައިގެ ފަހެވެ. އިރުއަރަންދެން އާތިފު އުޅެނީ ވިޔަފާރީގައި ބޭރުގައެވެ. އެ ކައިވެންޏަކީ އަހަރެން ނިންމި ނިންމުމެކެވެ. މައިންބަފައިންނާ ދެކޮޅަށެވެ. ވީއިރު ކުރަން އޮންނާނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ ކޮޓަރި ކުއްޔާއި، ދެމީހުންނަށް ވެސް ހަރަދުކުރަނީ އަހަރެން ހޯދާ ފައިސާއެވެ. އާތިފު އަބަދު ހުންނަނީ "ގޭސްވެފައެވެ." އެތައްމިތަނަށް ހޮޑުލައެވެ. ކުޑަ ކުއްޖަކު ގެންގުޅުމަށް ވުރެ އޭނަ ބަލަހައްޓަން އުނދަގޫވިއެވެ. ގެއިން ބޭރުގައި އަވަދިނެތި އޮފީސް މަސައްކަތުގައި އުޅެފައި އައިސް ކޮޓަރީގައި އާތިފު ބެލެހެއްޓުމުގެ މަސައްކަތެވެ. އެއަށް ދިރިއުޅުމެކޭ ކިޔަން އަހަރެންގެ ނަފުސު އެއްބަހެއް ނުވިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އާތިފު ހައްޔަރުކޮށް، ގޭގެ އެތައްމިތަނުން ޑުރަގު ހޯދިއެވެ. އާތިފު ގެންދިޔައީ ޖަލަށެވެ. އެކަނިވެރިވީ އަހަންނެވެ. މައިންބަފައިން ތިބީ ގޮތުގައެވެ. ބަސްނާހާ ދަރިފުޅަށް އިބުރަތެއް ހާސިލުކޮށްދޭން އެ މީހުން ބޭނުންވިއެވެ. އާތިފު ޖަލަށްލުމުން އޭނަގެ އެކުވެރިން ވިއްސިވިހާލިވިއެވެ. ކަމެއްދިމާވެގެން ގުޅާލިޔަސް ފޯނެއް ނުނަގައެވެ. ނަސީބަކުން އޭރު ވެސް އަހަރެން އުޅުނީ ވަޒީފައިގައެވެ. އަތްމަތި ދައްޗެއް ނުވެއެވެ. މީހެއް ގާތަށް ސަލާންޖަހާކަށް ނުދަމެވެ. ހިތަށްއެރިއެވެ. ޖަލުން ސަލާމަތްވާއިރު އާތިފަށް ހުންނާނީ ކޮންމެވެސް އެއްޗެއް ވިސްނިފައެވެ. ކެތްކޮށްލައިގެން ހުންނާނީއެވެ.

އާތިފުގެ ފޯނުކޯލު އަންނަން ފެށިއެވެ. ޖަލަށް ފޯނު ވެއްދޭބާއޭ އަހަރެން ހިތަށްއެރިއެވެ. ބޮޑެތި އަދަދުތަކުން ރީލޯޑު އަޅައިދޭންޖެހުމާއި، އާތިފު ފޮނުވައިގެން އަންނަ މީސްމީހުންނަށް ފައިސާދިނުން އާންމުވާން ފެށިއެވެ. އަހަންނަކަށް ފައިސާ ރައްކައެއް ނުކުރެވެއެވެ. ފައިސާތަކަށް އާތިފު ކުރަނީ ކީއްކަން އެހުމުގެ ހައްގެއް އަހަންނަކަށް ނޯވެއެވެ. ކޮޓަރީގައި ރައްކާކުރަން އެކި ސައިޒުގެ ޕާރުސަލުތައް ގެންނަން ފެށިއެވެ. އޭގެ އެތެރޭގައި ހުރީ ކޯޗެއް ހެއްޔެވެ؟ މީހަކު ކޮންމެހެން ބުނާކަށް ނުޖެހެއެވެ. އެއީ ޑުރަގެވެ. އެ ކޮޓަރީގައި އަހަރެން އުޅޭހައި ދުވަހަކު އެ ތަކެތީގައި އަހަރެން ހިފަންޖެހޭނެއެވެ. އަހަރެން ހޯދާ ހުރިހާ ފައިސާއެއް ކަނޑަށްއަޅަން ޖެހޭނެއެވެ. އެހީވާކަށް އެކަކު ވެސް ނާންނާނެއެވެ. ގޮތެއް ނިންމަންޖެހުނީ އަހަންނެވެ.

ނުނިމޭ