ފްރާންސްގެ ފިލްމު "ޕޮއިންޓް ބްލޭންކް" ގެ ހިންދީ ރިމޭކެއް ހަދަނީ

މިދިޔަ އަހަރު "ވީރޭ ދީ ވެޑިން" ގެނެސްދިން ޑައިރެކްޓަރު ޝަޝަންކާ ގޯޝް ހޮލީވުޑްގެ ފިލްމު "ބިގިން އެގެއިން" ގެ ހިންދީ ރިމޭކާ ހަވާލުވުމަށް ފަހު، އަނެއްކާ ވެސް އެހެން ފިލްމެއްގެ ރިމޭކެއް އުފައްދަން އަތުކުރި އޮޅާލައިފި އެވެ.


މި ފަހަރު އޭނާ ހިންދީ އޯޑިއަންސަށް ގެނެސްދޭން އަމާޒު ހިފާފައި ވަނީ 2010 ގައި ރިލީޒްކުރި ފްރާންސްގެ ފިލްމު "ޕޮއިންޓް ބްލޭންކް" އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ފިލްމުގެ ރައިޓްސް ގަނެފައި ވަނީ އަންނަ މަހުގެ 8 ގައި ރިލީޒްކުރާ، އަމީތާބް ބައްޗަންގެ ތުރިލާ "ބަދުލާ" ގެ ޕްރޮޑަކްޝަން ޓީމުގައި ހިއްސާވާ އެޒުއާ އެންޓަޓައިންމަންޓެވެ.

ޝާހްރުކް ހާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ވެސް ހިއްސާވާ "ބަދުލާ" އަކީ 2004 ގައި ރިލީޒް ކުރި ސްޕެއިންގެ ފިލްމު "އަންއިންވައިޓެޑް ގެސްޓް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ނަމަވެސް "ޕޮއިންޓް ބްލޭންކް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ފްރެޑް ކެވަޔޭ ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ އެކްޝަން ތުރިލާއެކެވެ.

"ޕޮއިންޓް ބްލޭންކް" ގެ ޓްރެއިލާއެއް.

ދެހާސް ސާދަ ވަނަ އަހަރު "ހޫބްސޫރަތު" ވެސް ގެނެސް ދިން ޝަޝަންކާ ޑައިރެކްޓް ކުރާ "ބިގިން އެގެއިން" ގެ ހިންދީ ރިމެކަކީ ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ނަމަވެސް "ޕޮއިންޓް ބްލޭންކް" އާއި "ބިގިން އެގެއިން" ރިމެކްގެ ތެރެއިން ކުރި މަސައްކަތް ފަށާނީ ކޮން ފިލްމެއް ކަމެއް އަދި ނޭނގެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަބީޝެކް ބައްޗަން ވަނީ 2011 ގައި ރިލީޒް ކުރި ފްރާންސްގެ ފިލްމު "ސްލީޕްލެސް ނައިޓް" ގެ ހިންދީ ރިމެކަށް ސޮއިކޮށްފަ އެވެ. އެކަމަކު އެ ފިލްމާ ބެހޭ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

މި އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާން ހާންގެ "ބާރަތު" އަކީ ވެސް ބޭރު ފިލްމެއްގެ ރިމެކެކެވެ. އެ ފިލްމަކީ 2014 ގައި ރިލީޒް ކުރި ދެކުނު ކޮރެއާގެ "އޯޑް ޓު މައި ފާދާ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އަދި މި ފިލްމުގެ އެއް ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީ ވަނީ 2015 ގައި ރިލީޒް ކުރި ދެކުނު ކޮރެއާގެ "ވެޓެރެން" ގެ ރައިޓްސް ވެސް ގަނެފަ އެވެ.