ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ނޯޓްބުކް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


މި ފިލްމަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ. "ނޯޓްބުކް" ބެލުންތެރިންނަށް އެންމެ ހާއްސަ ވާނެ އެއް ސަބަބަކީ ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނުނު ކުރީގެ ބަތަލާ ނޫޓާންގެ މާމަދަރި ޕްރަނޫޓާންގެ އެކްޓިން ބަލައިލަން ލިބުމެވެ. ޔަގީނުން ވެސް މި ފިލްމުން މާމަގެ އެކްޓިން ހުނަރު އޭނާގެ ހުރިތޯ ބެލުންތެރިން ވަޒަން ކުރާނެ އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ނޯޓްބުކް" އަކީ ސަލްމާން ހާން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ 2012 ގެ ފިލްމު "ފިލްމްސްތާން" ގެނެސް ދިން ނިތިން ކައްކަރެވެ.

ކަޝްމީރުގައި މަންޒަރުތައް ނަގާފައިވާ ފިލްމުން ކުޑަކުދިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި ޕްރަނޫޓާން "ނޯޓްބުކް" ގައި ފެނިގެން ދާނީ ޓީޗަރެއްގެ ރޯލުންނެވެ. އޭނާ ކުޅެފައިވާ ކެރެކްޓާގެ ނަމަކީ ފިރުދައުސް އެވެ. ޒަހީރު ކުޅެފައި ވަނީ ކަބީރު ކިޔާ ކެރެކްޓާއެކެވެ.

ސުނިލް، ކަޕިލްގެ ޝޯއަށް އެހެން ގޮތަކަށް

ސޮނީ ޓީވީގެ " ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކުރިން ޑރ. މަޝްހޫރު ގުލާޓީގެ ކެރެކްޓާ އިން ފެނިގެން ދިޔަ ކޮމީޑިއަން/އެކްޓަރު ސުނިލް ގްރޯވާ އެ ޝޯ އަށް އަލުން ތައްޔާރުވެއްޖެ އެވެ.

އެކަމަކު މި ފަހަރު އޭނާ ޝޯ އަށް ދާނީ ބައިވެރިއެއްގެ ގޮތުގައެއް ނޫނެވެ. މެހުމާނެއްގެ ގޮތުގަ އެވެ. އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާންގެ "ބާރަތު" ގެ ޓީމް ފިލްމު ޕްރޮމޯޓް ކުރަން ކަޕިލް ޝޯގައި ބައިވެރިވާ އިރު، ސަލްމާނާއި ބަތަލާ ކެޓްރީނާ ކެއިފާ އެކު ސުނިލް ބައިވެރިވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އެ ފިލްމެ މުހިއްމު ރޯލަކުން އޭނާ ފެނިގެން ދާނެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ސަލްމާން ޕްރޮޑިއުސް ވެސް ކުރާ ޝޯއެކެވެ. މި ޝޯގެ ހިއްސާވެލަން ސުނިލް ދާން ނިންމާފައިވާ އިރު، ދާދި ފަހުން ސްޓާ ޕްލަސް އިން ވަނީ ކަޕިލްގެ ޝޯގެ ފޯމެޓާ ދާދި އެއްގޮތަކަށް ސުނިލްގެ ކޮމެޑީ ޝޯއެއް "ކާންޕޫރްވާލޭ ކުރާނާސް" ގެ ނަމުގައި ގެނެސް ދީފަ އެވެ.

ސުނިލް އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ވިޝާލް ބަރަދުވާޖްގެ "ޕަޓާޙާ" އެވެ.

ޕޫޖާ ބޭދީ އެންގޭޖްވެއްޖެ

"ޖޯ ޖޯތާ ވޮހީ ސިކަންދަރު" ފަދަ ފިލްމުތައް ކުޅުނު ކުރީގެ ބަތަލާ ޕޫޖާ ބޭދީ އެންގޭޖްވެއްޖެ އެވެ.

ކުރީގެ ކައިވެންޏަށް ލިބުނު ދެ ތަރިން ޒުވާން އުމުރަށް އަޅާފައި ވަނިކޮށް 48 ގެ އަހަރު ޕޫޖާ އަލުން އެންގޭޖްވެފައި ވަނީ އޭނާ ރައްޓެހިވެގެން ގިނަ އަހަރެއްހާ ދުވަސްވެފައިވާ މަނެކް ކޮންޓްރެކްޓާއާ އެވެ. އެންޖޭޖްވިކަން ޕޫޖާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

މަޝްހޫރު އެކްޓަރު ކަބީރު ބޭދީގެ އަންހެން ދަރިފުޅު ޕޫޖާ ކުރިން ކައިވެނި ކުރީ ފަރުހާން ފަރުނީޗަރުވާލާއާ އެވެ. އެ ދެ މީހުން 1994 ގައި ކުރި ކައިވެނީ ރޫޅުނީ 2003 ގަ އެވެ. އެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަކީ އާލިއާ ފަރްނީޗަރުވާލާ، 21، އާއި 19 އަހަރުގެ އުމަރު އިބްރާހީމެވެ.

ސައިފް އަލީ ހާން ޕްރޮޑިއުސްކޮށް، މުހިއްމު ރޯލެއް ކުޅޭ "ޖަވާނި ޖާނެމަން" އިން އާލިއާ ބޮލީވުޑަށް ތައާރަފު ވާނެ ކަމަށް ބެލެވެ އެވެ.

"އިންޑިއަން 2" ހުއްޓުމަކަށް

މަޝްހޫރު އެކްޓަރު ކަމަލް ހަސަން އެކްޓިން އަށް އަލްވަދާއު ކިޔާ ފިލްމު "އިންޑިއަން 2" ބަޖެޓްގެ މައްސަލާގައި ހުއްޓުމަކަށް އައިސްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ ކުރީކޮޅު ޝޫޓިން ފެށި ފިލްމު ހުއްޓުމަކަށް އައީ މި ފިލްމު ޕްރޮޑިއުސް ކުރާ ލައިކާ ޕްރޮޑަކްޝަނާއި ޑައިރެކްޓަރު އެސް ޝަންކަރާ ދެމެދު ބަޖެޓްގެ މައްސަލާގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ލައިކާ އިން އުފައްދައި، ޝަންކަރު މިދިޔަ އަހަރު ގެނެސް ދިން އިންޑިއާގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމު "2.0" އަށް އުންމީދު ކުރި ވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ "އިންޑިއަން" އަށް ޝަންކަރު ބޭނުންވާ ވަރުގެ ބޮޑު ބަޖެޓެއް މި ފަހަރު ދޭން އެ ކުންފުނިން ތައްޔާރެއް ނޫނެވެ.

އަނެއްކޮޅުން އެ ފިލްމު ހަދަން އޭނާ ބޭނުން ވަނީ ވަރަށް ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށްވާތީ ލައިކާ އިން ފިލްމަށް އިންވެސްޓް ކުރަން ފަސްޖެހި، "އިންޑިއަން 2" ގައި ހިއްސާ ނުވާން ވަނީ ނިންމައިފައި ކަމަށްވެ އެވެ.

އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން "އިންޑިއަން 2" މި ވަގުތު ކުރިއަށް ނުގެންދެވި އޮތީ "2.0" ގައި ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ވިލަންއެއްގެ ރޯލް ކުޅުނު ގޮތަށް މި ފަހަރު ވެސް ބޮލީވުޑްގެ އޭ ލިސްޓް ތަރިއަކު "އިންޑިއަން 2" ގެ ވިލަންއަކަށް ގެންނަން ބޭނުންވި ނަމަވެސް އެކަން އަދިވެސް ހަމަނުޖެހި އޮތުމެވެ.

ފިލްމުގެ ވިލަންގެ ރޯލް އަޖޭ ދޭވްގަން އަށް ހުށަހެޅި ނަމަވެސް، ފިލްމަށް ވަގުތު ދެވެން ނެތިގެން އޭނާ ވަނީ ހުށަހެޅުން ދޫކޮށްލައިފަ އެވެ.